އިތުރު  ޕާޓީއަކާ އެކު ކޯލިޝަނެއް ހެދުމެއްނެތި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބުކޮށް އެމްޑީއޭއަށް ވެރިކަމަށް އާދެވޭނެ ކަމަށް އެ ޕާޓީގެ ރައީސް  އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭއިން މިއަދު ބޭއްވި އެ ޕާޓީގެ ކޮންގްރެސްއަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސިޔާމް ވަނީ އިތުރު ޕާޓީތަކާ ކޯލިޝަން ހަދަން ނުޖެހޭ ސަބަބު ކިޔައިދެއްވާފައެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ޕާޓީއަކުން ކޮންމެހެން ކޯލިޝަނެއް ބޭނުމެއް ނުވޭ ދިވެހިރާއްޖޭގެ ވެރިކަމަށް އަންނާކަށެއް. އެއީ އަޅުގަނޑުމެންނަކީ ވަރަށް ސާފު ތޯހިރުބައެއް. ފަސްބައި ވަރަށް ސާފުވާނެ,” ސިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނާ މެދު އެމްޑީއޭ އިން ކަންތައްކުރިގޮތް އެ ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުންނަށް ކިހާ ފައިސާއެއް ދޭ ބައެއްކަން ދިވެހިރާއްޖޭގަ އެންމެ ގިނައިން ފައިސާ ދޭ ބައެއްގެ ގޮތުގައި ގައިމުވެސް ދިވެހި ދައުލަތަށް އާސަންދަ އާއި އަދި އެހެނިހެން ކަންތައްތައް ކުރުމަށް ދިވެހި ދައުލަތަށް ފައިސާ ދޭ ބަޔަކީ އަޅުގަނޑުމެން,” ސިޔާމް ވިދާޅުވިއެވެ.

އެހެން ކަމުން އެމްޑީއޭ އަކީ ދިވެހި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭނެ ބައެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދިއެ ޕާޓީގެ ވިސްނުން މިވަގުތު ހުރީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށް ވެރިކަމަށް އައުމަށްކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.