އިންޑިއާގެ މަޝްހޫރު ރެސްޓޯރެންޓް ޗެއިންއެއް ކަމަށްވާ “ނަގާސް” ގެ ތިންވަނަ ރެސްޓޯރެންޓް މާލޭގައި ހުޅުވައިފިއެވެ.

ހާބަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ އެސްޓީއޯ ފުޑް ކޯޓްގައި “ނަގާސް އެކްސްޕްރެސް” ނަމުގައި ހުޅުވި ރެސްޓޯރެންޓްވެސް ހާއްސަ ވާނީ އިންޑިއާގެ އަންދްރާ އަދި ހައިދްރައާބާދުގެ ކެއުންތަކަށެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި 50 އަށްވުރެ ގިނަ ރެސްޓޯރެންޓް ހިންގަމުންދާ “ނަގާސް” ރެސްޓޯރެންޓްތަކުގައި ތައްޔާރުކުރާ ކާއެއްޗެހި ތައްޔާރުކުރާ ރެސިޕީތަކަކީ އިންޑިއާގެ ގަނޑުވަރުތަކުގައި ކައްކަން ބޭނުން ކުރި އޮރިޖިނަލް ރެސިޕީތަކެވެ.

ނަގާސް ރެސްޓޯރެންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

“ނަގާސް” ޗެއިންގެ ރެސްޓޯރެންޓްތައް ރާއްޖޭގައި ހިންގާ ގްރީން ގްރޯ ފުޑްސް ޕްރައިވެޓް ލިމިޓެޑްގެ އިސް ބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި، ހާބަރު ފުޑް ކޯޓްގައި ހުޅުވާފައިވާ އެހެން ގިނަ ރެސްޓޯރެންޓްތަކާއި ތަފާތުކޮށް ނަގާސް އެކްސްޕްރެސްގައި ބުފޭއެއް ނުހުންނާނެއެވެ.

ނަމަވެސް އޯޑަރު ދެއްވުމުން ހަތް މިނެޓާއި ދިހަ މިނެޓާއި ދެމެދުގެ ވަގުތެއްގައި ކާއެއްޗެހި ތައްޔާރުކޮށްގެން ހިދުމަތް ދޭނެކަމުގެ ޔަގީންކަން އެތަނަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ގްރީން ގްރޯ ފުޑްސްގެ ފަރާތުން ދެއެވެ.

އޭގެ އިތުރުން ހާބަރުގައި ހުޅުވި ރެސްޓޯރެންޓުން މަސާލާ ދޯސާ، ވަޑޭ އަދި އިޑްލީ ކަހަލަ އިންޑިއާގެ ހާއްސަ ކާނާތައް ކަސްޓަމަރުންގެ ކުރިމަތީ ލައިވްކޮށް ތައްޔާރުކޮށް ސާވްކުރެވޭނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.

ފުޑްކޯޓްގައި ހުޅުވި “ނަގާސް” ރެސްޓޯރެންޓްގެ އަގުތައް ހެޔޮވާނެ ކަމަށާއި، އަދި އަގާއި އެއްވަރުގެ ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެކަމަށް އެކުންފުނީގެ ފަރާތުން ބުނެފައިވެއެވެ.

ގްރީން ގްރޯ ފްޑްސްއިން ބުނިގޮތުގައި “ނަގާސް” ގެ އެހެން ރެސްޓޯރެންޓްތަކާއި އެއްގޮތަށް މާލޭގައި މި ހުޅުވުނު ރެސްޓޯރެންޓްވެސް ހާއްސަ ވާނީ ކެއުމަށް ލޯބިކުރާ “ފުޑީސް” މީހުންނަށެވެ. އަދި ރެސްޓޯރެންޓްގެ މެނޫގައި އިންޑިއާގެ “އޮތެންޓިކް” ރަހަ ހިމެނޭ ގިނަ ބާވަތްތަކެއްގެ ކާއެއްޗެހި ތަޖުރިބާ ކޮއްލުމުގެ ފުރުޞަތު ލިބޭނެކަމަށް ބުންޏެވެ.

“ނަގާސް” ރެސްޓޯރެންޓުން ލިބޭ ބައެއް ކާއެއްޗެހި / ފޮޓޯ: ނަގާސް

ހާބަރު ފުޑްކޯޓްގައި ހުޅުވި މި ރެސްޓޯރެންޓް ހުންނާނީ އިއްޒުއްދީން މަގުގައި ހުންނަ 17 ނަންބަރު ފުޑްކޯޓްގައެވެ.