ނ. އަތޮޅުގެ ނުފޫޒު ގަދަ ސިޔާސީ ބަޔަކު ބޮޑު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އަދި އެމްޑީޕީ ދޫކޮށް، މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާ ގުޅިއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީއަށް އަދި ޕީޕީއެމްގައި ވެސް މަސައްކަތް ކުރި ނ. އަތޮޅުގެ ވަރުގަދަ ސިޔާސީ މީހުންތަކެއް އެމްޑީއޭއާ ގުޅިފައިވަނީ އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެމީހުންގެ ފޯމު ހަވާލުކޮށްފައިވަނީ އެޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދަށެވެ.
އެމްޑީއޭއަށް ރޭ ސޮއިކުރި މީހުންގެ ތެރޭގައި އެމްޑީޕީ ވުޖޫދުވެގެން އައި ދުވަހުން ފެށިގެން ނ. މާފަރުގައި އެ ޕާޓީގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަދުނާން އަލީ (އަދުނާންބެ) ހިމެނެއެވެ. އޭނާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ގާތް މީހެކެވެ.
އަދުނާނުބެ ބުނެފައިވަނީ އެޕާޓީއާ ގުޅުނީ ލީޑަރު ސިޔާމްގެ އޯގާތެރިކަމާއި، ހިދުމަތް އަދި އިހުލާސްތެރިކަން ގަބޫލުކޮށްގެން ކަމަށެވެ.
ދެވަނައަށް އެޕާޓީއަށް ސޮއިކޮށްފައިވަނީ ނ. އަތޮޅު ކެނދިކުޅުދޫގެ އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އެކްޓިވިސްޓް ހުސެއިން ގާސިމް (ދޮންހުސެއިން)އެވެ. ދޮން ހުސޭނު ބުނެފައިވަނީ އެމްޑީއޭއާ ގުޅުނީ ލީޑަރު ސިޔާމް އަކީ އިހުލާސްތެރި ބޭފުޅަކަށް ވާތީ ކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި ގެންގުޅުއްވާ ތަސައްވަރުގެ ސަބަބުން ކަމުގައެވެ.
އަދި އެމްއެމްޕީއާރްސީގެ ލިސްޓް ފަދަ ކޮރަޕްޝަންގެ ލިސްޓެއްގައި ވެސް ލީޑަރ ސިޔާމްގެ ނަން ނޯންނަ ކަން ފާހަގަކޮށް އޭނާ ވަނީ ސިޔާމްގެ އިހުލާސްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. ކެނދިކުޅުދޫ އެމްޑީޕީ ޖަގަހަ ވެސް ހިންގާ ދޮން ހުސޭން އެމްޑީއޭއަށް ގުޅުމަކީ އެރަށުގެ ސިޔާސީ ޗާޓު ބަދަލުވާނެ ވަރުގެ ކަމެއްކަމަށް އެރަށު މީހުން ގަބޫލުކުރެއެވެ.
ހަމައެހެންމެ، ސިޔާމް އަކީ ރާއްޖޭގެ ރައީސްކަން ކުރައްވަން އެންމެ އެކަށޭނެ ބޭފުޅަކަށް ވެގެންދާނެ ކަމަށް ވެސް ރޭ ސޮއިކުރި މީހުން ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ، ކެނދިކުޅުދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ މަހުމޫދު ވެސް ރޭ ވަނީ އެޕާޓީއާ ގުޅިވަޑައިގެންފައެވެ. އޭނާއަކީ ދައުލަތަށް 15 އަހަރު ދައުލަތަށް ހިދުމަތް ކޮށްފައިވާ އަދި އަދިވެސް ދައުލަތަށް ހިދުމަތް ކުރަމުން އަންނަ މީހެކެވެ.
އެމްޑީއޭއަށް ސޮއިކުރި އެންމެން ވެސް ވަނީ ލީޑަރު ސިޔާމްގެ ތެދުވެރިކަމާއި އިހުލާސްތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. ހާއްސަ ގޮތެއްގައި ނ. އަތޮޅުގެ ތަރައްގީއަށް އޭނާ ކުރާ ކަންކަމަށް އެންމެން ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ވެސް ނ. އަތޮޅުން ގިނަ އަދަދެއްގެ މީހުން ވަނީ ރޭ އެމްޑީއޭއަށް ސޮއިކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
އެމްޑީއޭއިން މިހާރު އަންނަނީ ފޯރިއާއެކު ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އަންނަނީ އެމްޑީއޭއަށް ތާއީދުކުރަމުންނެވެ.