ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މާދަމާ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ، ރައީސްގެ ދެ ކަނބަލުންގެ ހައްޖަށް ވަޑައިގެންނަވަނީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށެވެ. އަދި ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފަހަރެވެ. ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އެހެންކަމުން މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީވެސް ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

ރާއްޖެއިން މި އަހަރު ހައްޖަށްދާ ހުރިހާ ހައްޖުވެރިން މިހާރު ފުރާފައިވާ އިރު އެންމެ ފަހު ގުރޫޕު ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެ ގުރޫޕުގައި ފުރި ހައްޖުވެރިންނާ ރައީސް ސޯލިހު ވަނީ އެއާޕޯޓުން ބައްދަލުކުރައްވައިފައެވެ.