ފުވައްމުލައް ސިޓީގައި ތެޔޮ ތާންގިއެއް ގޮވައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ގޭސް ކަޓާއެއް ބޭނުން ކޮށްގެން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެވެ. ހާދިސާގައި ތިން މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. ބޮޑަށް އަނިޔާ ލިބިފައިވަނީ ބަންގްލަދޭޝް މީހަކަށެވެ. އެމީހާގެ ހާލުވެސް މިހާރު ރަނގަޅުކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދު (ދޫނޑިގަން އަވަށް)ގައި ހުންނަ ހަވްކްސް ޕެޓްރޯލް ޝެޑް ސައިޓްގައި ތެޔޮ ހުސްކޮށްފައި ހުރި ތާނގިއެއް، ދަގަނޑު ގަންނަ ބަޔަކު އޭތި ގޭސް ކަޓަރުން ކަފަނިކޮށެވެ. އަލިފާން ގަނޑު ނިއްވާލާފައި ވަނީ އެމްއެންޑީއެފުގެ އެހީތެރިކަމާއިއެކު އެވެ. ފުވައްމުލަކު އެއާޕޯޓްގެ ފަޔަރ އޭންޑް ރެސްކިއު ޓީމުން ވަނީ އެހާދިސާ ހިނގިތަނާ މާގިނައިރުތަކެއް ނުވަނީސް އެޓެންޑްވެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.
އެސަރަހައްދުގައި އަލިފާން ނިއްވާ ނިޒާމެއް ނުހުރެއެވެ. އެ ތާނގި އަކީ، ވަރަށް ދުވަސްވަންދެން ތެޔޮ ހުސްކޮށްފައި ހުރި ތާނގިއެކެވެ. އަދި އެއީ ފުވައްމުލަކުގައި ތެލުގެ ވިޔަފާރި ކުރަމުންދާ ހަވްކްސް ކުންފުނިން ބާ ދަގަނޑު ގަންނަ ފަރާތްތަކަށް ދޫކޮށްފައިވާ ދަގަނޑު ތެޔޮ ތާނގިއެވެ. މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާއިބެހޭފ ފަރާތްތަކުން ދަނީ ބަލަމުންނެވެ.