ފުވައްމުލަކު ކައުންސިލަށް 2020 ވަނަ އަހަރު ލިބޭނެ ކަމަށް މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދު ދިމާނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު ނުލިބި ހުރިކަމަށް މާލީ ބަޔާނުގައި ހިމަނާފައިވަނީ 2.3 މިލިއަން ރުފިޔާއެވެ. ނަމަވެސް އޮޑިޓް ބެލި އިރު އެ އަދަދުތައް އަސްލު އަދަދުތަކާ ދިމާނުވާކަމަށް ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލުން މާލީ ބަޔާނުގައި ކައުންސިލަށް ނުލިބި ހުރި ފައިސާގެ ގޮތުގައި ހިމަނާފައި ވަނީ ހަމައެކަނި ކުލީ ބިންތަކުން ނުލިބި ހުރި ފައިސާ ކަމަށެވެ. ނަމަވެސް އެހެނިހެން ގޮތްގޮތުން ނުލިބި ހުރި 67،523 ރުފިޔާ ހިމަނާފައި ނުވާ ކަމަށާއި ކުލީ ބިމަކުން ލިބެން ޖެހޭ 237،393 ރުފިޔާ ވެސް ހިމަނާފައިވާ ނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެ މައްސަލަ ހައްލުކޮށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 15.02 ވަނަ މާއްދާގެ (ހ) ގެ ނުވަވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ ފައިސާގެ ސައްހަ މައުލޫމާތު ހިމަނައިގެން މާލީ ބަޔާން ތައްޔާރު ކުރުމަށް އޮޑިޓް އޮފީހުން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލަށް އަންގާފައެވެ.

ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ އިތުރުން 2020 ވަނަ އަހަރު ރިވައިޒް ކުރި ބަޖެޓުގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދު ވެސް ދިމާނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ރިވައިޒް ބަޖެޓުގެ ގޮތުގައި 30.5 މިލިއަން ދައްކާއިރު، މާލީ ބަޔާނުގައި 1.5 މިލިއަން ރުފިޔާ އިތުރަށް ހިމަނާފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

މީގެ އިތުރުން ބައެއް ޕްރޮޖެކްޓުތަކުން ގަވާއިދާ އެއްގޮތަށް ޕަރފޯމަންސް ގެރެންޓީ ނަގާފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މާލިއްޔަތު ގަވާއިދުގައި 500،000 ރުފިޔާއަށްވުރެ ބޮޑު މަސައްކަތްތަކާއި ޚިދުމަތްތަކުގެ ޕަފޯމަންސް ގެރެންޓީ ނަގަން ބުނެފައިވާއިރު، ފަސް ޕްރޮޖެކްޓެއް ގެރެންޓީ ނުނަގާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޕަރފޯމަންސް ގެރެންޓީ ނުނަގާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ބެޑްމިންޓަން ހޯލު އެޅުމާއި ސޯލާ ޕެނަލް ހަރުކުރުމާއި ޑީސަލް ފެން ޕަމްޕު ގަތުމާއި ޕަބްލިކް ލައިބްރަރީ މަރާމާތުކުރުމާއި ދޫނޑިގަން ފުޓްބޯޅަ ދަނޑުގައި ފެންސު ޖެހުމާއި މިސްކިތްމަގު އަދި ދަނޑިމަގުގެ ވޮލީކޯޓުގެ ލައިޓުތައް މަރާމާތު ކުރުން ހިމެނެއެވެ. މި ޕްރޮޖެކްޓުތަކުގެ އަގު 4.9 މިލިއަން ރުފިޔާއަށް އަރައެވެ.