ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިންއަށް ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުންދާ މުހައްމަދު ސައީދު، މަސް ހިފަން ބޭނުންކުރި ކަމަށް ބެލެވޭ އާލާތެއް، ކަނޑުގެ 193 ފޫޓު އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސައީދު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ އިރު، ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާ އިރު، ކޯސްޓްގާޑް ހާބަރު ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ.

އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ، ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު (193 ފޫޓު) އަޑިން ސައީދު މަސްހިފުމަށް ބޭނުންކުރި ކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ.

ސްލޯޕެއް ގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި އެ އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރު (229 ފޫޓައި 338 ފޫޓު)އާ ދެމެދުގެ ފުންމިން ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.

(ތަފްސީލު އަންނަނީ)