2023ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފިއެވެ.

މިކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲއެވެ. މިކަން އިއުލާންކޮށްފައި ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި މަޖިލީހުގެ ނައިބު ރަޢީސް އީވާ ޢަބްދުﷲ އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައި ވަނީ “

“2023 އަށް އަޅުގަނޑުމެން އެންމެން ވެސް ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023ގެ އިންތިޚާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023ގެ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތި ލައްވާނެ،” އީވާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މީގެކުރިން އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެފައި ވިޔަސް އޭގެފަހުން އެމަނިކުފާނުގެ ބަސްމަގު ހުންނަގޮތުން ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދިއެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މި ސަރުކާރުން ވަރަށް ގިނަ ގޯސްތައް ހަދައިފި ކަމަށާއި އެހެންކަމުން އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށެވެ.