ފޮތި ކޮތަޅު ބޭނުންކޮށްގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ބާޒާރުކުރުމުން ހަދިޔާ ލިބޭ ކެންޕެއިނެއް ފަށައިފިއެވެ

ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް”ގެ ނަމުގައި މި ކެމްޕެއިން ފެށުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެސްޓީއޯއިން ބުނީ މި ކެމްޕެއިން ފެށުމުގެ މައިގަނޑު މަޤްސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކޮށް، ބާޒާރުކުރާއިރު ފޮތިކޮތަޅު ބޭނުންކުރުން އިތުރުކުރުންކަމަށެވެ. އަދި މިއީ ޕްލާސްޓިކް ނޫން ގޮތެއް މި ކެންޕެއިންގެ ދަށުން މޯލްޑިވްސް އޮތެންޓިކް ކްރާފްސްޓް ކޯޕަރޭޓިވް ސޮސައިޓީ، ޖީއީއެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފަންޑިންގެ ދަށުން، ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކު ހިންގާ ހަރަކާތެއްކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ޕްލާސްޓިކް ނޫންގޮތެއް ހޯދަން ޖެހިފައިވާކަމަށާއި އެސްޓީއޯއިން މިދިޔަ އަހަރުވެސް ޕްލާސްޓިކާއި ދެކޮޅަށް އެ ކުންފުނީގެ ހުރިހާ ފާމަސީތަކެއްގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އަހަރެއްގެ މައްޗަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ 1 މިލިއަން ކޮތަޅު ސަލާމަތްކުރެވުނުކަން އަމްރު ފާހަގަކުރެއްވިއެވެ.

“އެ ސަލާމަތްކުރެވުނީ އަޅުގަނޑުމެންނަށް 1 މިލިއަން ބޭގްސް އަހަރަކު ކަނޑަށް ފޮނުވާނުލައި. އެސްޓީއޯ ޕީޕަލްސް ޗޮއިސްގައިވެސް އަހަރަކު 1 މިލިއަން ކޮތަޅު އަޅުގަނޑުމެން އެބަ ބޭނުންކުރަން. އެހެންވީމަ އަޅުގަނޑުމެން ޕްލާސްޓިކް ބޭގްސް މި 2ތަނުން ހުއްޓާލިއަސް އެއީ އަހަރަކު 2 މިލިއަން ޕްލާސްޓިކް ކޮތަޅު އަޅުގަނޑުމެންނަށް ރާއްޖެއަށް އެތެރެކުރުން އެ މަދުކުރެވުނީ” އަމްރު ވިދާޅުވިއެވެ.

މި ހަރަކާތް ފެށުމާއި ގުޅިގެން 500 ފޮތި ކޮތަޅު ހިލޭ ބެހުމަށް ވަނީ ހަމަޖެހިފައިކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ ޕީޕަލްސް ޗޮއިސްއިން މި ކޮތަޅު ބޭނުންކޮށްގެން ވިޔަފާރިކުރުމުން މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕޮއިންޓްސް ލިބޭނެކަމަށާއި އަދި ވަކި ވަރަކަށް ވިޔަފާރިކުރުމުން ލިބޭ ޕޮއިންޓްތައް ބަދަލުވެގެންދާނީ ރިވާޑްސް ނުވަތަ ހަދިޔާއަށްކަމަށެވެ.