ސައުދީ އަރަބިއްޔާއިން ކޮންމެ ރޯދަމަހަކު ރާއްޖެއަށް ހަދިޔާކުރާ ކަދުރު މި އަހަރުގެ ރޯދަ މަސް ނިމެން ގާތްވިއިރު ވެސް ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އާންމު ގޮތެއްގައި ސައުދީން ހަދިޔާކުރާ ކަދުރު ރޯދަ މަސް ފެށުމުގެ ކުރިއަށް ލިބެ އެވެ. ނަމަވެސް، މި އަހަރު އެކި ސަބަބުތަކާ ހެދި ކަދުރު އަދިވެސް ލިބިފައެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު “އަދަދު”އަށް ވިދާޅުވީ ކަދުރު ލިބުން ލަސްވަނީ ސައުދީން ކަދުރު ފޮނުވުމުގައި ލަސްތަކެއް އުޅޭތީ ކަމަށެވެ.

ކަދުރު ލިބުން ލަސްވި ނަމަވެސް ކަދުރު ޝިޕްމަންޓް ފޮނުވާނެ ކަމުގެ ޔަގީންކަން ސައުދީ އެމްބަސީން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ލިބޭނެ ދުވަހެއް އަދި ނޭނގެ، ސައުދީން ފޮނުވުން ލަސްވާތީ ލަސްވަނީ،” މިނިސްޓަރު ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ސައުދީން ހަދިޔާ ކުރަނީ 50 ޓަނުގެ ކަދުރެވެ. ނަމަވެސް، މިދިޔަ އަހަރުގެ ރޯދަ މަހަށް ސައުދީން ހަދިޔާ ކުރީ އެއަށް ވުރެ މަދުން، 25 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރު ސައުދީ ސަރުކާރުން ފޮނުވަނީ ކިހާ ޓަނެއްގެ ކަދުރު ކަމެއް ނޭނގޭ އެވެ. ނަމަވެސް، އާންމު އުސޫލުން 50 ޓަނު ކަދުރު ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.