ފުވައްމުލައް ސިޓީގެ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ފަށްޓަވައި ދެއްވައިފިއެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް ފުވައްމުލަކުގެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދިވެހިރާއްޖެއަށް ކުރިއެރުން ލިބެންއޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށާއި އެކަމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އިލްމު އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި މަސްޢޫލިއްޔަތަކީ މުޖްތަމަޢުގެ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، މުޅި މުޖްތަމަޢުގެ އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަދި މިސަރަހައްދަށްވެސް ޚިދުމަތް ދެވޭނެ މި މަރުކަޒު އައުމާއެކު އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

” މިއަދު އަޅުގަނޑުމެންގެ އުއްމީދަކީ މިސަރަހައްދަށްވެސް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކުރެވިގެންދާ މިމަރުކަޒުގެ ސަބަބުން އިތުރު ފަސޭހަތަކެއްވެ، މިހާރު މިދާއިރާގައި، ވަކިން ޚާއްސަކޮށް ޙިފްޒު ކްލާސްތަކާއި މިކަމުގައި ކިޔަވަމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ” ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މިތަނުގައި ހިންގާނީ މިތަނުގެ އެންމެހައި އިދާރީ ކަންކަމާއި ކޯސްތައް ފަރުމާ ކުރުމާއި ހިންގުން މިތަނުން އަމިއްލައަށް ބަލަހައްޓާ ގޮތަށް ކަމަށެވެ. އެހެން ކަމުން މިތަނުން ލިބޭ ޚިދުމަތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވީ، ފުވައްމުލަކަކީ އަބަދުވެސް ޤުރުޢާނަށް އިސްކަމެއްދޭ ރައްޔިތުން ތިބި ރަށެއް ކަމަށާއި މި ރަށުގައި މިހާރުވެސް ހާފިޒުން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އެހެން ކަމުން މިތަނަކީ ފުވައްމުލަކުގެ ގިނަ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ތަނެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.
ފުވައްމުލަކުގައި ބިނާ ކުރާ ޤުރުޢާނާއި ބެހޭ މަރުކަޒު ޢިމާރާތް ކުރުމަށް ފުރަތަމަ ބަޔަކާއި ހަވާލު ކުރީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ތަން ނުނިމި ކޯޓު މަރުހަލާގައި ބިމުގެ މައްސަލަ އޮތުމުން އެހެން ތަނެއްގައި މިތަން ޢިމާރާތް ކުރުމަށް އަލުން ހުޅުވާލައިގެން މަސައްކަތް ފެށުނެވެ.
މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ފެށިގެން ދިޔައިރު، ސަރުކާރުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މިމަރުކަޒުގައި ކްލާސްރޫމްތަކާއި އޮޑިޓޯރިއަމް އަކާއި މީޓިން ރޫމާއި ލައިބްރަރީ ހުންނާނެއެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ރައިޒަރ ޕްރައިވެޓް ލިމިޓެޑާއެވެ. މިތަނުގެ މަސައްކަތް ހަވާލު ކުރެވިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފުވައްމުލަކުގައި މިހާރުވެސް ޤުރުއާނާއި ބެހޭ މަރުކަޒުގެ ކްލާސްތައް ހިންގައެވެ. ނަމަވެސް މިހާރު ބޭނުން ކުރާ ޢިމާރާތަކީ ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން އޮތް އިމާރާތެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.