“ސްނެޕްޗެޓް” ބޭނުންކޮށްގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އުރީދޫ މޯލްޑިވްސް އިން ހާއްސަ ފިލްޓާތަކާއެކު “ސްނެޕް، ސްނެޕް އެންޑް ސްޓްރީކް” ޕްރޮމޯޝަން ފައްޓައިފި އެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އުރީދޫން ފެށި މި ޕްރޮމޯޝަނުގައި ލޯންޗުކުރި ފިލްޓާތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޓޫރިޒަމް ސްލޯގަންއާ ގުޅޭ “ހެލޯ ފްރޮމް ދަ ސަނީ ސައިޑް” ޖިއޯ-ފިލްޓާއަކާއި ރާއްޖޭގެ ސަގާފީ ހެދުންތަކާއި ގަލުވަޑާން ދައްކުވައިދޭ އޭއާރު ލެންސެކެވެ.

އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފިލްޓާއް ލޯންޗުކޮށްދެއްވީ ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ އެވެ.

މި ޕްރޮމޯޝަން ފެށުމާ ގުޅިގެން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން ހަމަދީ ވިދާޅުވީ ބޭނުމަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ތަޖުރިބާތައް ހިއްސާކުރަން ފަސޭހަކޮށްދިނުން ކަމަށާއި، ސްނެޕްޗެޓްގެ “އެޑްވާންސްޑް ޓޫލްސް” ބޭނުންކޮށްގެން އެކަން ކުރަން “ތަފާތު، މަޖާ” ގޮތަކަށް އެ ތަޖުރިބާތައް ކިޔައިދެވޭނެ ކަމަށެވެ.

“ޓޫރިސްޓުން ރާއްޖެ އަންނަނީ އެ މީހުންގެ ތަޖުރިބާތައް. މި ފިލްޓާތައް ބޭނުންކޮށްގެން އާއިލާތަކާއި ރައްޓެހިންނަށް އެ ތަޖުރިބާތައް ކިޔައިދެވޭނޭ” ހަމަދީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި ސްނެޕްޗެޓްގެ ކެރިއާ ޕާޓްނާޝިޕްސް މެނޭޖާ ބަޝީރް ބުމެޑީން ވިދާޅުވީ، މި ޕާޓްނާޝިފާ މެދު އުފާކުރާ ކަމަށާއި ސްނެޕްޗެޓުން ދަނީ އޭއާރުގެ ބޭނުންތައް ފަސޭހަކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި މީގެ ސަބަބުން ޓޫރިޒަމަށް ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.