ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ގައުމަކަށް ބޭރުގެ ކުޅުންތެރިންނާ ވާދަކޮށް ރީތި ނަން ހޯދޭނެކަން ރާއްޖޭގެ އެތުލީޓުން ސާބިތުކޮށްދީފިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ލޯގޯ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ޒުވާން އެތުލީޓުންނަށް ބޭރުގެ ކުޅުންތެރިންނާ ވާދަކޮށް ވަނަ ހޯދޭނެކަން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއޭޖީ)އާއި ސާފު ޗެމްޕިއަންޝިފުގައި ރާއްޖޭގެ ކުޅުންތެރިން ސާބިތުކޮށްދީފިކަމަށެވެ.

އެ ކާބިޔާބީގެ ފަހަތުގައި ވަނީ ކޯޗުންނާއި ކުޅުންތެރިންގެ އާއިލާކަން ފާހަގަކޮށް ނައިބުރައީސް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ލޯގޯ އިފްތިތާހްކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ކުޅިވަރު އިތުރަށް ފުޅާކުރުމަށް އަދި ޚާއްޞަކޮށް ޒުވާނުން ކުޅިވަރުގެ މައިދާނަށް ނެރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޅިވަރަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކުގައި މަސައްކަތްކުރުންފަދަ ރަނގަޅު އެތައް ކަންތައްތަކެއް އޭގެ ޒަރީއާއިން ގެނެސްދޭނެ ކަމެއްކަން ފާހަގަކުރައްވައި ޓީޓީއާ އަދި އެހެން ކުޅިވަރުތައް ކުރިއެރުވުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ. މި ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ ޓީޓީ މެޗެއް ކުޅުއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގައި ދުވަހަކުވެސް ތަރައްޤީ ނުކުރެވޭވަރަށް މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޅިވަރުގެ އެކިކަންކަން ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިޔަށްދާކަމުގައި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.