ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށްޓަކައި އެއްވެސް ޝަރުތަކާ ނުލައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ވިދާޅުވެއްޖެއެވެ.

މުހައްމަދު ރަޝީދު(ދޮންބެ) މިގޮތަށް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް ތާއީދު ހޯދުމުގެ ގޮތުން ފުވައްމުލައް ސިޓީގައިބޭއްވި ކެމްޕެއިން ހަފްލާއެއްގައެވެ.

މެމްބަރު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ޕްރައިމަރީއަކާ ނުލާ އިންތިހާބަށް ވާދަކުރަން ރައީސްއަށް ޓިކެޓް ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭގެ ހުއްޖަތަކަށް އޭނާ ނެންގެވީ އެމެރިކާގެ ރިޕަބްލިކަން ޕާޓީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަށެވެ.

“ޓްރަމްޕްގެ ޕާފޯމަންސާ ދޭތެރޭ މީހުން ސުވާލު އުފެއްދި. އެކަމަކުވެސް އެ ޕާޓީން [ރިޕަބްލިކަން ޕާޓީން] ހަމަ ދެވަނަ ދައުރަކަށް ޓިކެޓް ދިން. އެހެންވީމާ އެ އުސޫލަށް ބަލާފައި ދެން ރާއްޖޭގައި ކޮވިޑްގެ ހާލަތު މެނޭޖުކުރި ގޮތަށް ބާލަފައި އިބްރާހިމް މުހައްމަދު ސޯލިހުއަށް އެއްވެސް ޝަރުތަކާ ނުލާ ދެވަނަ ދައުރަކަށް ޓިކެޓް ދޭން ޖެހޭ” މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް ވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެއްވެސް ޝަރުތަކާ ނުލާ ޓިކެޓް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަމަކު، ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމަށް ރައީސް ސޯލިހު އަދި ވިދާޅުވެފައެއް ނުވެއެވެ.

މުހައްމަދު ރަޝީދު (ދޮންބެ) މިހެން ވިދާޅުވީ މަޖުބޫރު ވެގެން ކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ. މުހައްމަދު ރަޝީދު (ދޮންބެ) އަކީ މަޖުލިސް މެންބަރެއްގެ އިތުރުން ވިޔަފާރިވެރިއެކެވެ. 2024ގެ މަޖުލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ފުވައްމުލަކު އުތުރު ދާއިރާއިން މުހައްމަދު ރަޝީދު(ދޮންބެ) އާއި ވާދަކުރައްވަން އެމްޑީޕީއަށް އިޚްލާސްތެރި ޕާޓީގެ އުސޫލްތައް ހިފަހައްޓާ ނަޒާހަތްތެރި ބޭފުޅުން ދަނީ ވާދަކުރުމަށް ތައްޔާރުވަމުންނެވެ.