އެސްޓީއޯ ސުޕަމާޓަށް ބޮޑެތި ބަދަލުތައް ގެނެސް “އެސްޓީއޯ ޕީޕަލްސް ޗޮއިސް” ގެ ނަމުގައި ސުޕަމާޓް ހުޅުވައިފިއެވެ.

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަދި އެ ފިހާރައިގައި މުދާ ވިއްކާ ކުންފުނިތަކުގެ އިސްބޭފުޅުންނެވެ.

ކުރިއަށްވުރެ ތިން ގުނަ ޖާގަ ބޮޑު ކޮށް އެ ފިހާރަ ހުޅުވާފައިވާއިރު ރާއްޖޭގެ އަމިއްލަ އަށް ވިޔަފާރިއަކަށް ވަނީ ފުރުސަތު ދީފައެވެ. މީގެ ތެރޭގައި ސިޓީ ބޭކަރީ އާއި ނޯޓް ކޮސްމެޓިކްސް އާއި ޕީކަބޫ އާއި މެކްސްކޮމް ޓެކްނޮލޮޖީސް އާއި ދަ މެރެތޮން ޝޮޕާއި އަސްރަފީ އާއި ޕޮއިސް އަދި މަޑިހާ ހިމެނެއެވެ.

މީގެ އިތުރުން އެސްޓީއޯގެ ފިހާރަތަކުން ދޭ ހިދުމަތްތައް ވެސް އެ ފިހާރައިން ލިބޭ ގޮތް ވަނީ ހަދައިފައެވެ. އެއީ ސުޕަމާޓްގެ އިތުރުން ހޯމް ސެންޓަރާއި ބޭސްފިހާރަތަކުގެ ހިދުމަތެވެ.

ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ،

ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ފުރުސަތު ދީގެން ކަމަށާއި، އެސްޓީއޯ އިން ކުރަނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

“ގައުމުގެ އިގްތިސާދު ކުރިއަރައިގެން މި ދަނީ ޕްރައިވެޓް ސެކްޓާއާ ގުޅިގެން މަސައްކަތް ކޮށްގެން.” ނައިބު ރައީސް ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަނީ ސަރުކާރުގެ އަމާޒާ އެއްގޮތަށް އަމިއްލަ ވިޔަފާރިތައް ފުރުސަތުތައް ފަހިކޮށްދިނުމަަށެވެ. އަދި ސަރުކާރުން ކުރަމުން އަންނަ ވިޔަފާރު މަދުކޮށަ ކުރިއަށް އޮތްތަނުގައި އިތުރު ވިޔަފާރިތަކަށްވެސް ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ސަރުކާރުގެ ސިޔާސަތަކީ އާ ވިޔަފާރިތަކަށް ފުރުސަތުތައް ފޯރުކޮށްދީ، ސަރުކާރުން ކުރާ ވިޔަފާރިތައް މަދުކުރުން. އެހެންވެ، އަޅުގަނޑަށް ލިބޭ ހިތްހަމަ ޖެހުމަކީ ޕީޕަލްސް ޗޮއިސްގައި އާއްމު ވިޔަފާރިތަކުން އަޅުގަނޑުމެންނާ ގުޅޭކަން” އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިޔަފާރި ކުރަން ފެށި ފަރާތްތަކުން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އެ ފަރާތަތްކުން ބުނާ ގޮތުގައި މިއީ އަމިއްލަ ވިޔަފާރިތައް ކުރިއަރަން ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. މީގެ ސަބަބުން އެ ވިޔަފާރިތަކަށް ލިބޭ ފައިދާ ވެސް އިތުރުވާނެ ކަމަށް ބުނެއެވެ.