އަށާރަވަނަ ބައި

ހަސަން ގާތުގައި އުޅުނީ ހަސަން މަންމަ! އެހެން އުޅެން ޖެހުނީމަ ހަސަން މަންމައާ އަހަރެންގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ވަމުން ދިޔަ! އަހަރެންގެ މަންމަ ވެސް ދުނިޔޭގައި ނެތުމުން މައެއްގެ ލޯބި ހަސަން މަންމަ ދެކެ ވެވުނު! އެއީ ވަރަށް ރަނގަޅު މައިދައިތައެއް! ހަސަން ކޯމާއިން އެނބުރި އައީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ފަހުން! އޭރު އަހަންނަށް އޮތީ ހަސަން ދެކެ ލޯބި ވެވިފަ! ހަސަންއަށް ނުވެސް އެނގި! ހަސަން ހޮސްޕިޓަލުން ދޫކޮށްލީ އޭގެ  ދެ ތިން މަސް ފަހުން!! ހޮސްޕިޓަލުގައި ހަސަން އޮތް ފަހު ދުވަސްކޮޅު ހަސަންގެ މަންމަ އެދެމުން ދިއައީ  ހޮސްޕިޓަލުން ހަސަން ދޫކޮށްލުމުން އަހަންނާ މެރީ ކުރަން! ފުރަތަމަ ދުވަހު ވެސް ހަސަން އެކަމާ އިންކާރު ކުރި! އެކަން އެނގުމުން އަހަރެން ވަރަށް ރުއިން! އަހަރެން ރުއިކަން އެނގުމުން ހަސަން މަންމަ ވަޢުދުވީ ހަސަންއާ އަހަރެންގެ ކައިވެނި ކޮށްދޭނެ ކަމަށް! ބޮޑަށް މައިދައިތަ އެ ގޮތަށް ނިންމީ އޭރު ހަސަން ކުއްޖަކާ ރައްޓެހި ވެސް ނުވެ މާގިނަ ދުވަހު އެހެން ހުންނަން ވީމަހެން އަހަންނަށް ހީވަނީ! އެހެންވިޔަސް ހަސަން ހަސަންގެ ގޮތުގައި އެތައް މަހެއް ވަންދެން ދެމިހުރި! 

ހަސަން ހޮސްޕިޓަލުން ދޫކުރީމާ ހަސަން އުޅުނީ އަވަހަށް ރާއްޖެ އަންނަން! އެކަމަކު ފުރަން އޮތް ދުވަހު އަހަރެންގެ ބައްޕަ ނިޔާވުމާ ގުޅިގެން ހަސަން މަންމަ ހަސަން ގާތު އެދުނީ އަދި ދެ ދުވަހަކަށް މަޑުކޮށްލަން! ހަސަން އެ ގޮތަށް ވެސް ކަންތައް ކުރި! ހަސަން މަންމައަށްޓަކައި!

އެ ހިސާބުން ދެންވެސް ތަޤުދީރު ކުރަހައިލީ މުޅިން އެހެން މަންޒަރެއް!

ބައްޕަ ނިޔާވުމުގެ ހިތާމާގައި ހުރި އަހަންނަށް ހަސަން ގުޅީ ފުރަން ދާން އެއްޗެހި ޕެކު ކުރުމާއިގެން އަހަރެން އުޅެ އުޅެ ހުއްޓާ! ގުޅާފަ ބުނީ މަންމަ މެއަށް ތަދުވާތީ ގޮވައިގެން މިދަނީ ހޮސްޕިޓަލަށް ކަމަށާ ގުޅީ މަންމަ އެހެން ބުނެދޭށޭ ބުނާތީ ކަމަށް!

އަހަރެން އަވަސް ކޮށްލައިގެން ހޮސްޕިޓަލަށް ދިއައިރު ހަސަންގެ މަންމަގެ ހާލު ވަރަށް ސީރިއަސް! އަހަރެން ހުރި ވާހަކަ ހަސަން ބުނުމުން އެހާލުގައި ވެސް މަންމަ އެދުނީ އަހަންނާ ބައްދަލުކުރަން!” 

ވާހަކަ ދައްކަ ދައްކާ ހުރެފައި ޒީނާ ހުއްޓައިލީ ވާހަކަ ކުރިއަށް ގެންދަން އުނދަގޫވުމުންނެވެ. ޒީނާގެ ލޮލުން ޒިވިޔާއަށް ފެނުނީ ޒީނާގެ ހިތަށް ކޮށްފައިވާ އަސަރެވެ. އެދެލޮލުން އޮހިގެން ފައިބަން ތައްޔާރުވެފައިވާ ކަރުނަ ފެނުމުން ޒިވިޔާ، ރަޙުމަތްތެރިޔާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ. 

”ނޭވާ ނުލެވި ތެޅެމުން ދިއައިރުވެސް މަންމަ ބުނަން ބޭނުންވި ވާހަކަ ބުނި! އެއީ ހަސަން އަހަންނާ ކައިވެނި ކުރުން! ވަގުތުގެ ނާޒުކު ކަމުންކަން ވެސް ނޭނގެ! ……… ހަސަން އެކަމާ އެއްބަސްވީ!…… ޒިވީއަށް އެނގޭތަ ! އެހެން ބުނިތާ މާގިނައިރެއް ނުވެ ހަސަންގެ މަންމަ ނިޔާވެއްޖެ! ….. ހީވީ އެ ޖުމުލަކޮޅަށްޓަކައިހެން ހަސަން މަންމަ އެހާއިރަށް ވެސް ދުނިޔޭގަ އޮތީ!” ގިސްލެވިފައިވާ އަޑަކުން ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެލާފައި ޒީނާ ކުރިއަށް ގެންދިއައެވެ.

“ޑޮކުޓަރުން ވަރަށް މަސައްކަތް ކުރި! އެކަމު ކީއްކުރާނީ! އެމީހުންނަށް ކުރެވޭނީ މަސައްކަތްތާ!… ވަގުތު ޖެހުނީމަ ދާންތާ ޖެހޭނީ!” 

ޒީނާ ވާހަކަ ދައްކާ ނިމުނު އިރު ޒިވިޔާ ވެސް ރޮނީއެވެ. ޒީނާގެ ވާހަކަ ތަކުން ޒިވިޔާ މަންމަގެ މަތިން މާބޮޑަށް ހަނދަންވީއެވެ. 

ރޮމުން ރޮމުން ޒިވިޔާގެ މަންމަ ވެސް ނިޔާވީ ކުއްލި ގޮތަކަށް ކަމަށް ޒިވިޔާ، ޒީނާ ގާތު ބުންޏެވެ. 

ދެކެވުނު ވާހަކައިގެ އަސަރުން ދެ ކުދިން އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ތިއްބެވެ. އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިއައީ ޒީނާ އެވެ. 

”އަހަރެމެން މެރީ ކުރީ ވަރަށް އާދައިގެ ގޮތަކަށް! އާއިލީ މީހުން އެކަނި އެކަން އެނގޭ ބަޔަކަށް ވެސް ތިބީ ވެސް! ރައްޓެހިވެގެންނެއް ނޫޅެމު! މީހުންގެ ކުރިމަތީ އަހަރެމެންނަކީ ދެމަފިރިން! އެހެން ނޫނީ ދެ ބީރައްޓެހިން! ނުވަތަ ދެ ރަޙުމަތްތެރިން! ޒިވީއަށް އެނގޭތަ ދުވަހަކުވެސް ހަސަން އިސްވެ އަހަރެންގެ ގައިގަ ބީހިވެސް ނުލާ! އަހަންނަށް ނޯވެވިގެން ހަސަންއާ ގާތްވެލިއަސް ގިނަ ފަހަރު އިގްނޯރ ކޮށްލާ!” 

ޒީނާ ވާހަކަ މެދު ކަނޑައިލީ ޒިވިޔާ ސުވާލު ކުރަން ފެށުމުންނެވެ.

”އެ ކީއްވެ ޒީ ކަހަލަ ރީތި ކުއްޖަކު އިގްނޯރ ކޮށްލަންވީ! އެހެން އަންހެން ކުއްޖަކު ދެކެ މާބޮޑަށް ލޯބި ވާތީތަ ނޫނީ އަންހެންކުއްޖަކު ލަނޑެއް ދީގެން އަންހެން ކުދިން މަތިން ފޫހި ވީތަ!….  ނޫނީ އަނެއްކާ …….. ” 

ޒިވިޔާ ޖުމުލަ ފުރިހަމަ ނުކުރިއަސް އެ ބުނަން އުޅުނީ ކީކޭކަން ޒީނާ އަށް އެނގުނެވެ. 

”ނޫން ނޫން، ތި ކަހަލަ މީހެއް ނޫން ހަސަން އަކީ! ބޮޑަށް ހީވަނީ އަންހެން ކުއްޖަކު ބޭވަފާތެރި ވީހެން! ބައެއް ރޭރޭ  ނިދީގައި ހަސަން ގިސްލާ އަޑަށް މަށަށް ހޭލެވޭ! ……. އެހިއަސް ވީ ގޮތެއް ދުވަހަކުވެސް ނުބުނޭ! މާޒީ ކިޔައިދޭން ބޭނުން ނުވަނީހެން ހީވަނީ!  އެކަނިވާ ވަގުތު ތަކުގައި އަހަންނަށް ފާހަގަވަނީ…… މިހާރުވެސް އިންނާނެ ޚިޔާލަކަށް ގެއްލިފައި… ދެން ނޭނގެ! އެނގޭކަމަކީ އަހަރެމެންދެމީހުންކުރެ އެކަކަށްވެސް މިކައިވެނިން….. މި ގުޅުމުން ލިބޭ އުފަލެއް ނެތްކަން!……. ހުވާ މިހާރު ހިތަށް އަރާ މި ކައިވެނި ނުކުރެވުނު ނަމައޭ!” 

އެންމެ ފަހުން ޒީނާ ވާހަކަ ނިންމާލިއެވެ. ދެކެވުނު ވާހަކައިގެ ސަބަބުން ޒީނާގެ ހައްޓަށް ވަރަށްބޮޑު ލުޔެއް ލިބުނެވެ. އެންމެ ގާތް އެކުވެރިޔާއަށް ހަޔާތުގެ މި ހިތްދަތި ފަސާނާ އަޑު އިއްވައިލެވުމުން ކަންނޭނގެއެވެ. 

ޒީނާ ގެއަށް ދިއައީ ޒިވިޔާގެ ބައްޕަ ޒިވިޔާ ގާތަށް އައުމުންނެވެ. ދަމުން ވެސް ޢަމްރު ހެނދުނުކޮޅު އެ ގެއަށް ގެންދަން ހަނދާން ކޮށްދިނެވެ. 

ޒީނާ ނިކުންނަން ދަނިކޮށް މީހެއްގެ ގައިގާ އަޅާގަތުމުން ”ސޮރީ” އޭ ބުނަމުން އެނބުރި ލިއިރު އެއީ ޑޮކުޓަރ ޒިޔާދެވެ. ”އަހާނ ޒީ! ކީއްކުރަނީ މިގަޑީގައި މިތާ!” 

ޑޮކުޓަރ ޒިޔާދު ހީނލަމުން ޒީނާއާ ސުވާލުކޮށްލިއެވެ. މިދަނީ ވަރަށް ގާތް ރައްޓެއްސަކު މިތާ ބާއްވާފައި އޮވެގެން އެތާ އިނދެފަ!” 

ޒީނާ ވެސް ޖަވާބު ދިނީ ހީނލަމުންނެވެ. ހިނގައިގަންނަން ޒީނާ ފިޔަވަޅެއް އެޅުމުގެ ކުރިން އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް ބޯ ހޫރާލަމުން ކުރިއަށް ހިނގައިގަތް ޒިޔާދަށް ގޮވައިލިއެވެ. 

”ހެއި، ޔޫ ނޯ ހަރ، ޝީ ވޮޒް ޔުއަރ ޕޭޝެންޓް” 

ޒީނާ ބުނި އެއްޗަކުން ޒިޔާދު ހުރީ ހައިރާންވެފައެވެ. 

”ކާކު ވާހަކައެއް ތިބުނީ!” ޒިޔާދު ވެސް ކޮށްލީ ސުވާލެކެވެ. ހިކުރީ ވަރަށް ޚާއްސަ ޕޭޝެންޓެއްގެ ވާހަކަ ޒީނާ ބުނީކަމަށެވެ.

”ހަނދާންކޮށްބަލަ! މީގެ ފަސްވަރަކަށް އަހަރު ކުރިން ރައްޓެހި ކުއްޖެއްގެ ޓެސްޓް ރިސަލްޓް ތަކެއް ދައްކަން އަހަރެން ދިޔަ ހަނދާން …. ޒިވިޔާ!” 

ޒީނާ ޑޮކުޓަރ ޒިޔާދަށް ހަނދާން ކޮށްދޭން ބުނެދިން ވާހަކައިން ޒިޔާދު މާރަނގަޅަށް ވެސް ޒިވިޔާ މަތިން ހަނދާން ވެއްޖެއެވެ. އެއީ އޭނަގެ ބެސްޓް ފްރެންޑް ޑޮކުޓަރ އަރުޝަދުގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ޒިޔާދަށް ތާޢާރަފުވި އެ ރީތި ދެލޮލުގެ ވެރި އަންހެންކުއްޖާއެވެ. އެ މަސްތު ކުރުވަނިވި ދެލޯ ހަނދާނުން ފޮހެލެވޭނެ ފިރިހެނެއް ނުހުންނާނެއެވެ.

”ހަނދާނެއް ނެތް! ކިތަންމެ ބަލި މީހުންނެއް ތިބޭނެތާ! އަމުދުން މިހާ ދުވަސް ވާއިރު ކިހިނެތް ހަނދާން ހުންނާނ!” ޒިޔާދު ޒިވިޔާ ހަނދާން ހުރިކަމަކަށް ނުވިއެވެ. އެހިސާބުން ޒީނާ ނުކުމެގެން ދިއައީއެވެ.

ޑޮކުޓަރ ޒިޔާދު މަދު ވަގުތުކޮޅެއްގެ ތެރޭ ޒިވިޔާއާ ބެހޭ ހުރިހާ މައުލޫމާތެއް އެއްކުރުމަށްފަހު ދެން ގުޅީ އެވަގުތު ޑިއުޓީގައި ހުރި އޭނަގެ ރަޙުމަތްތެރިޔާ ޑޮކުޓަރ އަރުޝަދަށެވެ. 

”ކޮން އިރަކު ފްރީ ވަނީ! އެބަ ޖެހޭ މިރޭ ކޮންމެހެންވެސް ދިމާވާން” 

ޒިޔާދު ވާހަކަ ދެއްކީ ޕޭޝެންޓަކަށް ބޭސް ސިޓި ލިޔެދޭން އިން އަރުޝަދު  އެކަން ނިންމާލުމަށްފަހު އަލުން ޒިޔާދަށް ގުޅުމުންނެވެ.

”ދީބަލަ އަދި ވިއްސަކަށް މިނިޓް! ދާނަން!” 

އަރުޝަދު އޭނަގެ އާދައިގެ މަޑުމައިތިރި ރާގުގައި ޖަވާބު ދިނެވެ. 

އަރުޝަދު ގާތު ޒިވިޔާގެ ވާހަކަ ބުނުމުގެ ކުރިން ވެސް ޒިޔާދު ބޭނުންވީ ޒިވިޔާ ދެކިލާށެވެ. ދެމެދުގައި ގުޅުމެއް ނެތަސް އެ ސޫރައިން އެކަނި ވެސް ހިތަށް ހަމަޖެހުމެއް ލިބޭނެތީއެވެ. 

ޒިވިޔާ އޮތް ރޫމުގައި ޒިޔާދު ޓަކި ޖަހާލުމުން ދޮރު ހުޅުވީ ޒިވިޔާގެ ދޮންމަންމައެވެ. ތަޢާރަފު ވެލުމަށްފަހު ޒިޔާދު ކޮޓަރިއަށް ވަނުމުން ޒުބޭދާ ހިނގައިގަތީ ބޭރަށެވެ. 

ޒިވިޔާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނުމުން ޒިޔާދަށް ވަރަށް އަސަރު ކުރިއެވެ. މިހާލަތަށް ޒިވިޔާ ދާން ޖެހުނު ސަބަބެއް ޒިޔާދުގެ ވިސްނުމަކަށް ނައެވެ. ޒިޔާދު ޒިވިޔާގެ ނަމުން ގޮވައިލުމުން ލޯހުޅުވައި ބަލާލުމުން އެއީ ޒިޔާދުކަން ޒިވިޔާއަށް އެނގިއްޖެއެވެ. ފުރަތަމަވެސް ޒިވިޔާ ބޭނުންވީ އަރުޝަދާ ބެހޭ ގޮތުން ވަރަށް ގިނަ ކަންކަން އޮޅުން ފިލުވުމަށެވެ. އެހެންނަމަވެސް އަރުޝަދާބެހޭ ގޮތުން އިސްވެ އެއްވެސް އެއްޗެއް އަހާކަށް ޒިވިޔާއަކަށް  ނުކެރުނެވެ. ޒިވިޔާގެ ބައްޔާބެހޭ ގޮތުން ބައެއް ސުވާލު ކުރުމަށްފަހު ޒިޔާދު ނިކުންނަން ހިނގައިގަތީ  ފޯނެއް އައުމުންނެވެ. ފަހުން އަދި އަންނާނެ ކަމަށް ބުނަމުންނެވެ.

ޑޮކުޓަރ އަރުޝަދާއި ޑޮކުޓަރ ޒިޔާދު ގޮސް އިށީނީ އައި ޖީއެމް ހޮސްޕިޓަލުގެ ކެންޓީންގެ ބޭރުގައި ހުރި މޭޒެއްގައެވެ. އިށީންނަމުން އަރުޝަދު ނިތް ހިތްލާލާ ޒިޔާދަށް ބަލައިލީ އެތަނަށް ގެނައި ބޭނުމަކާ ބެހޭ ގޮތުންނެވެ. އެ އިޝާރާތް ފެނުނުކަމަށް ވެސް ހަދާނުލައި ޒިޔާދު ފެށީ އެހެންވާހަކައެކެވެ. 

 ”މިރެއަކީ ހަނދުމަހުން ކިތަކެއް!”

”ތިވާހަކަ އަހަންތަ އަހަރެން ތިގެނައީ!” އަރުޝަދު ވާހަކަ ދެއްކީ ހިތްހަމަ ނުޖެހި ހުރި ރާގަކަށެވެ. 

”ބަލާލާ އެހެރަ ފުރިހަމަ ހަނދެއް. ކޮންފަދަ ހިތްގައިމުކަމެއް! އަހަރެން ހިތަށް އަރާ މި ހަނދު ހެކިކޮށް ލޯބީގައި ދީވާނާވާ މީހުން ހާދަ ހުވަޔަކާ އަހުދެއް ކުރާނެއޭ … ނޫންތަ!” 

ޒިޔާދު ވާހަކަ ދެއްކީ އަރުޝަދުގެ މޫނަށް ބަލަން އިނދެ ކަމަށްވިޔަސް އަޑުގައިވަނީ މޮޅިވެރިކަމެވެ. ޒިޔާދު ދެއްކި ވާހަކައިން އަރުޝަދު އުފާ ނުވިއަސް މާޒީގެ ސަފުހާތަކެއް ހަނދާނަށް އައެވެ. އަރުޝަދަށް އުފަލާ ހިތްހަމަ ޖެހުން ގެނެސްދިން އެއްޗަކީ ރީތި ހަނދާ  ހަނދުވަރެއް ނޫނެވެ. ގަދަ ވަޔާ ވިއްސާރައެވެ. ހަޔާތަށް އައި ތޫފާނަކި ވެސް ހަމަ އެއެވެ. އެއީ އުފާވެރި ހަނދާންތަކެކެވެ. އަދި ހިތްދަތި ވެސް ހަނދާންތަކެކެވެ. އެ ހަނދާންތަކުން ދުރުވުމަށް ބޭނުންވާތީ އަރުޝަދު ނެގީ ޖީބުގައި އޮތް ފޯނެވެ. 

”ތި ފޯނު ބާއްވަބަލަ! މިއުޅެނީ ވާހަކައެއް ބުނަން ވެގެންނޭ! ވަރަށް އުފާވާނެ ވާހަކައެއް!” 

ޒިޔާދު ހަމަޖެހިލަމުން ބުނި އެއްޗަކުން އަރުޝަދު ބަލައިލީ ޒިޔާދުގެ މޫނަށެވެ. 

”ކޮބާތަ އަހަރެން ވަރަށް އުފާވާނެ ވާހަކައަކީ! ޚުދު އަހަންނަކަށްވެސް ނޭނގެ އަހަރެން އެންމެ އުފާވާނެ ކަމަކީ ކޮބައިކަމެއް!” 

ޒިވިޔާގެ ޚިޔާލު ހިތުގެ ކަނެއްގައި އެ ވަގުތު ވެސް ކޮއްޓާލިއެވެ. އެހެންނަމަވެސް އެއީ ޒިޔާދުއަށް ދައްކަން އެނގޭނެ ވާހަކައެއް ނޫންކަން އެނގި ހުރެ އަރުޝަދު ހިތާ ދެކޮޅަށް ބުންޏެވެ. 

”ޔަގީންތަ!” 

ޒިޔާދު ސުވާލުކުރީ ސަމާސާ މޫޑެއް ގައެވެ. އަރުޝަދު އާނއެކޭ ބުނާ ގޮތަށް ބޮލުން ޙަރަކާތް ކޮށްލީ ޒިވިޔާގެ ވާހަކަ އަކީ މިހާރު އެއްވެސް މީހަކު ހަނދާން ހުންނާނެ ވާހަކައެއް ނޫންކަން ޔަގީން ވާތީއެވެ. 

އަމުދުން ޒިވިޔާ އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެނގެންޏާ އެނގޭނެ މީހަކީވެސް ޒިޔާދު ކަމަށްވާތީއެވެ. އެ ވެސް ޚާއްސަ ރަޙުމަތްތެރިއެއްގެ ގޮތުގައެވެ. މީހަކާ އިނދެގެން ކުރީ ކޮޅު އަރުޝަދުގެ ހާލަތު ކޮންމެވެސް ވަރަކަށް އަރުޝަދު ވަނީ ޒިޔާދަށް ކިޔައިދީފައެވެ. އެ ވާހަކަތަކުން ޒިޔާދު ނެގީ ކޮން މާނައެއް ކިހާވަރަކަށް ކަމެއް އަރުޝަދަކަށް ނޭނގެއެވެ.

”އާންނނނނ ! ……” ކުޑަކޮށް މަޑު ޖައްސައިލަމުން ޒިޔާދު ވާހަކަ ދެއްކިއެވެ. 

”އެނގޭތަ! އަރޫގެ ރަޙުމަތްތެރި ޒިވިޔާ އެބައޮތޭ މި ހޮސްޕިޓަލުގަ!” ޒިޔާދުގެ ޖުމުލަ ނުނިމެނީސް އަރުޝަދު ހުރީ ފުންމައިގެން ތެދުވެއެވެ. 

 

                  ނުނިމޭ