ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ކަނޑާއި ވައިގެ މަގުން ސީދާ ދަތުރުތައް ކުރެވޭ ގޮތަށް ގުޅާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ މިއަދު ރައީސް އޮފީހުގައި ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބޭއްވި މަޝްވަރާތަކަށް ފަހު ހަސީނާ ވިދާޅުވީ ބަންގަލަދޭޝްގެ ގައުމީ އެއާލައިނުން ޑާކާއާ މާލެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް ވިސްނުން ގެންގުޅެމުންދާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ އެ ދަތުރުތައް ފެށުމުން ދެ ގައުމުގެ ދެމެދު މީހުންގެ މެދުގައި ހިނގާ މުއާމަލާތައް އިތުރުވެ އޭގެ ރަނގަޅު ފައިދާތަކެއް ފަތުރުވެރިކަމަށް ލިބިގެންދާނެ ކަމަށެވެ. އަދި ވަޔާއި ކަނޑުގެ މަގުން ދަތުރުތައް ކުރެވެން ފެށިގެން ދިޔުމަކީ އިގްތިސާދަށް އޭގެ ރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބޭއްވި ބައްދަލުވުމުގައި ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ދެމެދު ދަތުރުކުރާނެ ޝިޕިން ލައިން އެއް އުފެއްދުމާ ގުޅޭ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު” ހަސީނާ ވިދާޅުވިއެވެ.

ހަސީނާ ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތު މިހާރު ރަނގަޅުވެފައި ވުމުން ދިވެހިންނަށް އޮންއަރައިވަލް ވިސާ ދިނުމަށް ނިންމާފައިވާކަމަށެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.

ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން ބަންގްލަދޭޝް އެއާލައިންސްގެ 787 މަތިންދާބޯޓު ފްލައިޓެއްގައި އެކަމަނާ ރާއްޖެ ވަޑައިގަތީ އިއްޔެ މެންދުރު ފަހުއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝެއިޚް ހަސީނާއަށް ސަރުކާރުގެ ފަރާތުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު އަލީ އާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދެވެ. ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަތުމުން އެކަމަނާ އަށް ރިޔާސީ ކުރުނީހެއް ވަނީ އަރުވައިފައެވެ.

ހަސީނާ މިއަދު މާލެވަޑައިގަތުމުން އިއްޒުއްދީން ފާލަމުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ވަޒީރުންނާއި ދައުލަތުގެ އިސް އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ހަސީނާގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އެއަށް ފަަހު އެމްއެންޑީއެފްގެ ބޭންޑުން، ރާއްޖެ އާއި ބަންގްލަދޭޝްގެ ގައުމީ ސަލާމް ކުޅުނެވެ. އަދި ހަސީނާ އަށް އޮނަ އޮފް ގާޑެއް އެރުވިއެވެ.

ޝެއިޚް ހަސީނާގެ މި ދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަހަރުގެ މާޗް މަހު ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާއަށް އެރުވި ދަތުރަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.