އެންމެހާ ބާވަތްތަކުގެ އަނިޔާތަކުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުތުބާގައި ވަނީ އަނިޔާތަކުން ރައްކާތެރި ކުރުމަށާއި، އަނިޔާ ލިބޭ ފަރާތުގެ ދުއާ އަކީ ވަރަށް އަވަހަށް އިޖާބަކުރައްވާނެ ދުއާއެއްކަން ރަސޫލާގެ ހަދީސްތަކުން ސާބިތުވާކަމަށް ބުނެފައިވެއެވެ.

އަދި ދިވެހި މުޖުތަމައުގައި ގެވެށި އަނިޔާ އިތުރުވަމުން އަންނަ މިންވަރު ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، އެއީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް އަސާސް ކަމުގައިވާ އޯގާވެރިކަމާއި އަރާރުންވާ ކަމެއް ކަމުގައެވެ.

“ޝަރުއީ ނައްސުތަކަށް ބަލާއިރު ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ކުޑަ ކުއްޖަކަށް ވިޔަސް، ބޮޑު މީހަކަށް ވިޔަސް، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ މާތް ހަރާމް ކުރައްވާފައިވާ ކަމެކެވެ” ހުތުބާގައި ބުނެފައިވެއެވެ.

އަދި، އެއްވެސް މުސްލިމަކު އަނެއް މުސްލިމެއްގެ އަބުރާ ބެހުމާއި، ފުރައްސާރަ ކުރުމާއި، ހޭރުމާއި އިއްފަތެރިކަމަށް އަރައިގަތުމާއި، އިސްލާމް ދީން ހުއްދަ ނުކުރާ ފާހިޝް ކަންކަން ހިންގުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.