ނައިބު ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރޭ ނިންމަވާލައްވައިފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިބު ރައީސް ބަންގްލަދޭޝް އަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނުއެވެ. އެމަނިކުފާނު ބަންގްލަދޭޝް އަށް ވަޑައިގެންނެވުމާއެކު އެގައުމުގެ ފޮރިން މިނިސްޓަރު ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްހަބާ ދަންނަވާފައެވެ.

ނައިބު ރައީސް މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގަބަންދު މިއުޒިއަމް އާއި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިން ސެންޓަރު (ބީ.ކޭ.ޓީ.ޓީ.ސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ.ކޭ. އަބްދުލް މޮމެންއާއި، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓް އިމްރާން އަހްމަދާއި، ޔޫތު މިނިސްޓަރު އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާއި، އެޑިއުކޭޝަން މިނިސްޓަރުޑޮކްޓަރ ދީޕޫ މޮނީއާއި، ހެލްތު މިނިސްޓަރު ޒާހިދު މަލީކްއާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުންތަކަށްފަހު އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދެއްވި ސްކޮލަޝިޕްގެ ފުރުސަތުތައް ގަބޫލުފުޅު ކުރައްވާފައެވެ.
ހަމަ އެއާއެކު މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ. މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޑާކާގެ ހޮޓެލް އިންޓަކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއްކުރައްވައި މަޝްވަރާކުރައްވާފައެވެ.