އީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައިގެ ހުކުމްކުރުން މި މަހުގެ 30 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ހުކުމްކުރާ އަޑުއެހުން ތާވަލުކޮށްފައިވަނީ ހިނގަމުންދާ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 8.45 އަށެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ އެމަނިކުފާނުގެ މައްޗަށް 2019 ވަނަ އަހަރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، އެމަނިކުފާނުގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ނެގެހެއްޓުމާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވުމަށް ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފައިވާއިރު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުންވަނީ ދައުލާއި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމާ ވަރަށް ގިނަ ސުވާލުުތައް ކުރައްވާފައެވެ.

އެންމެފަހުން މި މައްސަލާގައި ސުޕްރީމް ކޯޓުން އަޑުއެހުމެއް ބާއްވާފައިވަނީ އެސްއޯއެފަށް ފައިސާ ޖަމާކުރި ޗެކުގެ ޞައްޙަކަން ކަށަވަރުކޮށް، އެސްއޯއެފްގެ އެކައުންޓު ސްޓޭޓުމެންޓުގައި ހިމެނޭ ބައެއް މައުލޫމާތާ ގުޅިގެން ދެ ފަރާތާ ސުވާލުތަކެއް ކުރުމަށެވެ. އެ އަޑުއެހުމަށްފަހުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރުވަނީ ސުޕްރީމް ކޯޓު ރިސެސަށް ދިއުމުގެ ކުރިން އެ މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމާމެދު ގޮތެއް ނިންމަން 5 ވަރަކަށް ދުވަހަށް ވެފައިވަނިކޮށް ރޭ އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ. މިފަހަރުވެސް އުފުލާފައިވަނީ ރިޝްވަތު ނެގުމާއި، މަނީ ލޯންޑަރިންގެ ދައުވާއެވެ. މިހާރުވެސް ކުރިމިނަލް ކޯޓުގައި އެހެން މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން ކުރިއަށް އެބަދެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް އިތުރު ދައުވާތައް ކުރަނީ އެމަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޖާގަނުދިނުމުގެ ގޮތުން ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށެވެ.