އްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން ގެންދާ އިނާޔަތް 2،000 ރުފިޔާއިން 5،000 ރުފިޔާއަށް ބޮޑު ކުރަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށްފިއެވެ.

މި ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތަކުން “ވަގުތު” އަށް ބުނީ މި ޕެޓިޝަނަށް މަދުވެގެން 8،000 އެއްހާ ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މިހާރު ވެސް 4،000 އަށް ވުރެ ގިނަ ސޮއި ލިބިފައިވާ ކަމެވެ.

ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ގެންދަނީ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. މި ފޯމު މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދައުރު ކުރަމުންދާ ކަމަށް ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތުން ބުނެއެވެ.

މި ޕެޓިޝަން ހަވާލު ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށެވެ. އަދި ކަމާ ބެހޭ އެހެނިހެން ބައެއް އިދާރާތަކަށް ވެސް ޕެޓިޝަން ހުށަހަޅާނެ ކަމަށް ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތުން ބުންޏެވެ.

މި ޕެޓިޝަންގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަނީ ލޯފަން މީހުން އިސްވެ ގުޅިގެންނެވެ.

ޕެޓިޝަންގައި ލިޔެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އިނާއަތް ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫނުން ލާޒިމުކޮށްގެން ދައުލަތުން އެ ފަރާތްތަކަށް ލިބިދޭ 2،000 ރުފިޔާގެ އިނާޔަތަކީ މިހާރު ތަކެތީގެ އަގާއި ޚިދުމަތުގެ އަގާ އަޅާ ބަލާއިރު، އެކަށީގެންވާ އެހީއަށް ނުވާ ކަމުގައެވެ.

އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރުވެސް، ކެއިން ބުއިމާއި އުނު އޮރިޔާން ނިވާ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ވެސް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭ ކަމަށް ޕެޓިޝަންގެ ލިޔުމުގައިވެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަކީ ޒަވާޖީ ޙަޔާތެއް ފެށި، ދިރިއުޅުމުގެ އެތަކެއް ޚަރަދުތަކާއި އާއިލީ އެތައް ޒިންމާއެއް އުފުލަން ޖެހިފައިވާ ފަރާތްތަކަށްވާއިރު، ބައެއް ފަރާތްތަކަކީ ދިރިއުޅުމެއް ފަށަން ބޭނުންވާ، ނަމަވެސް ވަޒީފާގެ ފުރުސަތު ހަނިކަމުން އާމްދަނީއެއް ލިބޭނެ އިތުރު މަގެއް ފަހިވެފައި ނެތުމުގެ ސަބަބުން، ދިރިއުޅުމެއް ފެށިފައި ނުވާ މީހުން ކަމަށް ޕެޓިޝަންގައިވެއެވެ.

މިި ފަރާތްތަކަށް ގާނޫނުން ލިބިދޭން ޖެހޭ އެތައް ހައްގުތަކާއި ހަމަހަމަ ފުރުސަތުތަކުން މަރުހޫމު ވެފައިވާ ކަމަށް އޭގައި ބަޔާންކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުން ދާ ފައިސާގެ އިނާޔަތް އިތުރުކުރާނެ ކަމަށް ވެފައިވާ ވައުދު ފުއްދުމަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ފައިސާގެ އިނާޔަތް މަދުވެގެން -/5000 ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދި ޕެޓިޝަންގައި ހުށަހަޅާފައިވެއެވެ.