ބާރަވަނަ ބައި 

ހޫނު ފެނުން ފެންވަރާލުމުން ކޮށްމެވެސް ވަރަކަށް ހަށިގަނޑަށް ހޫނުކަން އިހުސާސް ކުރެވި އަރުޝަދަށް އަރާމުވިއެވެ. ޒިވިޔާ އޮތް ގޮތް އަރުޝަދަށް ފެނުނީ ފާޚާނާއިން ނިކުމެ ދޮރުވެސް ލެއްޕި ފަހުންނެވެ. ދެއަތް ގެންގޮސް ފަލަމަސްގަނޑާ ހަމައިން ހިފަހައްޓާލެވިފައި އޮތެވެ. ދެފައި ކުރު ކޮށްގެންނެވެ. ދެލޯމެރިފައި އޮތުމުން ނިދުނީކަން އެނގުނެވެ. ބޮލުގެ އިސްތަށިގަނޑުގެ ދެބައިކުޅަ އެއްބައިން މޫނުގެ ބޮޑުބައި ވަނީ ފޮރުވިފައެވެ. އިޚުތިޔާރުން ބޭރުގައި އަރުޝަދަށް ގޮސް ހުއްޓެވުނީ ޒިވިޔާގެ ގާތުގައެވެ. އެހާ ގާތުން އެހާ ހަމަ ޖެހިގެން ޒިވިޔާއަށް ބަލާލަން އަރުޝަދަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އެއްވެސް ހުރަހެއް ނެތިއެވެ. ލެއްޕިފައިވާ ދެލޮލުގެ އެސްފިޔަތަކުގެ ދިގުކަމާ މޫނުގެ ހަންގަނޑުގެ ކުޑަނަމަވެސް ކުރަކިކަމެއް ނެތް އޮމާން ކަމާ އައިބެއް ނެތް ރީތި ނޭފަތުން އެ މައުސޫމު އަންހެން ކުއްޖާގެ ރީތިކަމަށްޓަކައި އަރުޝަދުގެ ހިތް ތަޢުރީފުން ފުރުނެވެ.  އެވަގުތު ހަނދާނަށް އައީ ޑޮކުޓަރ ޒިޔާދު ދެއްކި ވާހަކަތަކެވެ. އިރުކޮޅެއް ވަންދެން ނިކަން ލޯބިން ޒިވިޔާއަށް ބަލަހައްޓައިގެން މަސްތު ވެފައިވާ މީހެއްފަދައިން އަރުޝަދު ހުއްޓެވެ.

ޒިވިޔާ އެނދުގައި އޮށޯވެ ކުރުގެޅިގެން އޮތަސް އޮތް ހިސާބުން އެނދުން ވެއްޓިދާނެހެން އަރުޝަދަށް ހީވާތީ މަޑުމަޑުން ބޯދަށަށް އަތް ލައްވާލުމަށްފަހު ކުޑަކޮށް އެނދުގެ މެދަކާ ހަމައަށް ގެންގޮސް ޒިވިޔާ ބާއްވައިލަން އުޅުނެވެ. އެވަގުތު ޒިވިޔާއާ ދިމާއަށް ގުދުވެގެން އޮތް އަރުޝަދުގެ މޫނު ޒިވިޔާގެ މޫނުގައި ޖެހި ޒިވިޔާގެ ހޫނު ނޭވާތަކުން ދުވި މީރުވަހާ އެ  ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުން ދުވި ޓްރެސްމޭ ޝޭމްޕޫގެ ވަހުން އަރުޝަދު މުޅިން އެހެން ދުނިޔެއަކަށް ގެންދިއަ ފަދައެވެ. އަރުޝަދުގެ ޙިއްސުތައް ކޮންޓްރޯލުން ބޭރުވަމުން ދިޔައީ އެންމެ ލޯބިވާ އެންމެ ދެކެން ބޭނުންވާ އެންމެ ގާތުގައި ވުމަށް އެތައް މަހެއް ކުރީއްސުރެ އެދެވެމުން ދިޔަ މި ލޯބި ލޯބި އަންހެން ކުއްޖާ އެންމެ ގާތުގައި މިރޭ މިވަގުތު ވުމުންނެވެ. ޒިވިޔާ އެއީ އަރުޝަދުގެ ޙައްޤެއް ކަމުގެ އިހުސާސް ކުރެވޭތާ ކިތަންމެ ދުވަހެކެވެ. ޒިވިޔާ އެއީ އަރުޝަދު ނޫން މީހެއްގެ މިލްކަކަށް ވާން ދުވަހަކުވެސް ނޭދޭނެ ކުއްޖާއެވެ. އެހެންނަމަވެސް ކެތްތެރިވަމުން އަރުޝަދު ވެސް ވެފައިވާ ވަރުބަލިކަމުން އޮށޯވެލަން ބޭނުންވާތީ ޒިވިޔާގެ މަގަތުން އޮށޯތެވެ. އޭރު ވެސް ގަދަވަޔާ އެކު ވާރޭ ވެހޭއަޑުން މާހައުލަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ.  

ލޯބިވާ އެރީތި އަންހެންކުއްޖާ އެހާ ގާތުގައި އޮތުމުން ޒުވާން އަރުޝަދަކަށް ނުނިދުނެވެ. އަރުޝަދުގެ ނާރުތަކުގައި ޒުވާން ހޫނުލޭ މަސްތުވެ ކެކިއަރަނީއެވެ. އޭގެ ސަބަބުން ޒިވިޔާ ގަޔާ ކައިރިކޮށްލާހިތް ވަނީއެވެ. އެ ހަށިގަނޑުގައި ނިކަން ލޯބިން ބައްދާލާހިތް ވަނީއެވެ. ވައިރޯޅިއަކަށް ވެސް ނުވަދެވޭ ވަރަށް ޒިވިޔާ ބޮނޑިކޮށްލާ ހިތްވަނީއެވެ. އެހެންކަމުން މަޑުމަޑުން ޒިވިޔާއާ ކައިރި ވެލުމަށްފަހު ޒިވިޔާ ގަޔާ ކައިރިކޮށްލިއެވެ. މަޑުމަޑުންނެވެ. ބަހާރު މޫސުމުގައި ބަގީޗާއެއްގެ ގަހެއްގައި ފޮޅިފައި އިން ފިނިފެންމަލެއްގެ ފިޔަތައް ގެންގުޅެހާ ލޯބިން ފަރުވާތެރިކމާއެކު ގައެވެ.  އަރުޝަދުގެ ހޫނުކަން ލިބުމުން ޒިވިޔާ ވެސް ނިދީގައި އޮވެމެ އަރުޝަދާ ވީ ފަރާތަށް އެނބުރި ރަނގަޅަށް އަރުޝަދުގެ ގަޔަށް އެއްފައި އެއްލުމަށްފަހު މޭމަތީ އަނެއް އަތް ބާއްވައިލިއެވެ. ޒިވިޔާގެ މި ހަރަކާތުން އަރުޝަދުގެ ހިއްސު ތަކުގައި އަލިފާން ހިފި ފަދައެވެ. 

އަރުޝަދުގެ ބާރުގަދަ އަތުގެ ތެރެއަށް ޒިވިޔާ ގެނެވުނީ އިޚުތިޔާރުން ބޭރުގައެވެ. އުއްޑުން އޮށޯވެ އޮތް އަރުޝަދުގެ މޭމަތީ ޒިވިޔާ ގެނެސް ބާއްވައިލީ ފަސޭހަކަމާއެކު މަޑުމަޑުންނެވެ. އަދި ދެއަތުން އެ ތުނި ހަށިގަނޑު ވަށައިލިއެވެ. ވައިރޯޅިއަކަށްވެސް ނުވަދެވޭވަރަށެވެ. ޒިވިޔާ، ……ލިބެމުންދިޔަ އަރަމާ ލައްޒަތުގެ ސަބަބުން އަރުޝަދުގެ މޭމަތީ އިތުރަށް ބޮނޑިވެލިއެވެ. މޫނު ގެންގޮސް އަރުޝަދުގެ  ކޯތާފަތުގައި ކާއްތާލިއެވެ. ތުނިކޮށް ފަޅާފައިވާ އަރުޝަދުގެ ތުނބުޅީގެ އިސްތަށިތަކުން ޒިވިޔާއަށް ލިބުނު އަރާމު ވަކިން ބޮޑުވިއެވެ. އޭރު ނިދިން ވެސް ހޭލެވިއްޖެއެވެ. އެހެންނަމަވެސް ދެލޯ ހުޅުވާކަށް ޒިވިޔާ ބޭނުމެއް ނޫނެވެ. އަރުޝަދާ ހަތަރުކަޅި ހަމަ ނުކޮށް ލޯމަރާލައިގެން މި އުފާ ލިބިގަންނަން ޒިވިޔާ މާބޭނުމެވެ. އަރުޝަދަށް ވެސް ޒިވިޔާގެ ޙަރަކާތްތައް ހުރިގޮތުން ބައިވެރި ނުވެއެއް ނޯވެވުނެވެ. މަޑުމަޑުން އަރުޝަދުގެ ދެއަތުން ޒިވިޔާގެ މޫނުގައި ހިފައި ކުޑަކޮށް ހިތްލާލިއެވެ. މޭކަޕަކާ ނުލާ ފިޔާތޮށިކުލަ ފާޅުވާން ހުރި އެ ތުނިތުނި ތުންފަތަށް ބަލަން އޮވެވުނެވެ. އެހެން އޮވެވުނީ މަދު ސިކުންތު ކޮޅަކަށެވެ. 

”ޒިވީ،…… ޔޫ އާ މައިން! ……. ” މަޑމަޑުން އަރުޝަދަށް ބުނެވުނެވެ. 

” ފޯރ އެވަރ. ……. އައި ލަވް ޔޫ ސޯ މަޗް!” މަސްތުކަން ހުރީ އެ އަޑުގައި އެކަންޏެއް ނޫނެވެ. ޢަމަލުގައި ވެސް މެއެވެ. ދެން އަރުޝަދު އެ ގެންނަން ފެށި ޙަރަކާތުން ޒިވިޔާއަށް ލޯބީގެ ހުރިހާ ލައްޒަތަކާ ފޮނި މީރެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުންދިއައެވެ. 

ގޯސްވެފައިވާ މޫސުން ތޫފާނަކަށް ބަދަލުވެގެން ދިއައީ ޒުވާން ދެހިތެއްގައި ޖެހި ވިންދު ހަމައަކަށް އެޅެމުން ދިޔަ ވަގުތުއެވެ. އުޑުމަތީގައި ހުރި ބޯ ވިއްސާރަ ވިލާ ކެހި އުޑުމަތިން ތަރިތައް ފާޅުވާން ފެށީ އެ ދެ ހިތަށް ހަމަ ޖެހުން ލިބުނަސް އަންހެން ކުއްޖެއްގެ އެންމެ އަގު ބޮޑު މުދާ އަތުން ބީވެގެން ދިއަ ފަހުންނެވެ. ޖެހެމުން ދިއަ ވައިރޯޅި ހިނދި ގަސްތަކަށް ހަމަ ޖެހުން ލިބުނީ އަލަށް ކުރެވުނު ތަޖުރިބާ އަކީ ކިހާ ހިތި އެއްޗެއްކަށް ވާނެކަން އެ ޒުވާން ދެ ހިތަށް ތަސައްވަރު ވެސް ނުކުރެވި އޮތްވައެވެ. އުތުރި އަރަމުން ދިޔަ ކަނޑުގެ ލޮނުގަނޑަށް ހަމަ ޖެހުމެއް ލިބުނީ ދެން ނަގަން އޮތް ރާޅަށް ތަން ދެމުންނވެ.

ފޯނު ރިންގުވާން ފެށީ ޒިވިޔާ ނިދީގެ ފޮނި އަރާމުގައި އޮތްވައެވެ. ހުވަފެނަކުން ހޭލެވޭ ފަދައިން ހޭލެވި، ޒިވިޔާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އަދި ދެވަނަ ސިކުންތުގައި މިރޭގެ މިހިނގި ކަންތަކާމެދު ވިސްނާ ލެވުނީ އަރާމުކޮށް ނިދާލާފައި އޮތް އަރުޝަދު ފެނުމުންނެވެ. އަވަސް އަވަހަށް ޙިއްސުތަކަށް ސިކުނޑި ވެރިކުރުވަމުން ފޯނު ނަގައި ކަންފަތުގައި ޖެހުމުގެ ކުރިން އެއީ މަންމަ ކަން އެނގި ދޭނެ ޖަވާބަކަށް ތައްޔާރު ވެވުނެވެ. 

”ހަލޯ، މަންމާ! ހަމަ މިހާރު ގެއަށް މިދަނީ! ވިއްސާރަ ކަމުން! …..” އެ ހިސާބަށް ބުނެވުނުތަނާ ޒިވިޔާއަށް ކިނބިއްސެއް އެޅިއްޖެއެވެ. އެވެސް ނަސީބެކޭ ޒިވިޔާ ހިތަށް އެރިއެވެ. އަވަހަށް އަންނަން ބުނެފައި މަންމަ ފޯނު ބޭއްވީއެވެ. ކުރެވުނީ ކިހާ ދެރަ ކަމެއްކަން ޒިވިޔާގެ ވިސްނުމަށް އޭރު ވަންނަން ފަށައިފިއެވެ. އަވަސް އަވަހަށް އެންމެ ކުރިން އަތުޖެހުނު ޓީޝާޓު ނަގާ ބޮލުން ވައްޓައިލިއެވެ. އަދި ފާޚާނާގައި ހުރި ޒިވިޔާގެ އަންނައުނު ބޮނޑިކޮށްލައިގެން ފާޚާނާއިން ނިކުތް އިރުވެސް އަރުޝަދު އޮތީ ނިދިފައެވެ. ފާޚާނާ ދޮރުމަތީ ހުރެ ޒިވިޔާ ވަރަށް ރަނގަޅަށް އަރުޝަދަށް ބަލައިލިއެވެ. ލަދުވެތި ގޮތަކަށެވެ. ކުރެވުނު ކަންތަކުން ލިބުނީ މިހާތަނަށް ދުވަހަކުވެސް ނުލިބޭފަދަ އަރާމެކެވެ. އެހެންނަމަވެސް ޒިވިޔާއަށް މިހާރު އިހުސާސް ވަމުން ދިއައީ އޭނާއަކީ ބާޒާރުގައި ވިއްކާލެވޭ އަގުދަށް މުދާގަނޑެއްގެ ގޮތުގައެވެ. މައިން ބަފައިން ދެމުން އައި ތަރުބިއްޔަތު ބަލައިގަނެވުނީ މާނައެއް ނެތް އެއްޗެއްގެ ގޮތުގައިކަމަށް ފުރަތަމަ ފަހަރަށް ގަބޫލު ކުރެވުނެވެ. އެއީ އަގުހުރި އެއްޗެއްގެ ގޮތުގައި ޒިވިޔާ ބަލައިގަތްނަމަ މިހާ ދަށު ދަރަޖައަކަށް ވެއްޓިއެއް  ނުގަތީހެވެ. އަމިއްލަ ނަފުސު އެންމެ ރެއެއްގެ އުފާތަކަކަށްޓަކައި ނީލަމެއް ނުކީހެވެ. ހިތުގެ އެދުމަށް ބާރުފޯރުވޭހާ ހިތްވަރު އެ ހަށިގަނޑުގައި ހުންނަން ވާނެއެވެ. 

ހިތަށް އައި އެތައް އެއްޗެއްގެ ސަބަބުން ޒިވިޔާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެން ފަށައިފިއެވެ. ހަނގުރާމައަކުން ބަލިވެފައިވާ އަސީރެއްފަދައިން އިސްޖަހައިގެން ހުރެ ޒިވިޔާ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އަދި ދެން މަޑުމަޑުން ފަސް އެނބުރި ބަލައިލިއެވެ. އަރުޝަދު އަދިވެސް އެ އޮތްގޮތަށް އަރާމުގައި ނިދިފައި އޮތެވެ. ހާމައަށް އޮތް އެ ހިތްގައިމު ހަށިގަނޑާ ލޮކިމަހުގެ ކަންފުޅެއްވެސް ނެތް ފިދާ ވެވޭފަދަ ރީތި ބަނޑަށްވުރެ ތިރިއަށް ސޮއްސާލާފައި އޮތް ބެޑްކަވަރުން އެ ހަށިގަނޑު ނިވައިކޮށްލައިދޭން ޒިވިޔާ ނުހަނު ބޭނުން ވިއެވެ. އެ މޫނުމަތިން އާދަޔާ ޚިލާފު ހަމަ ޖެހުމަކާ މަސްތުކަމެއް އެ ވަގުތުވެސް ޒިވިޔާއަށް ފާހަގަ ކުރެވުނެވެ. 

ދޮރު ލައްޕާލުމަށް ފަހު ޒިވިޔާ ހިނގައިގަތީ ގެއާ ދިމާއަށެވެ. ލަސް ފިޔަވަޅު ތަކެއްގައެވެ. ގެއަށް ގޮސް ދޮރު ހުޅުވައިގެން ކޮޓަރިއަށް ވަންފަހުން މަންމަ އައިސް ދެފަހަރަކު ގޮވައިލިއެވެ. ޒިވިޔާ ހަމަ ޖެހޭ ގޮތް ދައްކަމުން ފާޚާނާގައޭ ބުނުމުން އެ މަންމަ ހިތްހަމަ ޖެހުމާއެކު ދަރިފުޅު ސަލާމަތުން ގެއަށް އައީތީ އުފަލުން އެނބުރި ހިނގައްޖެއެވެ. 

ޒިވިޔާ ގެއަށް ވަނީ ވަގު ބުޅަލެއް ހެން ފައިގެ އިނގިލިތައް ޖައްސަމުންނެވެ. ޒިވިޔާ ވަން އަޑު މަންމައަށް އިވުނީ ކޮޓަރީގެ ދޮރު ލެއްޕި ފަހުންނެވެ. އެހެން ނޫންނަމަ އެ މަންމައަށް އެ މަންމަގެ މޭގެ އެތިކޮޅު ހުރި ހާލު ފެނި ދިރިއުޅުމުގެ ތަޖުރިބާއިން ކޮންމެވެސް އެއްޗެއް ވިސްނައި ގަނެވުނީހެވެ.

ރޭގެ ވިއްސާރައިގެ ސަބަބުން މާޙައުލު އޮތީ ފަތިސްވެ އިރު އެރިއިރު ވެސް ފިނިކޮށެވެ. ރޭގައި ހަށިގަނޑަށް ލިބުނު ހަމަޖެހުމާ ޒިވިޔާގެ ފުށުން ލިބުނު ފޮނި ލައްޒަތުގެ ސަބަބުން އަރުޝަދު އޮތީ އިރު އަރާ ދަމެއް ވީއިރު ވެސް ނިދިފައެވެ. ހޭލެވުނީ ކޮޓަރީގައި މީހަކު ޓަކި ދޭ އަޑަށެވެ. ސައި ހަދައިގެން ހުރެ ލަސްވެގެން ޒިވިޔާގެ މަންމަ ޓަކިދިން އަޑަށެވެ. ޢާންމުކޮށް މިހާއިރު ވާއިރު ޑިއުޓީ ނެތިއްޔާ އަރުޝަދު ހުންނާނީ ސައި ބޮއެގެންނެވެ. ޒިވިޔާގެ މަންމަ ޓަކި އެދެނީ އެހެންވެގެންނެވެ. 

ޓަކިދޭއަޑަށް އަރުޝަދަށް ހޭލެވި އެ ދިގު ކަސްރަތީ ހަށިގަނޑު މޯޅިއަކަށް ދަމައިލިއެވެ. ބަނޑު ހާމައަށް އޮތުމުން ތިރިއަށް ސޮއްސައިލާއިގެން ގޮސް އޮތް ރަޖާ މައްޗަށް ދަމާލީ ހަށިގަނޑު ފިނިން ސަލާމަތް ކުރުމަށެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގެ ތެރޭ އަރުޝަދު އިނީ ތެދުވެ އެނދުގެ މެދުގައި ދެފައި ވަށްކޮށްގެން އިށީނދެއެވެ. ކުރީ ރޭ ހިނގި ހާދިސާގެ މަތިން ކަމަކަށްފަހު ކަމެއް މަންޒަރަކަށް ފަހު މަންޒަރެއް އަރުޝަދުގެ ސިކުނޑީގައި އެނބުރިގަތެވެ.  ހުރިހާ އެއްޗެއް ސިކުނޑިއަށް ނަގައިގަނެވުނު އިރު އަރުޝަދަށް އިނދެވުނީ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެ އަތުގެ އިނގިލިތައް މަހާލައިގެންނެވެ. ކުރެވުނު ކަންތަކާ ދޭތެރޭ ނިހާޔަތަށް ދެރަވެ ފިކުރު ބޮޑުވެފެއެވެ.  ދެން ދުވަހަކު ވެސް ޒިވިޔާއަށް އެމޫނު ދައްކަން ނުކެރޭވަރަށް ލަދުގަނެފައެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނީ އޭގެ އިންތިހާއަށެވެ. ޒިވިޔާގެ ހާލަތު ހުންނާނެ ގޮތަކާމެދު ފިކުރު ހިންގާލެވި އެ ނިކަމެތި އަންހެން ކުއްޖާގެ ހާލަތާމެދު ހަމްދަރުދީ ހިތުގައި ހިނގައިގަތީ ހައްދެއް ނެތިއެވެ. 

ކުރާނެ ކަމެއްނެތެވެ. މިއޮތީ މިކުށް ކުރެވިފައެވެ. މި ދަރަޖައަށް ވެއްޓިގަތުން އެއީ ދުވަހަކުވެސް އަރުޝަދުގެ ޒަމީރު ގަބޫލުކުރާނެ ކަމެއްނޫނެވެ. ވިސްނަން އިނުމަށްފަހު އަރުޝަދު ނެގީ ފޯނެވެ. އިތުރު ވިސްނުމަކަށް ވެސް ނުގޮސް އަރުޝަދު ގުޅީ ޒިވިއާއަށެވެ. ފޯނު ރިންގުވާއަޑު އަހަން ކަންފަތުގައި ޖައްސާލިއިރު ފޯނު އޮތީ ނިއްވާލާފައިކަން އެނގުނެވެ. ވީ ދެރައާ ހިތަށް ކުރި އަސަރު އަދި މާބޮޑެވެ. ޒިވިޔާ ދުވަހަކު ވެސް އޭނާއަށް މަޢާފެއް ނުކުރާނެއެވެ. ކުށްވެރިއަކީ ޚުދު އަރުޝަދުކަމަށް އަރުޝަދަށް އެއްބަސްވެވުނެވެ. 

އެ ދުވަހު އަރުޝަދު ޑިއުޓީއަކަށް ނުނިކުމެއެވެ. ދެ ދުވަހުގެ ޗުއްޓީއެއް ނެގީއެވެ. ބަލިކަމުގެ ނަމުގައެވެ. ތެދެކެވެ. އަރުޝަދު ބައްޔެވެ. ބަލީ ހިތެވެ. ހިތުގެ ވަރެވެ. ހިތްވަރެވެ. ޒިވިޔާގެ ކުރިމައްޗަށް އަރާހާ ހިތްވަރެއް ނެތީއެވެ. އޭނާގެ އެ ކުށްވެރި މޫނު ޒިވިޔާއަށް ދައްކާނެހާ ހަކަތަ ލިބެންދެން ހުންނާނީ ޗުއްޓީގައެވެ. 

އަރުޝަދަށް ސައި ހަދައިގެން ހުރެ ހުރެ ޚަބަރެއް ނުވުމުން ޒިވިޔާގެ މަންމަ ދިއައީ ގެއަށެވެ. 

                               ނުނިމޭ