ސަރުކާރުން ހުޅުމާލޭގައި އެޅި ޕްރިސްކޫލް ނައިބު ރައީސް ހުޅުއްވާ ދެއްވައިފިއެވެ.

މުހައްމަދު ގާސިމް ޕްރީސްކޫލްގެ ނަމުގައި ސަރުކާރުން ހުޅުމާލޭގައި އެޅި ސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ ސްކޫލެކެވެ. އެއީ މއ. ފީރުމުރަނގަގޭ އަލީ ފިރާގް އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކޮށްފައިވާ ސްކޫލެކެވެ.

ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ސްކޫލުގައި 10 ކްލާސްރޫމް، ހޯލް، ސްޓާފްރޫމް، މީޓިންގ ރޫމް، އޮފީސް، މިއުޒިކް ރޫމް، ކޮމްޕިއުޓަރ ރޫމް އަދި ޕްރިންސިޕަލް ރޫމެއް ހުރެއެވެ.

ސްކޫލް ހުޅުވާފައިވަނީ 22 ދަރިވަރުންނާއި ހަ މުދައްރިސުންނާއި ދެ އެޑްމިނިސްޓްރޭޓިވް ސްޓާފުން އަދި ދެ ސަޕޯޓް ސްޓާފުންނާއި އެކުގައެވެ.
މިއީ 750 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

އަލަށް ހުޅުވި ޕްރީސްކޫލުގެ ދަރިވަރުންނާއެކު މިނިސްޓަރާއި ނައިބް ރައީސް

އެ ސްކޫލުގެ އެލްކޭޖީ، ޔޫކޭޖީ އަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް އޮންލައިންކޮށް ފޯމް ހުށަހެޅޭ ގޮތަށް ވަނީ ނިންމާފައެވެ.

އަދި ސްކޫލަށް ވަންނަ ދަރިވަރުންނަށް މިހާރުގެ މިހާތަނަށް އެ ދަރިވަރަކު ކިޔަވަމުންދިޔަ ސްކޫލެއްގެ ޔުނިފޯމާއި އެކު ސްކޫލަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ޕްރީސްކޫލުގައި އެންމެ ބޮޑަށް އިސްކަންދޭނީ ކުޅުމުގެ ތެރެއިން ދަރިވަރުން އުނގެނި ތަރުބިއްޔަތުކުރުން ކަމަށެވެ.

ސްކޫލުގައި ދަރިވަރުން ހޭދަކުރާ ކޮންމެ ދުވަހަކީ އާ ކުޅިވަރެއްގެ ތެރެއިން އާ ކަންތައްތަކެއް ދަރިވަރުން ދަސްކުރާނެ ދުވަހަކަށްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިޝަތު އަލީ ވިދަޅުވީ އެ އުމުރު ފުރައިގެ ކުދިންނަށް މަޖްބޫރުކޮށްގެން ފިލާވަޅު ދަސްކުރަން ބޭތިއްބުން އެއީ މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށެވެ.

“އެކަމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ހަގީގަތުގައި ބޮޑު” މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުންގެ ސިކުނޑި ރަނގަޅަށް ތަރައްގީވުމަށްޓަކައި ބޭނުންވާ ހުނަރުތައް ދަސްނުވަނީސް ކިޔަވަން މަޖްބޫރުކުރުމުގެ ސަބަބުން މުޅި އުމުރުގައި ކުއްޖާ ކިޔެވުން މަތިން ފޫހިވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

ތަޢުލީމުގެ ޤާނޫނު 10 އޯގަސްޓް 2021 ގައި ތަންފީޒުކުރެއްވުމާއި ގުޅިގެން ޕްރީސްކޫލް ތަޢުލީމަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ ޖެހޭ ތަޢުލީމީ މަރުޙަލާއެއްގެގޮތުގައި ވަނީ ހަމަޖެހިފައެވެ. އަދި، ޕްރީ ސްކޫލް ތަޢުލީމަކީ މަޖުބޫރު ތަޢުލީމެއްގެ ގޮތުގައި ކަނަޑައެޅިފައިވާއިރު އެ ޤާނޫނުގެ ދަށުން ޕްރީ ސްކޫލް ތަޢުލީމު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ފޯރުކޮށްދޭންޖެހެއެވެ.

ތުއްތު ކުދިންނަށް ހާއްސަކޮށް މީގެކުރިން މާލެ ސަރަހައްދުގައި މުޅިން ހެން ހުންނަނީ ޕްރައިވެޓް ސްކޫލްތަކެވެ.