އާހިތްވަރަކާއިއެކު ގައުމީ ފުޓްބޯޅަ ޓީމް އަލުން ނިކުންނާނެ ކަމީ ކަށަވަރު ކަމެއް ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗްގައި އިންޑިއާ އަތުން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމުމުން ޓީމަށް ހިތްވަރުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޓީމަށް ހިތްވަރުދެއްވާ ނަޝީދު ވަނީ ނާކާމިޔާބީގައި ހިތްވަރު ގަދަކުރެއްވުމަށް އެދިވަޑައިގެންފައެވެ. “ﷲގެ އިރާދަފުޅާއި ހިތްވަރާއިއެކު ގައުމީ ފުޓްބޯޅަ ޓީމް އަލުން ނިކުންނާނެ ކަމީ އަޅުގަނޑަށް ކަށަވަރު ކަމެއް.” ނަޝީދު ވިދާޅުވިއެވެ.

ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗާއި ގުޅޭ ގޮތުން އިއްޔެ ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ރާއްޖެ އިން އިންޑިއާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަޝީދު އެހެން ވިދާޅުވެފައި ވަނިކޮށް ރޭ ރާއްޖެ ބަލިވުމުން ބައެއް މީހުން އަންނަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.