ފުވައްމުލަކު ސިޓީ ކައުންސިލްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ކުރެވުނު އިއުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން އިލްމީ ގޮތުންނާއި، ތަޖުރިބާއާއި، އިންޓަވިއުންނާއި، ޕްރެޒެންޓޭޝަނުން އެންމެ މަތީ ޕޮއިންޓް ހޯއްދެވި ބޭފުޅަކަށް އަސްލަމް ރަޝީދު ހޮވިއްޖެއެވެ.

މި މަޤާމަށް ބޭފުޅަކު ހަމަޖެއްސުމުގައި ދެން އޮންނާނީ ކައުންސިލްގެ ލަފާ ހޯދުމެވެ. ފުވައްމުލަކު ސިޓީ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަކަށްވާތީ މޭޔަރު ބޭނުންވާ ގޮތަށް ލަފާ ލިބޭނެއެވެ. އެގޮތަށް ލަފާ ލިބިއްޖެނަމަ ފުވައްމުލަކު ސިޓީ ކައުންސިލްގެ ފުރަތަމަ “އެސްޖީ”އަކަށް ވާނީ އަސްލަމެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ ދެންނެވުމުގައި ވާގޮތުން އަސްލަމާއި އެންމެ ކައިރިން ވާދަކުރެއްވީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހެވެ.

“އެސްޖީ”ކަމަށް އިއުލާން ކުރުމުގެ ކުރިންވެސް މި މަޤާމަކީ އަސްލަމަށް ސިޓީގެ މޭޔަރ ހަމަޖައްސަން ލޮބީ ކުރަމުންދާ މަޤާމެއް ކަމަށް ވަނީ އަޑުފެތުރިފައެވެ.

އަސްލަމް ރަޝީދު މިހާރު ހުންނެވީ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަޤާމުގައެވެ. އަދި އޭނާ އަކީ މީގެ ކުރިން ޒިކްރާ އިންޓަރނޭޝަނަލް ކޮލެޖުގެ ލެކްޗަރުކަމާއި،ޑީން ކަމާއި، އަދި ހާފިޒް އަހުމަދު ސްކޫލުގެ ޓީޗަރު ކަމާއި ލީޑިން ޓީޗަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ އިންޓަވިއު ޕެނަލް ތަކުގައި މިހާރު ތިއްބަވަނީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނެވެ. އެމީހުނަށް ސިޔާސީ ނުފޫޒު އޮންނަކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.

ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.csc.gov.mv/v3/wp-content/files/2021/SGCouncilA2Sheet/City/Fuvahmulaku_City_16092021.pdf