އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު ފުއާދު ތައުފީގް އިންތިހާބު ކޮށްފިއެވެ.

ފުއާދު އެ ކޮމިޝަނުގެ ރައީސްކަމަށް އިންތިހާބު ކޮށްފައިވަނީ މިހާރު ކުރިއަށްދާ އެ ކޮމިޝަނުގެ ޖަލްސާގައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ރައީސްގެ މަޤާމަށް ފުއާދު އިންތިޚާބުވެފައިވަނީ ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަަމަށް ފުއާދު އިންތިޚާބުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހު އެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ޝަރީފް އެ މަޤާމުން އިސްތިއުފާ ދެއްވުމާއެކު، ރައީސްގެ މަޤާމް ހުސްވުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ފުއާދު އިންތިޚާބުވެ ވަޑައިގަތް މިއީ ދެވަނަ ފަހަރެވެ. ފުއާދަކީ 2013ގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސެވެ. އޭނާ އީސީން ވަކިކުރީ ސްޕްރީމް ކޯޓުން އަމިއްލަ އިސްނަގައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހުއެވެ. އޭނާވަނީ އޭގެ ފަހުން މަޖިލިސް އިންތިޚާބުގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރައްވާފައެވެ. އެހެންނަމަވެސް އެފަހަރު ނާކާމިޔާބީއާ ކުރިމަތި ލައްވަން ޖެހިވަޑައިގަތެވެ.

ދެވަނަ ފަހަރަށް އިލެކްޝަންސް ކޮމިޝަނަށް ފުއާދު އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައެވެ. މަޖިލީހުގެ 70 މެންބަރުންގެ ވޯޓުން ފުއާދަށް އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ރުހުން އޭރުވަނީ ލިބިވަޑައިގެންފައެވެ.