ބައިނަލް އަގްވާމީ މައިދާނުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިވެހިން ލަދު ގަންނުވާލާފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދަށް ޖަމީލް ފާޑުވިދާޅުވެ ޓްވީޓެއް މި ކުރެއްވީ، ނަޞާރާ ދީނުގެ ފައްޅިއެއްގައި ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެއްގައި ޝާހިދު ރޭ ބައިވެރިވެވަޑައިގަތް ފޮޓޯތަކެއް ޚިއްސާ ކުރައްވަމުންނެވެ.

އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު ޖަމީލް ވިދާޅުވީ ބައިނަލް އަގްވާމީ މައިދާނުގައި އިސްލާމް ދިޏުގެ އަގީ ހިފަހައްޓައިގެން ތިބެގެން ވެސް މުސްލިމުންނަށް ހަރަކާތްތެރިވެވެން ޖެހޭނެ ކަމަށާއި އިއްޔެއަކީ ދިވެހިން ލަދުގަންނަވާލި ދުވަހެއް ކަމަށެވެ.

“މުސްލިމަކަށްވުމަކީ މާތް الله ކަނޑައަޅުއްވާފައިވާ ހުރިހާ ކަމަކަށް ފުރިހަމައަށް ތަބަޢަވުން.އެހެން ބަޔަކު ރުއްސާކަށް ނުޖެހޭ. މިއީ ދިވެހިން ލަދުގަންނަވާލި ދުވަހެއް.” ފަނޑިޔާރުކަމާއި ވަޒީރު ކަން ވެސް ކުރެއްވި ޖަމީލް ލިޔުއްވާފައިވެއެވެ.