ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެންމެ ބޮޑު މަސައްކަތެއް ކޮށްދެއްވައި، ޑިމޮކްރަސީ ގެނައުމަށް އެންމެ ގިނަ މަސައްކަތް ކުރި މީހަކީ އެމަނިކުފާނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މީހުންގެ ފޯމްތަކާއި ހަވާލުވުމަށް ރޭ ބޭއްވި ޖަލްސާގައި ޤާސިމް ވަނީ ޑިމޮކްރަސީއަށް އެމަނިކުފާނު ވެވަޑައިގެންނެވި ޤުރުބާނީ ހިއްސާ ކޮށްދެއްވާފައެވެ. އެގޮތުން ޤާނޫނު އަސާސީ އެކުލަވާލުމަށް ކުރެވިދިޔަ މަސައްކަތްތަކާއި، އެންމެ ފުރަތަމަ ޕާޓީ ނިޒާމު އުފެއްދުމަށް ކުރެވިދިޔަ މަސައްކަތްވެސް ޤާސިމް ވަނީ ހިއްސާ ކުރައްވާފައެވެ.

އަޅުގަނޑު އިސްވެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓިއަށް ސޮއިކުރީ. ޕާޓީއަށް ފުރަތަމަ ސޮއިކުރީވެސް އަޅުގަނޑު. އޭގެ ނަތީޖާއެއްގެގޮތުން ބޮޑެތި އެތައް އަނިޔާތަކެއް ތަހައްމަލް ކުރަންޖެހުނު. ބިންގަރާހުގަ 7 ދުވަސް ވާންދެން ބޭއްވި.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ އެއްވެސް މީހަކަށް ޒާތީނުވެ، ޤައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެކި ފަހަރުމަތީން ތަނާތު ބޮޑެތި އަނިޔާތަކެއް ލިބިފައި ވީނަމަވެސް އެއްވެސް މީހަކާއި މެދު ޒާތީކަމެއް ގެންގުޅެފައި ނުވާނެކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު އޭނާއާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ނުހައްގުން އަނިޔާދޭން އުޅުމުންވެސް އެންމެ ބޮޑަށް އެކަމާއި ދެކޮޅަށް ވަކާލާކު ކުރެއްވީ އޭނާ ކަމަށެވެ.

ނާޒިމް ޖަލަށް ގެންދިއުމުން، އަޅުގަނޑާއި، ރައީސް ނަޝީދާއި ތިބީ ހައިކޯޓް ކައިރީގައި އަތާއި އަތް ގުޅާލައިގެން އެތާ ތިބީ. ރައީސް ނަޝީދަށް ދައުވާ ކުރުމުން އެކަމާއި ދެކޮޅަށްވެސް އަޅުގަނޑުހުރިން ހައިކޯޓް ކައިރީގައި. އޭރު ކޯލިޝަންގައި އަޅުގަނޑު ހުރީވެސް. އަޅުގަނޑު ބުނިން ރައީސް ނަޝީދަށް ދައުވާ ނުކުރެވޭނެއޭ.

– ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ ފަސްގަނޑުގައި ހުންނަވައިގެން ކަމަށާއި، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ ލަންކާގައި ހުންނަވައިގެން ކަމަށެވެ.

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ ކޯލިޝަނެއްގަ ކަމަށްވިޔަސް އަދި ކޯލިޝަނެއްގައި ނޫންކަމަށް ވިޔަސް، ހައްގުބަސް ބުނުމާއި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ އެއްވެސް ސިފައެއްގެ ކަމެއް އަންނަ ކަމަށް ވަންޏާ، ބުނަންޖެހޭ ހައްގުބަސް އެހިނދަކަށް ފެނުނު މިންވަރަކަށް އަބަދުވެސް ބުނަމުން ގެންދަވާ ކަމަށެވެ.