ހަވަނަ ބައި

ހަޅޭއްލަވަމުން ރޮމުން ދިޔަ ކުދިން ތިބި ދިމާލަށް އަރުޝަދުގެ ނަޒަރު ދަތުރުކޮށްލި ވަގުތު އެހެންކުދިންނާ ދުރަށް އޮޔާއެކު ދާ ޒިވިޔާ ސަލާމަތް ވުމަށް ކުރަމުންދިޔަ ޙަރަކާތް ފެނި އަރުޝަދުގެ ހޭ ބުއްދި ފިލި ކަހަލައެވެ.ލައިގެން ހުރި ޓީޝާޓު ބޮލުން ދަމާ އެއްލާލެވުނު ގޮތެއްވެސް އަރުޝަދަކަށް ނޭނގުނެވެ. ދިޔަ ގޮތަށް މޫދަށް ފުންމާލާ ފަތައިގަތީ ޒިވިޔާއާ ދިމާއަށެވެ.

ފަރިތަ ކަމާއެކު ޒިވިޔާ އޮތް ހިސާބަށް އަރުޝަދަށް ދެވުނުތަނާ ބިރުން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔަ ޒިވިޔާ އޮޅުލައިގަތީ އަރުޝަދުގެ ކަރުގައެވެ. އަރުޝަދު ހުރީ މިކަމަށް މާކުރިން ވިސްނައިގެންނެވެ. އޮޅުލައިގަތުމާ އެކު ޒިވިޔާ ޚަބަރު ހުސްވީއެވެ. 

ނަސީބަކުން ޒިވިޔާ އެއްގަމަށް ގެންދިއުމުގައި މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ. ޒިވިޔާއަށް ފަތަން އެނގޭނަމަ ފައި ޖެހޭ ހިސާބަށް އައުމުގައި އުނދަގުލެއް ވެސް ނުވީހެވެ. އެހެންނަމަވެސް ކުދިން ކުޅެން ގެންގުޅުނު ބޯޅަ ތަންކޮޅެއް ދުރަށް ދިއުމުން ބޯޅަ ނަގަން އުޅުމުގެ ތެރޭގައި އޮއެ ބާރު ހިސާބަކަށް ޒިވިޔާއަށް ދެވުނީއެވެ.

އަރުޝަދު ޒިވިޔާ ގެނެސް ދޮންވެލި ގަނޑުމަތީ ބޭއްވިއިރު އަރުޝަދަށް ހުރެވުނީ މާނޭވާ ލެވިފައެވެ. ޒިވިޔާ އަކީ ހިކިކޮށް ހުންނަ ކުއްޖަކަށް ވިއަސް ޒިވިޔާގެ މުޅިހަނށިގަނޑުގެ ބަރާއެކު ތެމިފައިވާ ހެނދުމުގެ ސަބަބުން ފުދޭވަރަކަށް ބަރެވެ. ބިރުންގޮސް ޚަބަރުހުސްވެފައި އޮތް ޒިވިޔާ ދޮންވެލި ގަނޑުމަތީ ބޭއްވުމަށްފަހު ހިންދެމިލުމުގެ ކުރިން އަރުޝަދުގެ ލޮލުގައި އަޅާގަތީ ހެނދުމުން ކަޝްފުވެފައިވާ ޒިވިޔާގެ ދޮންދޮން ހިނދި ބަނޑެވެ. 

ސިކުނތުކޮޅަކަށް ނަޒަރު ވަކިކޮށް ނުލެވިފައި ހުރުމަށްފަހު ނަފުސު ހަމައަކަށް އަޅުވަމުން ދެކަކުލުގައި އަތް ވިއްދައިގެން އޮވެ އޭރުވެސް އަރުޝަދު މާނޭވާލަނީއެވެ. މުއީޒާ ދުވެފައި އައިސް ޒިވިޔާގެ ހެދުން ރަނގަޅު ކުރަމުން ޒިވިޔާ އަށް ގޮވަމުން ދިއައެވެ. ރޮމުންނެވެ. އެހެންނަމަވެސް ޚަބަރު ހުސްވެފައިވާ ޒިވިޔާގެ އެއްވެސް ހަރަކާތެއް ނެތެވެ.

އަނެއްކާވެސް އަރުޝަދު އެނބުރުނީ ޒިވިޔާއާ ވީފަރާތަށެވެ. މަޑުމަޑުން ޒިވިޔާގެ ކައިރީ ކުޑަކަކޫ ޖަހައިގެން އިށީނދެ ޒިވިޔާ އެއްފަރާތަކަށް އަރިކޮށްލުމަށްފަހު ލޮނުބޮވިފައި ހުރިތޯ ޔަގީން ކޮށްލިއެވެ.

ޒިވިޔާއަށް އޮތީ ކޮންމެވެސް ވަރަކަށް ލޮނުބޮވިފައިކަން ޔަގީން ވުމުން ދެން އަރުޝަދު އަވަސްވެގަތީ އެވަގުތަށް ދޭން ޖެހޭ ސިއްހީ ފަރުވާ ދިނުމަށެވެ. ނަސީބަކުން ދެތިންފަހަރަކު އަނގައިން ލޮނު ބޭރުވުމަށްފަހު ހޭއަރާ ޒިވިޔާ މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ.

އެވަގުތަކީ އެ ޚަބަރު ލިބިގެން ބާބެކިއު ހެދުމުގައި ތިބި އެންމެން ދުވަމުން ދުވަމުން އެތަނަށް އައިސް ޖަމައަވަމުން ދިޔަ ވަގުތެވެ. އެހެންނަމަވެސް އެންމެންގެ ތެރެއިން ވެސް ދުރުގައި ގޮސް ހުއްޓިހުރި އަރުޝަދުގެ ބެލުން ޒިވިޔާ ލޯ ހުޅުވާ ބަލާލާ ކޮންމެ ފަހަރަކު ޒިވިޔާއަށް ހަމަ ޖެހުން ގެނެސްދިނެވެ.

އެންމެންތައް އައިސް ވީ ކީއްތޯ އަހަން ފެށުމުން ޒިވިޔާއަށް ރޮވިއްޖެއެވެ. މަޑުމަޑުން ތެދުވެ އިށީނދެލާ ދެކަކުލުގައި ބޯ އަޅާލުމުގެ ކުރިން ދުރުގައި ހުރި އަރުޝަދަށް އަނެއްކާ ވެސް ބަލާލެވިއްޖެއެވެ.

އަރުޝަދުގެ މޫނުމަތިން ޒިވިޔާއަށް ފެނުނީ އޯގާތެރިކަމާ ހިތްވަރުދިނުމެވެ. ނޫނެކޭ ބުނާ ގޮތަށް އަރުޝަދު ދެއަތަށް ބޯ ހޫރާލުމުން އެއީ ނުރޯން ދިން ހިތްވަރެއްކަން ޒިވިޔާ ދެނެގަތެވެ. އެހެންކަމުން ދެއަތުން މޫނު ފޮހެމުން ތެދުވާން އުޅުމުން މުއީޒާ އާއި އެހެން ދެކުއްޖަކު އައިސް އެހީތެރި ވެދީގެން ޒިވިޔާ ބާބެކިއު ހަދަން ތިބި ހިސާބަށް ގެންގޮސް ބޭންދިއެވެ.

”ނުތެދުވެ ރީތިކޮށް އިނދޭ! އަހަރެމެން އަންނާނަން ކާއެއްޗެހި ހިފައިގެން! މިހާރު ދެން އެއޮތް މެންދުރު ވެސް ވީނު.” މުއީޒާ ޒިވިޔާއާ އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. އަދި ދެ ކުއްޖަކު އެތާ ތިބުމަށް ބުނެފައި  މުއީޒާމެން ދިޔައީ ކާއެއްޗެހި ބަލައެވެ. 

މުއީޒާމެން ދިޔަތާ މާގިނަ އިރެއް ނުވެއެވެ. ހޮސްޕިޓަލުގައި އުޅޭ ޖީހާންއާ އޭނަގެ ބެސްޓްފްރެންޑް ވަލީދާ އެތަނަށް އަތުވެއްޖެއެވެ. 

”އޭ ޒިވިޔާ! އަސްލުވެސް ހަމަ ގެނބެން އުޅުނީތަ ނޫނީ ޑޮކުޓަރަށް ފަތަން އެނގޭތޯ ބެލީތަ!” 

ޖީހާން ބޭނުންވީ އެއީ ޒިވިޔާ ގަސްދުގައި ކުރިކަމެއްތޯ ނުވަތަ އަސްލު ހަމަ ވީގޮތްތޯ އޮޅުން ފިލުވާށެވެ. އެހެންނަމަވެސް އެތާ ދެންތިބި ކުދިން ހައިރާންކަމާ ހިތްހަމަ ނުޖެހުމާއެކު ޖީހާންއަށް ބަލަން ފެށުމުން އޭނައަށް ދެއްކުނީ ރަނގަޅު ވާހަކައެއް ނޫންކަން އެނގުމުން ދެރަވާ ކަހަލަ ރާގެއްގައި ބުންޏެވެ. 

”އަސްލު މަ ހީކުރީ ޒިވިޔާ ކުރި ސަމާސާއެއް ކަމަށޭ! ސޮރީ އިނގޭ! މިހާރު އޯކޭތަ!” 

ޖީހާންގެ ވާހަކަ އަޑުއިވުމުން ޖަވާބެއް ދިނުމުގެ ބަދަލުގައި މިފަހަރު ޒިވިޔާ ކުޑަކޮށް ހީނލިއެވެ. އެވަގުތު އެތަނަށް ޑޮކުޓަރ އަރުޝަދާއި އަސްލަމް އަންނަތަން ފެނުމުން ހުރިހާ ކުދިން ވެސް އެކި ދިމަ ދިމާއަށް ޖެހިލައިފިއެވެ. 

”ޒިވީ، މިހާރު ކިހިނެތްތަ! އޯކޭތަ ! އެއްވެސް އުނދަގުލެއް ވަންޏާ ނުބުނެ ނުހުންނައްޗެ!” އަސްލަމު މިހެން ބުނުމުން ޒިވިޔާ މަޑުމަޑުން ބޯ ޖަހާލަމުން ”މިހާރު ރަނގަޅު” އޭ  ބުނެލީ ވަރަށް ލަދުން ހުރެއެވެ. 

”ކޮބާ މުއީޒާ!” 

އަސްލަމު ސުވާލުކުރީ މުއީޒާމެން ވީތަނަކާ ބެހޭ ގޮތުންނެވެ. އެވަގުތު  ދެތިން ތައްޓަށް ކުކުޅު ފަޔާ ފިހުނު އަލުތްވާ ޕާނާ އެއްޗެހި އަޅައިގެން މުއީޒާމެން އަންނަ ތަން ފެނިއްޖެއެވެ. 

މި ކުދިން އައިސް އެއެއްޗެހި ޑޮކުޓަރަށާ އަސްލަމަށް އަދި ޒިވިޔާއަށް ދީފައި އެމީހުން ކާން ދިޔައީ ތަންކޮޅެއް ދުރަށެވެ. އެއީ އެމީހުން ޖަހަން ބޭނުންވާ ސަކަރާތް އަސްލަމު ހުރީމާ ޖަހަން އުނދަގޫ ވާނެތިއެވެ. 

އިރުކޮޅަކުން އަސްލަމު ވެސް ތެދުވެގެން ޖޫސް ހިފައިގެން އެބަ އަންނަމޭ ބުނަމުން ހިނގައްޖެއެވެ.

އެ ހިތްގައިމު މާހައުލުގައި ޒިވިޔާ އާއި އަރުޝަދު އެކަނިވެއްޖެއެވެ. އެކަކަށް ވެސް އިސްނަގާ ވާހަކަ ދައްކަން ތިބީ ނުކެރިފައެވެ. އެންމެ ފަހުން ތަނުގައި އޮތް ހިމޭންކަމުން އުނދަގޫވެގެން އަރުޝަދު މަޑުމަޑުން ކަރުކެހިލިއެވެ. ޒިވިޔާ އަޅާވެސް ނުލިއެވެ. އެކަމަކު އަރުޝަދާ ވީފަރާތް ނޫން އަނެއްފަރާތަށް ކަނޑަށް ނަޒަރު ހުއޓާލިއެވެ. އަރިމަތިން ޒިވިޔާގެ ކޮލަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ވަޔާ ހަރަކާތް ކުރަމުން ދިޔަ މަންޒަރު ބަލަން އަރުޝަދަށް އިނދެވުނެވެ. 

”ޒިވީ!” 

އެންމެ ފަހުން ނީނދެވިގެން އަރުޝަދު މަޑު މަޑުން ގޮވައިލުމުން ” އޫނ ” އޭ ޒިވިޔާއަށް ބުނެވުނީ ބޭއިޚުތިޔާރު ގައެވެ. އެއަޑުގައިވާ ޖާދޫގެ ސަބަބުންކަމެއް ވެސް ނޭނގެއެވެ. މި ފަހަރު ޒިވިޔާ މަޑުމަޑުން އަރުޝަދާ ވީފަރާތަށް މޫނު އަނބުރައިލީ ސުވާލުގެ ނަޒަރަކުން ބަލަމުންނެވެ.

”އަސްލަމު ބުނި ގޮތަށް އެއްވެސް އުނދަގުލެއް ވަންޏާ ނުބުނެ ނުހުންނައްޗޭ. ފަހަރެއްގައި ލޮނު ބޮވުމުގެ ސަބަބުން ފަހުން އުނދަގޫ ތަކަކާ ކުރިމަތިލާން ޖެހިދާނެ. އެހެންވެ މިހެން މިބުނީ. ” އަރުޝަދުގެ އޯގާތެރި އަޑުއިވުމުން ޒިވިޔާއަށް އަމިއްލަ ގޮތެއް އިހުސާސް ކުރެވުނެވެ. 

އެއީ ޑޮކުޓަރުން އަބަދުވެސް ބަލި މީހުންނާ ވާހަކަ ދައްކާ ގޮތެވެ. ޒިވިޔާ އަމިއްލަ ނަފުސަށް ވިސްނައި ދިނެވެ. އަރުޝަދު ވާހަކަ ދެއްކިއިރު ޒިވިޔާއަށް އިނދެވުނީ އަރުޝަދުގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒިވިޔާގެ ބެލުމުން ހިތަށް ލިބުނު އަރާމަކުން އެންމެ ފަހުން އަރުޝަދަށް ނީނދެވި އަނެއްކާވެސް ޒިވިޔާގެ ނަމުން ގޮވައިލިއެވެ. 

”ޒިވީ، އަހަރެން އެބަ ވާހަކަ ދައްކަމޭ!” 

ކުޑަކޮށް ހީނލަމުން އަރުޝަދު ބުނެލިއެވެ. 

”އަޅުގަނޑަށް އަޑު އިވޭ!” ޒިވިޔާ އިސްޖަހާލަމުން ޖަވާބު ދިނެވެ. 

”ބޭނުމީ ރަށަށް ދާން! މަންމައަށް އެނގިއްޖެއްޔާ ވަރަށް ދެރަވެ ހާސްވެގެން އުޅޭނެ.” 

މިފަހަރު ޒިވިޔާގެ އަޑުގައިވަނީ ބަޔާންކުރަން ދަތި އަސަރެކެވެ. 

”އަހަރެން ގޮސް ބުނާނަން އަސްލަމު ކައިރީ ދަތުރު ކުރުކޮށްލަން! މިއަދު ދެން ރަނގަޅީވެސް ތިގޮތް!” 

އަރުޝަދު ޒިވިޔާއަށް ޖަވާބުދެމުން ތެދުވެގެން ހިނގައިގަތީ އަސްލަމު ފެނޭތޯއެވެ. ދުރުވަމުން ދިޔަ އަރުޝަދަށް ޒިވިޔާ ބަލައިލިއެވެ.

ދަތުރުގެ ވަރުބަލިކަމާ އެކު މިއަދުގެ ހާދިސާއިން ސިކުނޑިއަށް ލިބިފައިވާ ލޮޑުކަމަކުން ގެއަށް ދެވުމާއެކު ފެންވަރާލައިގެން އޮށޯތުމުން ޒިވިޔާއަށް ނިދއްޖެއެވެ. ހަވީރުވާން އުޅެނިކޮށް ޒިވިޔާގެ މަންމަ އައިސް ގޮވުމުން ލޯހުޅުވާލާ ބަލައިލިއިރު މަންމަގެ މޫނުމަތިން ފެންނަނީ ތަފާތު ކުލަވަރެކެވެ. ޒިވިޔާގެ ހިތް ތެޅިލިއެވެ. ޒިވިޔާ ނުބުންޏަސް ޒިވިޔާ ގެނބުނުކަން މަންމައަށް އެނގޭނެކަން ޒިވިޔާއަށް އެނގެއެވެ. އެކަމަކު ވެސް މަންމަ ދެރަވާނެ ވަރާ ހާސްވާނެ ވަރު އެނގޭތީ ބުނަން ނުކެރުނީއެވެ. 

”ދަރިފުޅު އެއޮތް ބޮޑުކަން ހިނގިއިރު މަންމަ ގާތު ކީއްވެ ނުބުނީ!  ތިހެންވީމަ އެކަހަލަ ތަންތަނަށް ދަރިފުޅު ފޮނުވަން މަންމަ ބިރުގަންނަނީ! ނަސީބެއްނު ޑޮކުޓަރ އަރުޝަދު ކައިރި ހިސާބެއްގައި ހުންނެވިކަން!”

މަންމަ އެ ހުރިހާ ވާހަކަ ފައްޗަކަށް އަމުނާލިއިރު އަދިވެސް މަންމަ ދައްކަން ކިތަންމެ ވާހަކައެއް ހުންނާނެ ކަން ޒިވިޔާއަށް އެނގެއެވެ. 

”މަންމާ! އަހަންނަކަށް މާ ބޮޑުކަމެއް ނުވެޔޭ! މިހިރީނު1 އަހަރެން ހަމަ ނޯމަލްއޭ!”  

ޒިވިޔާ ވާހަކަ ދެއްކީ އެކަމަކީ މާބޮޑު ކަމެއްނޫންކަން އަންގައިދީގެން މަންމަ ހިތްހަމަ ޖައްސައިދެވޭތޯއެވެ. ދެން މަންމަގެ އަތުގައި ހިފަމުން ޒިވިޔާ ތެދުވެ އިށީނެވެ. 

”މާދަމާ ތަ ޑިއުޓީ އޮތީ ދެން؟ ” 

ޒިވިޔާގެ މަންމަ ސުވާލުކުރަމުން ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ޒިވިޔާ ވެސް ތެދުވެގެން ހިނގައިގަތީ މަންމަގެ ކޮނޑުގައި އެލިގަނެގެން މަންމައާއެކު ކާކޮޓަރިއަށެވެ. 

”އާން! މާދަން ނަސީބަކުން!” ލައިގެން ހުރި ޓޮޕުކޮޅުގެ ފަސްބާގައި ހިފައި ކުޑަކޮށް ތިރިއަށް ދަމާލަމުން ހެދުން ރީތި ކުރަމުން ކޮޓަރިން ނިކުތް ޒިވިޔާއަށާ މަންމައަށް އޭރު ގެއަށް ވަންނަން އައި އަސްލަމާ އަރުޝަދު ފެނުނީ ގޭގެ ދޮރުމަތިންނެވެ. އޭރު އަދި އެމީހުންނަކަށް ޒިވިޔާއެއް ނުފެނެއެވެ. ވަގުތުން ޒިވިޔާ ދެމިގަތީ ކޮޓަރިއަށެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ކައިރި ކުރުމަށްފަހު ގޮސް ވަނީ ފާޚާނާއަށެވެ. ޒިވިޔާއަކީ ގޭގައި އުޅޭއިރު ނޫނީ އަތް ކުރު އެއްޗިއްސާ ކުރު ޓޮޕު ލައި އުޅޭ ކުއްޖެއް ނޫނެވެ. ބުރުގާ ނޭޅިއަސް ހެދުން ލުމުގައި ވަކި މިންގަނޑެއް އަބަދުވެސް ޒިވިޔާ ގެންގުޅެއެވެ. 

ސަލާމް ގޮވީ އަސްލަމެވެ. އަޑުއިވުމުން ޒިވިޔާގެ މަންމަ ސަލާމް ބަލައިގަތީ ފަހަތަށް އެނބުރި ބަލާލަމުންނެވެ. އަދި ކޮންބައެއްކަން އެނގުމުން ދެން ބެލީ ޒިވިޔާ ކޮބައިތޯއެވެ. ޒިވިޔާ ފެންނަން ނެތުމުން އަސްލަމުމެން ގާތު އިށީންނަން ބުނެފައި ޒިވިޔާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އޭރު ޒިވިޔާ ފާޚާނާގައި އުޅޭ އަޑުއިވުމުން ވަނީ ފާޚާނާއަށްކަން އެނގިއްޖެއެވެ. އެހެންކަމުން ދޮރު ލައްޕާލުމަށްފަހު ޒިވިޔާގެ މަންމަ ވެސް ގޮސް އަސްލަމު މެންގާތު ސިޓީންރޫމުގެ ގޮނޑިއެއްގައި އިށީދެއްޖެއެވެ. 

”އަހަރެމެން މިއައީ ޒިވިޔާގެ ހާލު ބަލާލަން! ނިދިފަތަ އޮތީ!” ވާހަކަ ދެއްކީ އަސްލަމެވެ. 

”މިހާރު ތެދުވެއްޖެ! ފާޚާނާގައިވީ!……. ނިކުންނާނެ އިރުކޮޅަކުން!” އަސްލަމުގެ ސުވާލަށް ޖަވާބު ދެމުން ޒިވިޔާގެ މަންމަ ތެދުވެއްޖެއެވެ.

”އަޅުގަނޑު އެބަ އަންނަން!” ވާހަކަ ދައްކަމުން ތެދުވި ޒިވިޔާގެ މަންމަ ގޮސް ލޯމަތިން ގެއްލެންދެން އަރުޝަދު އިނީ ބަލަހައްޓައިގެންނެވެ. 

”ޒިވިޔާގެ މަންމަ ވެސް ހަމަ ރީތީތާ! އެހާ ޅައުމުރުގައި ކީއްވެބާ އެހެން ހުހަށް އެ ހުންނަނީ!” ހިތަށް އެރި ވާހަކަތައް އަސްލަމާ ހިއްސާ ކުރާކަށް އަރުޝަދަކަށް ނުކެރުނެވެ.

އަސްލަމު އެގެއަށް އާ ނޫނަސް އަރުޝަދު އެގެއަށް އެ އައީ އަލަށެވެ. އެހެންކަމުން ޒިވިޔާގެ މަންމަ ދިއުމުން މުޅި ގޭތެރެއަށް ވަށައިގެން ލޯ ހިންގައިލިއެވެ. މާ ގިނަ ކޮޓަރިތަކެއް ނެތެވެ. އަގު ބޮޑު ފަރުނީޗަރެއް ވެސް ނެތެވެ. އެހެންނަމަވެސް ރަށުގެ ފެންވަރުން ހުރި ތަކެތި ރަނގަޅެވެ. ކޮންމެ އެއްޗެއްވެސް ބެހެއްޓިފައިވަނީ ވަކި ތަރުތީބަކުން ކަން އެނގެއެވެ. ވަކިން ބޮޑަށް ސިޓިންރޫމާ އެތާ ހުރި ތަކެތީގެ ތަރުތީބުކަމާ އެކު ސާފުކަން އަރުޝަދުގެ ސަމާލުކަން އަތުލިއެވެ. ސިޓިންރޫމުގެ އެއްކަނެއްގައި ފާރުގައި ދެތިން ފޮޓޯ ލޯގަނޑު ހަރުކޮށްފައި ހުއްޓެވެ. އަރުޝަދު ތެދުވެގެން އެ ދިމާއަށް ހިނގައގަތީ މުޅިއަކުން އިޚުތިޔާރަކު ނޫނެވެ. 

 

                               ނުނިމޭ