އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ބައިވެރިވެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވާތީ ކެންޑިޑޭޓުންގެ ލިސްޓްގައި އޭނާގެ ނަން ހިމަނައިފި އެވެ.

އެމްޑީޕީން މިއަދު އާއްމު ކުރި ލިސްޓުގައި މަހުލޫފްގެ ނަން ލިސްޓްގައި ހިމެނި ސަބަބެއް ކަމަށް ބުނެފައި ވަނީ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖލިހުގެ ނިންމުމާ އެއްގޮތަށް ކެންޑިޑޭޓް ލިސްޓަށް އޭނާގެ ނަން އިތުރު ކުރަން ނިންމާފައިވުމެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ. އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާ ނަމަ، އެޝަރުތަކަށެވެ.

މަހުލޫފު ގެންދަވަނީ ވަރުބަލިކަމެއް ނެތި މެދު އުތުރު ޕްރޮވިންސްގައި ކެމްޕެއިން ކުރައްވަމުންނެވެ.

މަހުލޫފު ކުރިމަތި ލައްވާފައި ވަނީ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމުގެ މަޤާމަށެވެ.