ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.ގެމަނަފުށި، މިސްކިތްދޮށުގެ، އަބްދުއްސަލާމް. އައްޔަން ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ގާބިލު ފަރާތެއް ހޮވުމަށްޓަކައި އިންޓަވިއު ކުރުމަށްފަހު، މެޖިސްޓްރޭޓް ކޯޓުތަކަށް ތިން ފަނޑިޔާރުން އަދި ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އަރުވާފައިވާ ކަމަށެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، އައްޔަން ކުރެވުނު ޢަބްދުއްސަލާމް ވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލްކުރައްވާފައެވެ. އޭނާ ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައި ހަތަރު އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.

ފުވައްމުލަކުގައި ވެސް ޤާނޫނީ ވަކީލުކަން ކިޔަވާގެން ތިއްބެވި އަދި ވަޒީފާ ރަށުން ބޭނުންވާ އެތައްބަޔަކު އެބަތިއްބެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިސްކަންދެއްވަނީ ފުވައްމުލަކުގެ މީހުނަށްވުރެން ރަށުން ބޭރުގެ މީހުނަށް ފުވައްމުލަކުގެ އިދާރާތަކުގެ ވަޒީފާ ދެވޯތޯކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.