މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ފެށުނީއްސުރެ ވެސް މިނިވަންކަން ގެއްލިފާ އޮތް ޕާޓީއެއްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާ ދެ ބޭފުޅުން އިސްވެ އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޕާޓީއެކެވެ.

އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، އޮންލައިން ނޫހަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ނާޒިމްވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ޕްރޮގްރާމްގައި ނާޒިމްވަނީ، ރައީސް ޔާމީނަކީ ކަންނެތް ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ނާޒިމްގެ އެވާހަކަތަކާއި ގުޅިގެން ޕީޕީއެމްގެ މެންބަރުން ދަނީ ނާޒިމަށް ހޫނު ރައްދުތައް އަމާޒު ކުރަމުންނެވެ.

އެގޮތުން، ޕީޕީއެމްގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު އިސްމާޢީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނާޒިމަށް ވެސް އަދި ނާޒިމްގެ ޕާޓީއަކަށް ވެސް އިންޑިއާ އާއި ދެކޮޅު ހަދަން ނުކެރޭނެ ކަމަށެވެ.

އަދި ނާޒިމްގެ ޕާޓީއަކީ ފެށިއިރު ވެސް މިނިވަންކަން ގެއްލިފައިވާ ޕާޓީއެއް ކަމަށް މުޙައްމަދު އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

ނާޒިމްގެ އެވާހަކަތަކަށް ރޭ ބޭއްވި ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދެއްކި ގިނަ ބަޔަކު ވެސްވަނީ ފާޑު ކިޔާފައެވެ.