ގްރޭޑް އެކެއްގެ ޤުރުއާން ފޮތްތައް ޗާޕް ކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ގްރޭޑް 10 އަދި ގްރޭޑް 12 އާއި  އެހެން ބައެއް ގްރޭޑް ތަކުގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަމަށް ބައެއް އިލްމުވެރިންނާއި އާންމު ރައްޔިތުން ސޯޝަލް މީޑިއާގަޔައި އެހެނިހެން ފުލެޓްފޯމް ތަކުގައި ކަންބޮޑުވުން ފާޅުކުރުމުންދަނިކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި އެކަމަކީ ކުރީ ސަރުކާރުން ކުރިކަމަކުންވީ ކަމެކޭ ވިދާޅުވެ ރައްޔިތުން އޮޅުވާލުމަށްޓަކައި އިތުރުފުޅު ހެއްދެވެމުން އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުގައ ހުންނެވި ޑރ. ޢާއިޝަތު ޢަލީ ހަވާލުވެގެން ހުންނެވި މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތުން  އެކަމަނާ ބަރީއަވެވިދާނެ ކަމަށް ހީފުޅުކުރެއްވުމަކީ ލަދުވެތި ކަމެކެވެ.

ބައެއް ގްރޭޑް ތަކުގެ ޤުރުއާން އަދި އިސްލާމް ފޮތުގައި ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔުމުގައި ކުށްތައް ހުރި ކަމަށް ފާހަގަ ކުރުމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައި ވަނިކޮށް އެޑިޔުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން މިމަހުގެ 06 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފޮތްތަތަކަކީ 2005 ވަނަ އަހަރުން ފެށިގެން ކިޔަވައި ދެއްވައި ފޮތްތަކެއް ކަމަށް ވިދާޅުވެ ކަމުގެ ހަގީގަތް އޮޅުވާލުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓަރާއި އެކަމަނާގެ އަރިހުގައި މަސައްކަތްކަތް ކުރައްވާ އެޑިޔުކޭޝަން މިނިސްޓްރީގެ އިސްބައެއް ވެރިން މަސައްކަތް ކުރެއްވިރު ދަރިވަރުންގެ އަތުގައި މިހާރު ތިބި ފޮތްތަކަކީ 2019 ވަނަ އަހަރާއި 2020 އަދި މިއަހަރު ޗާޕްކޮށްގެން ނެރެފައިވާ ފޮތްތަކެކެވެ. އެހެން ކަމުން އެޑިޔުކޭޝަން މިނިސްޓަރު ކަމުގެ ހަޤީޤަތް އޮޅުވާލުމަށްޓަކައި އިތުރުފުޅު ހެއްދެވި ކަމުގައި ވިޔަސް މިފޮތްތަކުގައި ހުރި ކުށްތަށް އިޞްލާހުވީ ކަމަކަށް ނުބެލެވެއެވެ. މިފަދަ ހައްސާސް މައްސަލައެއްގައި ކަމުގެ ހަގީގަތް އޮޅުވާލުމަށްޓަކައި ކުރެވުނު މަސައްކަތުން އެކަމަނާ އިތުރަށް ބޭޒާރުވެގެން ދިޔައެވެ. 

ގުރޭޑު 10 އަދި ގްރޭޑް 12ގެ އިސްލާމް ފޮތަކީ 2018 އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރީން ވިދާޅުވާއިރު މިގްރޭޑް ތަކުގެ ފޮތްތައް ޗާޕްކޮށްފައި ވަނީ 2019 ވަނަ އަހަރެވެ. އަދި ކުދިންގެ އަތުގައި މިހާރު ތިބި ފޮތްތަކުގެ ތެރެއިން މައްސަލަ ފާހަގަވެފައިވާ ފޮތްތަކަކީ 2019 ވަނަ އަހަރު ޗާޕްކުރި ފޮތްތަކެކެވެ.  

މިމައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ”ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ބޭނުން ކުރާ އިސްލާމް ފޮތްތަކުގެ ގިނަ ސޫރަތްތަކެއް ނުބައިކޮށް ލިޔެވިފައިވަނީ އިސްލާމިކް މިނިސްޓްރީ ތެރޭގައި އޮންނަ ފޮތް ފާސް ކުރާ ކޮމިޓީން އެންމެ އެކަށީގެންވާ ވަރަށް ބެލިފައިނުވާތީ ކަމަށެވެ.” 

އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލުން ނަމަ، ގުރުއާން ފޮތާއި އިސްލާމް ފޮތްތައް ޕްރިންޓު ކުރުމުގެ ކުރިން ނޭޝަނަލް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަން (އެންއައިއީ) އާއީ އިސްލާމިކް މިނިސްޓްރީން ޗެކް ކުރެއެވެ. މިނިސްޓްރީން ފޮތްތައް ޗެކްކުރަނީ “ފޮތް ފާސްކުރާ ކޮމިޓީ” އިންނެވެ. އެ ކޮމިޓީގައި ހަތް މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.

ޤުރުއާން ބަދަލުކޮށް ލިޔެ، ކުޑަކުދިންގެ ހިތްތައް ކިލަނބުކޮށް ފަސާދަކުރި މައްސަލާގައި ޒިންމާއާއި ހަވާލުވެގެން ހުންނެވި ތަޢުލީމާބެހޭ ވަޒީރު ޖަވާބު ދާރީ ކުރުވެންޖެހެނޭއެވެ. ތައުލީމީ ދާއިރާ ސިޔާސީ ނުކުރުމަށް މިނިސްޓަރު އިލްތިމާސް ކުރައްވާއިރު މިނިސްޓަރުގެ ނާގާބިލްކަން ފޮރުވުމަށްޓަކައި ކުރެވޭ މަސައްކަތުން ދަނީ ތައުލީމީ ދާއިރާ ސިޔާސީ ކުރެވުމުންނެވެ. 

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ޤުރުއާނާއި އިސްލާމް މާއްދާތަކުގައި ޤުރުއާނުގެ އާޔަތްތައް ނުވަތަ ﷲގެ ވަހީ ބަސްފުޅު ނުބައިކޮށް ލިޔެ ދަރިވަރުންގެ އަތްމައްޗަށް ދޫކޮށްފައިވާއިރު އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) ގައި ޒިންމާއާއި ހަވާލުވެގެން ތިއްބެވި ފަރާތްތަކުން ޒިންމާދާރު ކުރުމަށް މިނިސްޓަރު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ވަގުތެއްގައި ރައްޔިތުންގެ ކުރިމައްޗަށް އަރައި ހުންނަވައި އިތުރުފުޅު ހެއްދެވުމުން ހާމަވެގެންދިޔައީ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އާއިޝަތު ޢަލީއަކީ  އެމަގާމަށް ކުފޫހަމަވާ ކަމަނާއެއް ނޫން ކަމަށެވެ. އެހެންކަމުން އެކަމަނާގެ އިސްތިއުފާގެ އަޑު މިދަނޑިވަޅުގައި ގަދަވަމުންދާކަން ފާހަގަކޮށްލެވެއެވެ.