އެކި ރޮނގުރޮނގުން އަންހެނުން ޤައުމަށް ކުރާ ޚިދުމަތް ފާހަގަކޮށް ދެމުން އަންނަ ރެހެންދި އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފުވައްމުލަކުގެ ފަޚުރުވެރި ކަނބަލެއް ކަމަށްވާ ޝިފްޒާ މުޞްޠަފާ ހިމެނިވަޑައިގެންފިއެވެ.

ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބޭއްވީ ރޭ ހުޅުމާލޭ ރެހެންދި ސްކޫލުގައެވެ. އެވޯޑު ޙާޞިލްކުރެއްވި ބޭފުޅުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ރަސްމިއްޔާތު ބޭއްވީ ކޮވިޑާ ގުޅިގެން ފަސްކުރެވުނު 2020 ވަނަ އަހަރުގެ ރެހެންދި އެވޯޑާއި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު އެއްކޮށްލައިގެނެވެ. މިގޮތުން ރޭގެ ރަސްމިއްޔާތުގައި 14 ބޭފުޅަކަށް ރެހެންދި އެވޯޑު ލިބިވަޑައިގެންނެވިއިރު އޭގެ ތެރެއިން އެއް ބޭފުޅަކީ ފުވައްމުލަކު، އާސާން، ޝިފްޒާ މުޞްޠަފާއެވެ. ޝިފްޒާއަށް ލިބިވަޑައިގެންނެވީ 2020 ވަނަ އަހަރުގެ ރެހެންދި އެވޯޑެވެ.

ޝިފްޒާއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޕްރައިވެޓް ބްރޯޑްކާސްޓަރ ވީމީޑިއާގެ ވީޓީވީ ވުޖޫދުކުރުމުގައި ބޮޑު ހިއްސާއެއްވެ، 13 އަހަރު ވީމީޑިއާގައި މަސައްކަތް ކުރައްވާފައިވާ ކަނބަލެކެވެ. އެގޮތުން ވީޓީވީގެ ޕްރެޒެންޓަރ، ޕްރެޒެންޓަރ/ޕްރޮޑިއުސަރ، ސީނިއާ އެގްޒެކެޓިވް އެޑިޓަރ، ނިއުސް ޑައިރެކްޓަރ ފަދަ މަޤާމުތައް އޭނަ ވަނީ ފުރުއްވާފައެވެ. މީގެ އެއް އަހަރު ކުރިން ވީމީޑިއާއާ ވަކިވެވަޑައިގެންނެވިއިރު ޝިފްޒާ ހުންނެވީ ވީމީޑިއާގެ ހެޑް އޮފް ނިއުސްގެ މަޤާމުގައެވެ.

ޚަބަރާއި، ޕްރޮގްރާމްތަކާއި، ބްރޭކިންގ ނިއުސް ފަދަ ލައިވް ކަވަރޭޖުތައް ހުށަހަޅައިދިނުމުގައި އާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައިވާ ޝިފްޒާ ވަނީ ވީމީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ޚަބަރާއި، ރިޕޯޓުތަކާއި، ޕްރޮގްރާމްތައް ތައްޔާރުކޮށް، ވީޓީވީ، ވީއެފްއެމް އަދި ވީނިއުސް އޮންލައިން ހިމެނޭ ވީމީޑިއާގެ ނިއުސްރޫމް އޭނާގެ ބެއްލެވުމުގެ ދަށުން ގިނަ ދުވަސްތަކެއް ވަންދެން ހިންގަވާފައެވެ. މިގޮތުން ޝިފްޒާއަކީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަ ކުދިން ތަމްރީނުކޮށް ދާއިރާއަށް ނެރުމަށް މަސައްކަތް ކޮށްދެއްވައި، އެކުދިންގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި އަދި ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެތައް ޒުވާނަކަށް ހިތްވަރު ދެއްވި އެކުދިންގެ “މަންމަ” އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ވެސް ޙާޞިލްކުރައްވާފައިވާ ޝިފްޒާ ވަނީ މީޑިއާ ކައުންސިލުގެ މެންބަރުކަމާއި، ނޭޝަނަލް ޔޫތު ކައުންސިލުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. މިހާރު ޤާނޫނީ ދާއިރާއިން ޑިގްރީ ޙާޞިލްކުރައްވަމުން ގެންދަވާ ޝިފްޒާ ވީމީޑިއާއާ ވަކިވި ނަމަވެސް، އޭނާ ގެންދަވަނީ މީޑިއާގެ ދާއިރާއާ ވަކި ނުވެ، އޮންލައިން ސައިޓް “ތެދުބަސް” ވުޖޫދުކުރައްވައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި އަދިވެސް ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ.

ރޭ ބޭއްވި ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރިކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެފައި އޮންނަނީ ޤައުމީ ތަރައްޤީގެ މުހިންމު ކަންކަމުގައި އަދިވެސް އެކަށީގެންވާ މިންވަރަށް އަންހެނުންނަށް ފުރުޞަތު ނުލިބުން ކަމަށް ވިދާޅުވިއެވެ.

“މިހާރު ފޯދެމުން އަންނަ ޒުވާން ޖީލުގައި ވެސް އެފަދަ އުންމީދީ ޒުވާން އަންހެން ބޭފުޅުންތަކެއް ތިއްބަވާނެކަން އަޅުގަނޑަކަށް ހަމަ ޔަޤީން. ނަމަވެސް އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ، ކަސިޔާރު ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދައުރުވޭ. އިޖުތިމާޢީ އަދި ޤައުމީ ޚިދުމަތަށް އަންހެނުން ނުކުތުމުން، އެކަމަށް ނުރުހުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ”

ރައީސް ވިދާޅުވީ މިއިން ކޮންމެ ކަމަކީ ޤާނޫނުން ޙައްލުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. މިފަދަ ކަންކަން ޙައްލުކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން ކަމަށެވެ.

އުންމީދީ އަންހެން ބޭފުޅުންގެ ކުރިމަގަށް ހުރަސްއަޅާ ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި ދައުރުވަމުންދާ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު، ރޭގެ ރަސްމިއްޔާތުގައި ރައީސްގެ އަތްޕުޅުން ރެހެންދި އެވޯޑު ލިބިވަޑައިގެންނެވި ޝިފްޒާ މުޞްޠަފާއަކީ ވެސް އެފަދަ އުންމީދީ ބޭފުޅެއް ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް ދާދި ފަހުން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޝިފްޒާ ކުރިމަތިލެއްވުމުން އޭނައާމެދު ކަންކޮށްފައި ވަނީ ވަރަށް އިހާނެތިކޮށްކަން ފާހަގަވެއެވެ. ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވި ލިސްޓުގެ ދެވަނައަށް ހިމެނިވަޑައިގެންނެވި ޝިފްޒާއަކީ މަޖިލީހުގެ ކޮމިޓީން ކުރި އިންޓަރވިއުއިން އެންމެ މަތިން ވޯޓު ލިބިވަޑައިގެން، އެ މަޤާމަށް ޢައްޔަންކުރުމަށް ކޮމިޓީން “ރެކޮމެންޑް” ކުރި ނަމެވެ. ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ޝިފްޒާގެ ނަމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް ވެސް ނާހައި އެހެން ނަމެއް ފާސްކުރީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގުމުގެ ކުރިން، އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕްގައި ނެގި ވޯޓުގައި ކޮމިޓީން ރެކޮމެންޑް ކުރި ނަން (ޝިފްޒާ) ފިޔަވައި ދެން އޮތް ނަން ފާސްކުރުމަށް ނިންމައި ވިޕްލައިން ނެރުމުންނެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ކޮމިޓީން ނިންމި ނިންމުން ޕާލަމަންޓަރީ ގުރޫޕުން ބޮލާލާޖަހައި އެހެން ގޮތަކަށް ނިންމީ ނުފޫޒުގަދަ މެންބަރަކަށް ދާއިރާގެ ވޯޓު ގެއްލިދާނެތީ، އަމިއްލަ މަޞްލަޙަތު އިސްކޮށްގެން ކަމަށް އެކަމާ ނުރުހުންވި އެމްޑީޕީގެ މެންބަރަކު ވަނީ އެދުވަހު މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފައެވެ. އެވާހަކަ ދެއްކެވި މެންބަރަކީ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކުރި ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެހެންކަމުން ރައީސް ވިދާޅުވި ގޮތަށް އުންމީދީ އަންހެން ބޭފުޅުންގެ ކުރިމަގަށް ހުރަސްއަޅައި އެބޭފުޅުންނާމެދު ނާއިންސާފުން ކަންކަން ކުރާ ބަޔަކު ސަރުކާރު ނިސްބަތްވާ އެމްޑީޕީގައި ވެސް ތިބިކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމަހަމަކަމާއި އިންސާފުން ކަންކަން ކުރާނެ ކަމަށް ވަޢުދުވަމުން އައި ސަރުކާރުގެ ބަހާއި ޢަމަލު ދިމާނުވުމަކީ އުންމީދީ އަންހެން ބޭފުޅުންނަށް ވެސް އަދި މުޅި ރައްޔިތުންނަށް ވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ޝިފްޒާ ހޯއްދެވި ކާމިޔާބީއަށްޓަކައި “ފުވައްމުލައް ޓައިމްސް” ގެ ފަރާތުން އޭނައަށް ވަރަށް ހޫނު މަރުޙަބާއަކާއި ތަހުނިޔާ އަރިސްކުރަމެވެ. “ފުވައްމުލައް ޓައިމްސް” އިން އެދެނީ ޝިފްޒާއަށް އިތުރު ކުރިއެރުމާއި ކާމިޔާބަށެވެ.