ދަރިވަރުން ކިޔަވާ ސްކޫލު ފޮތްތަކުގައި މައްސަލަ ހުރުމަކީ އެއްވެސް ވަރަކަށް ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ ގްރޭޑް1 އަދި ގްރޭޑް 10 އާއި ގްރޭޑް 12ގެ ބައެއް ފޮތްތަކުގައި މައްސަލަތަކެއް ހުރިކަން ފެންމަތިވެފައި ވަނިކޮށެވެ. އަދި ގިނައިން މައްސަލަ ހުރީ ގުރިއާން މާއްދާގެ ފޮތްތަކުގައެވެ. އެކަމާއި ގުޅިގެން ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީ އަށް އަންނަނީ ފާޑު ކިޔުންތައް ރައްދު ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ބުނީ ގްރޭޑް1ގެ ގުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓް ކުރިއިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަން އެ މިނިސްޓްރީއަށް ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން
(އެންއައިއީ) އިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން މިއަދު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިހާތަނަށް ހަތަރު ފޮތެއްގައި މައްސަލަ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އަވަސް ފިޔަވަޅުތަކެއް އެކަމުގައި އަޅާފައިވާ ކަމަށާއި ދަރިވަރުންގެ އަތުން ފޮތްތައް ނަގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރަށްވުރެ ބޮޑަށް ފޮތްތަކުގައި ކުށް ހުރިތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ފޮތްތަކުގައި ކުށް ހުރުމަކީ ބަލައިގަނެވޭނެ އަދި ގަބޫލު ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންކަމުން އެކަމުގައި އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.