ފުވައްމުލައް ސިޓީ ކަރަންޓު މައްސަލަ ހައްލު ކުރުމަށްޓަކައި ފުވައްމުލައް ސިޓީގައި ބެކަޕު ޓްރާންސް ފޯމަރެއް ނެތުމުން އައްޑޫ ސިޓީއިން ޓްރާންސްފޯމަރެއް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ފުވައްމުލަކު ބްރާންޗްގެ މެނޭޖަރ ޙުސައިން ޝާފީ އިބްރާހީމް ވިދާޅުވެއްޖެއެވެ.

“އެފްޓީ”އަށް މައުލޫމާތު ދެއްްވަމުން ޝާފީ ވިދާޅުވީ ފުވައްމުލައް ސިޓީއިން ފެނާއި ކަރަންޓް ކެނޑިގެން ކުރެވުނު މަސައްކަތުން ފެން މިހާރު ރައްޔިތުންނަށް ލިބޭގޮތް ހަދާފައިވާ ކަމަށެވެ.

ކަރަންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އައްޑޫއިން ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެންދިޔުމަށް މަސައްކަތް ފަށާފައިވާ ކަމަށް ޝާފީ ވަނީ ވިދާޅުވެފައެވެ. އަދި އެ ޓްރާންސްފޯމަރު ފުވައްމުލަކަށް ގެންދިޔުމަށް ލޭންޑިން ކުރާފްޓަށް ލޯޑް ކުރުމަށްޓަކައި ޖެޓީއަށް ކައިރި ކުރެވިފައިވާ ކަމަށް ވެސް ޝާފީ ވަނީ ވިދާޅުވެފައެވެ.

ކުއްލިއަކަށް ކަރަންޓާއި ފެން ކެނޑުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި މިކަމުގެ ސަބަބުން ދިމާވަމުން އަންނަ ދަތިތަކަށް ފެނަކަ އިން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓްގެ މަޢްސަލައަށް މިހާރު ވަގުތީ ހަޢްލެއް ލިބިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު ވަނީ ވިދާޅުވެފައެވެ. އަދި ކަރަންޓް ބޭނުން ކުރުމުގައި ކޮންމެހެން ބޭނުން ކުރަންޖެހޭ އާލާތްތައް ބޭނުން ކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.