ދައުލަތުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ފުވައްމުލަކުގައި ގާއިމު ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ހިންގަން ހަވާލު ކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމެޓެޑުން އެ ނިޒާމު މަރާމާތުކޮށް ބެލެހެއްޓުމަށް އިހުމާލު ވުމުގެ ސަބަބުން އެ ނިޒާމުގެ މުހިއްމު ބައިތަކުގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ދަނީ ގޯސްވަމުންނެވެ. މިގޮތުން ވެކިއުމް ޗެމްބަރ ތަކުގެ ވޭލްތައް މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން އެ ޗެންބަރުތަކަށް ޖަމާވާ ނަޖިހަކީ އާންމު ރައްޔިތުންނަށް މުސީބާތަކަށް ވިކަމުގައި ވިޔަސް އެއީ އެއްބަައެއްގެ ޖީބަށް ރަންބިސްއަޅާ ކުކުޅަށްވެއްޖެއެވެ. ސަބަބަކީ މިތަކެތި އުފުލައިގެން ނަފާ ހޯދާ ފަރާތްތަކަށް އަހަރެއްގެ މައްޗަށް އެތައް ހާސް ރުފިޔާއެއް ލިބި ބައެއްގެ ޖީބުތައް ފުރެމުންދާތީއެވެ. 

ނަޖިސް އުފުލުމަށްޓަކައި ދުވާލުދާ ހަތަރު ދަމު އެތައް ޕިކަޕެއް އުޅޭއިރު ޕިކަޕު ތަކަށް  މަހެއްގެ މައްޗަށް 02 މިލިއަން ރުފިޔާ ހޭދަވެއެވެ. އަހަރު ދުވަހަށް ބަލާނަމަ މިއީ 24 މިލިއަން ރުފިޔާއެވެ. މިމަސަައްކަތުގައި އުޅޭ ގިނަ ޕިކަޕު ތަކަކީ ފެނަކައިގެ ފުވައްމުލަކު ބްރާންޗުގައި އިސްކޮށްއުޅޭ ބައެއް މުވައްޒަފުންގެ މަސްލަހަތު އޮންނަ ފަރާތްތަކުގެ ޕިކަޕު ތަކެއް ކަމަށް ރަށުގެ ބައެއް މީހުން ތުހުމަތު ކުރެއެވެ. އެހެންކަމުން މިޕިކަޕު ތަކުން ފެނަކައިގެ ފުވައްމުލަކު ބްރާންޗުގައި އިސްކޮށްއުޅޭ ބައެއް ފަރާތްތަކަށް ނާޖާއިޒު މަންފާ ލިބޭ ކަމަށް މީސްމީޑިއާގެ ފްލެޓް ފޯމް ތަކުގައި ފުވައްމުލަކުގެ ބައެއް ރައްޔިތުން ތުހުމަތު ކުރެއެވެ. އަދި އެއްވެސް ދިރާސާއެއް ނެތި ގޭގޭގައި ބަހައްޓާފައިވާ ޖަންކްޝަން ތަކުން ލީކުވާ ކަމަށް ބުނެ ހުރިހާ ގެއެއްގައި ބަހައްޓާފައިވާ ޖަންކްޝާންތައް ބަދަލު ކުރުމަކީ ވެސް މިފަރާތްތަކުން ނާޖާއިޒު މަންފާ ހޯދުމަށް ކުރި ކަމެއް ކަމުގައި ބުނެ ފުވައްމުލަކުގެ ބަައެއް ރައްޔިތުންގެ ފާޑުކިޔުން ވަނީ ފެނަކައަށް އަމާޒުވެފަައެވެ.

ފެނާއި ނަރުދަމާ ނިޒާމް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކުރީ ވަގުތީ ލައިސަންސެއްގެ ދަށުން 2018 ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. މިނިޒާމު ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ މަސައްކަތުގެ ކޮންސަލްޓެންޓް ކަމަށްވާ މިހާރުގެ ހައުސިންގެ މިނިސްޓަރ އަސްލަމްގެ މަސްލަހަތު އޮންނަ ރިޔަން ކުންފުންޏާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި އެމަސައްކަތް ކޮށްފައިވާ ސްރީލަންކާގެ ސިއަރާ ކުންފުނިންގ ގުޅިގެން ކުރަންޖެހޭ ހުރިހާ ޓެސްޓްތަކެއް ކުރުމަށްފަހުގައި ކަމަށްވެއެވެ.

ފެނަކައަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަގުތީ ލައިސަންސް ދޫކުރުމުގެ ސަބަބަކީ ސިސްޓަމްގެ މުޅި މަސައްކަތް ނުނިމި ހުރުމާއި ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ކުރިއަތް އޮތުމުގެ ސަބަބުން ކަމަށްވެއެވެ. ޑިފެކްޓް ލައިބިލިޓީ ޕީރިއަޑަކީ މަސައްކަތުގައި ހުންނަ މައްސަލަތައް ފާހަގަކޮށް ރަނގަޅުކުރުމަށް ކަނޑައަޅާފައިވާ މުއްދަތެކެވެ. މިޕްރޮޖެކްޓުގެ 01 އަހަރު ދުވަހުގެ ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ނިމި ފެނަކަ ކޯޕަރޭޝަން ލިމިޓްޑް އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ހުއްދައާއެކު ކޮންޓްރެކްޓަރ (ސިއެރާ) މަސައްކަތުން އަތް ދޫކޮށްލާފައި ވަނީ 2020 ވަނަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ. އެހެންކަމުން މިޕްރޮޖެކެޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާނަމަ އެމައްސަލައެއް ހައްލު ނުކޮށް ކޮންޓްރެކްޓަރ (ސިއެރާ) ފޮނުވާލުމަކީ ފެނަކައިން ނުވަތަ ސަރުކާރުން ފުވައްމުލަކުގެ ރައްޔިތުންނަށް ވެފައިވާ އިހުމާލެކެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް “ފުވައްމުލައް ޓައިސް” އާ ވާހަކަ ދެއްކި ފެނަކައިގެ ފުވައްމުލަކު ބްރާންޗްގެ އިސްބޭފުޅަކު ވިދާޅުވީ ”ނަރުދަމާ ނިޒާމަށް ބޮޑެތި މައްސަލަތެކެއް ދިމާވެގެން ދިޔައީ 2019 މަޖުލިސް އިންތިޚާބާ ދިމާކޮށް އިއުލާން ކުރުމެއް ނެތި އެއްވެސް ތަޖުރިބާއެއް ނެތް އަދި އެފަދަ ނިޒާމަކަށް އަހުލުވެރިވެފައި ނުވާ ބަޔަކު މުވައްޒަފުންގެ ގޮތުގައި ނަގައި ނަރުދަމާ ނިޒާމު ބަލަހައްޓަން ފެނަކައިން ހަވާލުކުރުމުންނާއި އަދި މިނިޒާމު ހިންގާ ބަލަހައްޓާނެ ފަންނީ ގާބިލްކަން ފެނަކައިގެ ފުވައްމުލަކު ބްރާންޗުގައި ނެތުމުގެ ސަބަބުންނެވެ.” 

ފުވައްމުލަކުގެ ނަރުދަމާ ނިޒާމަކީ ރަށު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެކެވެ. ނުވަތަ  ބޮޑު ބަލިމަޑުކަމެއް ކަމުގައި ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެކަން ހައްލު ކުރުމުގެ މަސައްކަތް މިއަަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފައެވެ. 43 މިލިއަން ރުފިޔާއަށް މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ  06 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިމުއްދަތު ހަމަވާނީ މިމަހުގެ 22 ވަނަ ދުވަހަށެވެ. މި މަޝްރޫޢުގެ ދަށުން ބްރޭންޑް ނިއު ވެކިއުމް ވަލްވާއި، ވެކިއުމް ސިވަރ އަދި ސުވަރޭޖް ސިސްޓަމް މޮނިޓަރކުރެވޭނެ ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.  

ފުވައްމުލަކު ރައްޔިތުން ކުރި ދިގު އިންތިޒާރަށް ކުރިޔަށް އަޮތް 06 މަސް ދުވަހުގެ ތެރޭގައި ނިމުމެއް ގެންނާނަން” ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައީދު މިއަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހު ”ވަގުތު” ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާއިރު މިކަން ހައްލު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދަނީ ވަރަށް މަޑުދުވެލީގައެވެ. އެހެންކަމުން ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާނަމަ، ފާއިތުވަމުންދާ ކޮންމެ ދުވަހަކީ ވެސް ބައެއްގެ ޖީބަށް ރަންބިސް އަޅާ ކުކުޅު ރަންބިސް ތަކެއް  އަޅަމުންދާ ދުވަހެއް ކަމަށް ބުނެ ފުވައްމުލަކުގެ ބައެއް ޒުވާނުން އަންނަނީ މީސްމީޑިއާގެ ފްލެޓް ފޯމް ތަކުގައި ފާޑު ކިޔަމުންނެވެ.

May be an image of ‎one or more people and ‎text that says '‎16:18 Tweet Fenaka Corporation Ltd PENAKA @TeamFenaka Fuvammulaku narudhamaage massala hallu kuran fenaka ah -Hali News Translate Tweet ”ستر ههه 32 م2ر سشرد 3 Fuvammulaku narudhamaage massala hallu kuran fenaka ah- Hali News halinews.com 16:17 22-2-21 Twitter for iPhone 2 Retweets 1 Like Tweet your reply‎'‎‎