ދެވަނަ ބައި

އިޝާނަމާދު ވެސް އަރުޝަދު ކުރީ މިސްކިތަށް ގޮހެވެ. ރަށުގެ މީހުން ކަންކަމާ މެދު ވިސްނާ ގޮތަކާ އެމީހުންގެ އާދަ ކާދަ ދަސްވަންދެން އަރުޝަދު އުޅެން ވާނީ ވަރަށް ވިސްނައިގެންނޭ މަންމަ ބުނެފައި އޮތުމުން ސިކުނޑީގައި އެކަން ބެހެއްޓިއެވެ. އެހެން ނޫނީ ރަނގަޅު ލަނޑެއް ލިބުން ވެސް އޮންނާނީ ދާދި ކައިރީގައެވެ.

ދަތުރުގެ ވަރުބަލިކަމާއެކު ހެދުނު ޑިއުޓީ ވެސް އޮތުމުން އަރުޝަދު މާލޭގައި ނިދާ އުޅޭ ވަރަށް ވުރެ މާއަވަހަށް ނިދަން އޮށޯވެއްޖެއެވެ. އެހެންނޫނަސް މުޅިން އަލަށް އައި ބީރައްޓެހި ރަށެއްގައި އަދި އޮންނާނީވެސް ވަކި ކޮންކަމެއްހެއްޔެވެ!

އިރުއޮއްސުމުން މި ރަށުގެ މާހައުލު ހަމަހިމޭންވަރު އަރުޝަދަށް ވިސްނުނީ އެއްވެސް ދުއްވާ އެއްޗެއްގެ އިންޖީނުގެ އަޑެއް އަދި ބަރުގޮނުގެ އަޑެއް އެއްވެސް ވަރަކަށް ނީވޭތީ އެވެ. އެކަންވީ އަރުޝަދަށް ނިދާލަން ފަސޭހަވި ކަމަކަށެވެ. 

މުޅިން އާ މާހައުލަކަށް ވެފައި ތަންމަތި ބަދަލުވުމުން ނޫންކަމެއް ވެސް ނޭނގެއެވެ. ވަރަށް ފަތިހާ އަރުޝަދަށް ހޭލެވިއްޖެއެވެ. އެހެންނަމަވެސް ފަތިސްނަމާދު ކުރީ ގޭގައެވެ. ނަމާދަށްފަހު ފޯނުނަގާ ބައެއް ރައްޓެހިން ވައިބަރއިން ފޮނުވާފައި ހުރި މެސެޖްތަކަށް ޖަވާބު ލިޔުނެވެ. އޭގެ ފަހުން މުޅިން ވެސް ބެލީ ސިއްޙީ ބައެއް މައުލޫމާތުތަކެވެ. 

ގަޑިން ވީއިރެއް ވެސް ބަލާނުލެވި އޮތްވާ ދޮރުގައި މީހަކު ޓަކި ދިންއަޑު އިވުމުން ފުންމައިގެން ތެދުވެވިއްޖެއެވެ. ދޮރު ހުޅުވާ ބޭރަށް ބޯ ދިއްކޮށްލިއިރު ރޭގައި ކާންހަދައިގެން ހުރި އަންހެންމީހާ ކޮފީތައްޓެއް ހިފައިގެން ހުއްޓެވެ. އަރުޝަދު ދޮރުހުޅުވުމުން ”ކޮފީ” އޭ ބުނެ ދިއްކޮށްލިއެވެ. ޝުކުރު އަދާކުރުމަށްފަހު ކޮފީތަށި އަތުލައިގެން އަރުޝަދު އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ. މަޑުމަޑުން ކޮފީގެ ކޯވަރުތައް ދިރުވަމުން ހުއްޓިހުރެ ކުޑަދޮރު ފޮތިގަނޑު ކަހާލައިގެން ބޭރުން ފެންނަން އޮތް އަތިރިމަތީގެ މަންޒަރަށް  އަރުޝަދުގެ ނަޒަރު ހުއްޓާލައިގެން ހުރެވުނެވެ. މިގެ މިހިރީ އަތިރިމައްޗާ މާދުރުނޫން ހިސާބެއްގައިކަން އެނގުނީ އެ ވަގުތުއެވެ. އަތިރިމައްޗާ އެ ގެއާ ދެމެދު އޮތީ ހެދިފައި އޮތް ރުއް ވަލެކެވެ. ގޮނޑުދޮށުގައި ހުރި ސާފު ހުދު ވެލިތައް ފެންނަނީ އަޖާއިބެއް ފަދަ ގޮތަކަށް ބޯކިރު ކުލައިގައެވެ. ފަޅާ ގުޅިފައިވާ ވިލުދޮޅިން ފެންނަ ނޫ ފެހިކުލަ ގަދަވަމުން ގޮސް ގަދަ ނޫކުލައިގެ މާ ސިންގާ ކަނޑުތެރެއަށް އޮތީ އޮބާލާފައެވެ. މި ހިތްގައިމު މަންޒަރު ބަލަން އަރުޝަދަށް ހުރެވުނީ އާޝޯޚުވެފައެވެ. އެއީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. ރަންގު ކުލައިން ފަވާލެވިފައިވާ އުދަރެހުގެ ކުލަ މަޑުމަޑުން ފަނޑުވަމުން ދިޔަ މަންޒަރަށް އަރުޝަދު ހުރީ ގެއްލިފައެވެ.

ފެންވަރާ ނިމިގެން އަރުޝަދު ފާޚާނާއިން ނިކުތް އިރު ހޮސްޕިޓަލުގެ މެނޭޖަރު ދެ ފަހަރަކު ގުޅާފައި އޮތެވެ. އަޑު ނީވުނީ އަދިވެސް ފޯނު ސައިލެންޓަށް ލެވިފައި އޮތުމުންތާއޭ އަރުޝަދު ހިތަށް އެރިއެވެ. ފޯނު ނުނެގުނީކަން އެނގުމުން ކަންނޭނގެއެވެ. މެނޭޖަރ އަސްލަމު ދެން އޮތީ މެސެޖެއް ކޮށްފައެވެ. އަރުޝަދު ބަލާ ކުއްޖަކު ދާނެ ވާހަކައެވެ.

ޒިވިޔާ ޑިއުޓީއަށް ދާން ތައްޔާރުވާން ހުއްޓާ ފޯނު ރިންގްވާ އަޑު އިވެން ފެށުމުން  ގެން ގުޅުނު ލޯޝަން ފުޅީގައި ވައަތުން ހިފަހައްޓަމުން ކަނާތުން ފޯނުނަގާ ކަންފަތުގައި ޖެއްސީ މެނޭޖަރ އަސްލަމުކަން އެނގުމުންނެވެ. 

”ގުޑް މޯރނިންގ ސަރ” ޒިވިޔާ އަދަބުވެރި ކަމާއެކު ފޯނަށް ޖަވާބުދިނެވެ.

”މޯރނިން ޒިވީ. މި ގުޅީ…….. އިއްޔެ ދުރުވި ޑޮކުޓަރ މިއަދު ޑިއުޓީއަށް ނިކުންނަވާނެ. އަހަރެން ހުރީ އޮފީސް ސެކެޓްރީ ގާތު ޑޮކުޓަރ ބަލާ ދާށޭ ބުނަން. ގުޅިއިރު އޭނަ ފޯނު ނުނަގާ. އެހެންވެ،….. ޒިވީ އަންނަމުން ޑޮކުޓަރ ގޮވައިގެން އައިސްދޭށޭ ބުނަންވެގެން. ތިގެއާ  ދުރެއްވެސް ނޫނެއްނު.” 

އެއް ނޭވާއިން އަސްލަމު އޭނަ ގުޅި ބޭނުން ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ. 

އަސްލަމު ފޯނު ކަނޑައިލުމުން ސިކުންތުކޮޅަކަށް ޒިވިޔާއަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެން އިހުނަށްވުރެ އަތްމަތި އަވަސްކޮށްލައިގެން ޑޮކުޓަރ ހުންނަވާ ގެއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. 

ޒިވިޔާ ގެއިން ނިކުމެގެން މާދުރަށް ނުދެވެނީސް ޑޮކުޓަރުން ތިއްބަވާ ގޭގެ ޖެހިގެން އޮތް ގޯޅީގެ ކަންމަތީ ހުރި ބަނބުކެޔޮ ގަސް ދޮށުގައި ހުއްޓި ހުރި މީހާ ޒިވިޔާގެ ލޮލުގައި އަޅައިގަތެވެ. އެއީ އިސްކޮޅުން ދިގު ކަސްރަތީ ހަށިގަނޑެއްގެ ވެރިއެއްކަން އެހާ ދުރުން ވެސް ޒިވިޔާއަށް ފާހަގަވީ ލާފައިވާ މަޑު މުށިކުލައިގެ ޕްލޭން ގަމީސް ގަޔަށް ހިފާލާފައި ހުރި ގޮތުންނެވެ. ގަމީހުގެ އަތް ދިގަސް އަތް އޮތީ އުޅަބޮއްޓާ ހަމައަށް އޮޅާލާފައެވެ. 

މަޑުމަޑުން ދުއްވާފަ ދިޔަ ބައިސިކަލް ޑޮކުޓަރުގެ ފަހަތަށް މަޑުކުރުމަށްފަހު ހަރު ޖެއްސިކަން ޑޮކުޓަރަށް ރޭކާ ނުލީ ބަނބުކެޔޮ ގަހުގައި އިން ޑިންޑިން ކޮވެއްޔަށް ޑޮކުޓަރުގެ ސަމާލުކަން ހުރިވަރުންތާއޭ ޒިވިޔާ ހިތަށް އެރިއެވެ. އެއީ ކޮންމެ ދުވަހަކު ވެސް ހެނދުނު ގަޑީގައި އެ ގަހަށް އައިސް ގޮވަ ގޮވާ އިންނަ ކޮވެއްޔެކެވެ. ޒިވިޔާ އިސްއުފުލާލާ ކޮވެއްޔަށް ބަލައިލިއެވެ. ހުދުކުލައިގެ ތިކިތަކަކުން ފަތްތައް ޖަރީ ކުރެވިފައިވާ ރީތި ދޫންޏެކެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތް އެ ދޫންޏެކޭ އެތާ ހުއްޓި އެ ދޫންޏަށް ބަލަހައްޓައިގެން ހުރި މީހާއެކޭ ތަފާތެއް ނެތެވެ.

”ގުޑް މޯރނިންގ ސަރ!” ޒިވިޔާ ޑޮކުޓަރުގެ ފުރަގަހުގައި ހުރެ ސަލާމް ކޮށްލީ އަދަބުވެރިކަމާ މަޑުމައިތިރިކަމާ އެކުގައެވެ.

ކުއްލިއަކަށް މި އިވުނު ރީތި ނިސްވާނީ އަޑަށް ޑޮކުޓަރ ފަސްއެނބުރި ބަލައިލިއެވެ. 

”މެނޭޖަރ އަސްލަމު ވިދާޅުވެގެން….. ” އެ ހިސާބަށް ބުނެފައި ޒިވިޔާ ހުއްޓާލީ ޑޮކުޓަރުގެ ސަމާލުކަން ލިބުމުންނެވެ.  ޖުމުލަ ފުރިހަމަ ނުކޮށް ޒިވިޔާ ނިންމާލީ އަސްލަމު ބުނެފައި އޮވެދާނެކަން ކަށަވަރު ވާތީއެވެ. 

”އޯހ، ބަލާތަ ތި އައީ!.” ޒިވިޔާ ލަދުރަކި ގޮތަށް އާނއެކޭ ބުނާ ފަދަ ގޮތަކަށް ބޮލުން އިޝާރާތް ކޮށްލިއެވެ. އެ ވަގުތު އަރުޝަދުގެ ސަމާލުކަން ހުއްޓުނީ ޒިވިޔާގެ އެ ބޮޑު ބޮޑު ދެލޮލަކަށް ނޫނެވެ. އަދި އެ ރީތި އަންހެންވަންތަ ހަށިގަނޑަކަށް ވެސް ނޫނެވެ. އަރުޝަދު އެނބުރި ބަލާލުމުން ދެތިންފަހަރަކު އެސްފިޔަ ޖަހާލާފައި ލަދުން ތިރިކޮށްލި ލޮލުގެ އެސްފިޔަ ތަކަކަށް ވެސް ނޫނެވެ. އަރުޝަދު ބަލައިލުމުން އެ ހިތްގައިމު މޫނަށް ވެރިވި ލަދުރަކި ކަމަށެވެ.

”ހިންގަވާ! ” އޭ ބުނަމުން ޒިވިޔާގެ ނަޒަރު މަގަށް ހުއްޓައިލިއެވެ.  މަގު ހުރި ގޮތަށް އަރުޝަދު ވެސް ހިނގައިގަތެވެ. ޒިވިޔާ ވެސް ހިނގައިގަތެވެ.

”ހިންގަވާފަތޯ!” އަރުޝަދު ހިނގައިގަތުމުން ބަލަން ހުރެފައި ހައިރާންވެފައިވާ އަޑަކުން ޒިވިޔާއަށް އަހައިލެވުނެވެ. އެހެން ޑޮކްޓަރުން ވެސް ހޮސްޕިޓަލަށް ދުރުވަނީ ބައިސިކަލުގައި ވިއްޔާއެވެ.

”ދެން ކިހިނެތް! ދުވެފަ!” ސީދާ ޒިވިޔާގެ މޫނަށް ބަލަން ހުރެ އަރުޝަދު ސުވާލު ކުރިއެވެ. 

ޒިވިޔާ އަނެއްކާވެސް އިސްޖަހައިލީ ލަދުންނެވެ. 

”އަޅުގަނޑު ހީކުރީ ބައިސްކަލުގައި ކަމަށް ދުރުވާނީ …. އެހެންވެ!” ބަލައިވެސް ނުލާ ޒިވިޔާ، އަރުޝަދަށް ޖަވާބުދިނެވެ. އަދި ބައިސިކަލް އަތުން ދަމާފައި ޒިވިޔާ ވެސް ކުރިއަށް ދިޔައެވެ.  

ހޮސްޕިޓަލާ ކައިރިވުމުން އަސްލަމަށް ގުޅާފަ މި ވަންނަނީއޭ ޒިވިޔާ ބުނެލިއެވެ. އަދި ކުރިމަތިން ފެންނަން ހުރި ހުދުކުލައިގެ ފާރު ދައްކަމުން އެހެރީ ހޮސްޕިޓަލޭ ބުނެ އަރުޝަދަށް ހޮސްޕިޓަލް ދެއްކިއެވެ. 

”އެހެންތޯ! …… އަސްލު އެހާ ދުރެއްނޫން ދެއްތޯ!” އަރުޝަދުގެ އަޑު އިވުމުން ޒިވިޔާ ބޯ ޖަހައިއެވެ. އަރުޝަދަށް ފާހަގަ ކުރެވުނީ ހޮސްޕިޓަލާ އަރުޝަދު އުޅޭ ގެއާ އެހާ ދުރު ނޫންކަމެވެ. 

“އަހަރެމެން އަދި ތަޢާރަފެއް ވެސް ނުވަމެއްނު!” އަރުޝަދު މޫނު އަބުރާލީ އަރުޝަދަށް ވުރެ ފިޔަވަޅެއް ފަހަތުގައި ހުރި ޒިވިޔާއާ ދިމާއަށެވެ. އަދި އަމިއްލައިން ތަޢާރަފު ވިއެވެ. 

”އަހަންނަކީ ޑޮކުޓަރ އަރުޝަދު. ….. އަރުޝަދު  ނުވަތަ އަރޫ ކިޔަސް ރަނގަޅުވާނެ!” އަރުޝަދު ތަޢާރަފު ވުމުން ޒިވިޔާ ވެސް ކުޑަތަޢާރަފެއް ދިނުން އެއީ ރީތި ގޮތެއްކަމަށްވާތީ ” އަޅުގަނޑަކީ ޒިވިޔާ” އޭ ބުނެލިއވެ. 

”އެހެން ވިއްޔާ ޒިވީ ދޯ ކިޔަންވީ! ” އަރުޝަދު ސުވާލު ކޮށްލީ ސަމާސާ ރާގަކަށެވެ. 

”ޒިވީ ކިޔަނީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިން!” މާލޭގައި އުޅުނު އިރު އެކުގައި އުޅުނު ރައްޓެހިންގެ މަތިން ހަނދާން ކުރަމުން ޒިވިޔާ ބުނެލީ މަޑުމަޑުންނެވެ.

”އެހެންތަ! މިހާރުދެން އަހަންނަކީ ވެސް ރައްޓެއްސެއްތާ!” 

ސަމާސާ ރާގުގައި އަރުޝަދު ވާހަކަ ދެއްކުމުން ޒިވިޔާ އަކަށް އެ ގޮތް ކަމަކު ނުދިޔައެވެ. ވާހަކަ ހުރި ގޮތުން އުދަނގޫ ވިއެވެ.

”ތިއީ އަހަރެން އަލަށް ދުށްމީހެއް! ދެން ކިހިނެތް ރައްޓެއްސަކަށް ވާނީ!…… ހާދަ ވާހަކަވެސް ގިނަ މީހެކޭ ” މި ހުރިހާ އެއްޗެއް އެ ވަގުތު ނުބުނެ ބޭއްވީ ޒިވިޔާގެ ހިތުގައެވެ. އޭރު ހޮސްޕިޓަލްގެ ގޭޓް ކައިރީ އިސްތިގުބާލަށް ނުކުމެ ތިބި ސްޓާފުންނާ އަސްލަމްމެނަށް އަޑު އިވޭ ހިސާބަށް ނަސީބަކުން އާދެވިއްޖެއެވެ. އެހިސާބުން ޒިވިޔާ އެއްފަރާތުގައި މަޑުކޮށްލީއެވެ. މި ދަތުރު މިހާ ހިސާބުން ނިމުނު ކަމަށްޓަކައި އުފާ ވެސް ވިއެވެ.

ޑޮކުޓަރ އަރުޝަދު ވީ ބަލި މީހުންނަށް އޯގާތެރި ބަލިމީހުންގެ ލޯބި ހޯދަން އެނގޭ މީހަކަށެވެ. އެހެންކަމުން ރަށުގެ މީހުންގެ އިތުރުން ކައިރި ރަށްރަށުން ޑޮކުޓަރަށް ދައްކަން އަންނަ މީހުންގެ ކުރިމަތީ ވެސް ޑޮކުޓަރ އަރުޝަދުވީ މަގުބޫލު ޑޮކުޓަރަކަށެވެ. 

ޑިއުޓީ ނެތަސް ގިނަވަގުތު އަރުޝަދު ހޭދަކުރަނީ ހޮސްޕިޓަލުގައެވެ. ހަވީރުގަޑީގައި ޑިއުޓީ ނެތިއްޔާ ހޮސްޕިޓަލުގެ ގޯތި ތެރޭގައި އޮންނަ ކޯޓަށް ބެޑްމިންޓަން ކުޅެން ދިއުން އެއީ އަރުޝަދު އާދަކޮށް ކުރާ ކަމެވެ. އެގަޑިއާ ދިމާކޮށް ހުސްކޮށް ތިބޭ ހުރިހާ އަންހެން މުއައްޒަފުން އެތަނަށް ޖަމާވެއެވެ.  

މި ކުދިންނާ ޚިލާފަށް ބެޑްމިންޓަން ކުޅޭ ހިތުން ނުވަތަ ކުޅެން ވެގެން ޒިވިޔާ އައިސް ކިޔޫ ޖެހިގެން ހުރިތަނެއް އަރުޝަދެއް ނުދެކެއެވެ. ފަހަރެއްގައި ކުޅެން ނޭނގޭތީ ކުޅެން ނޫޅެނީކަމަށް ވެސް ވެދާނެއޭ އަރުޝަދު ހިތަށް އެރިއެވެ. ހޮސްޕިޓަލުގެ ސްޓާފުންގެ ތެރެއިން އަރުޝަދާ އެންމެ މަދުން ވާހަކަ ދައްކާ ފަރާތަކީ ޒިވިޔާކަން އަރުޝަދަށް ފާހަގަވީ ވެސް ވަރަށްފަހުންނެވެ. މި ގޮތަށް ފާހަގަވިފަހުން ޒިވިޔާ އުޅެނީ އަރުޝަދާ ވީހާވެސް ދުރުންހެން އަރުޝަދަށް ހީވާ ފަހަރު ވެސް އާދެއެވެ. އެއީ އެހެން ހުރިހާ ކުދިންގެ އުޅުމާ ޒިވިޔާގެ އުޅުން ތަފާތުވުމުން ހީވާ ގޮތެއްކަމަށް އަރުޝަދު ނިންމިއެވެ. 

އަރުޝަދު ޑިއުޓީއަށް ނިކުތް ފުރަތަމަ ހަފުތާގައި މުޅިންވެސް ޑިއުޓީ ކުރީ ދުވާލު ގަޑީގައެވެ. މެނޭޖަރ އަސްލަމު ބުނިގޮތުން އެއީ ރަށަށް އާ ވީމާ ހޭނެން ދުވަސްކޮޅެއް ދިނީއެވެ. ދެވަނަ ހަފުތާގެ ޑިއުޓީ ތާވަލް ނެރުމުގެ ކުރިން ޑޮކުޓަރާ އަސްލަމު ބައްދަލުކޮށް ބައެއް ވާހަކަތައް ހިއްސާ ކުރިއެވެ. ރަށަކީ ކޮންކަހަލަ ރަށެއްކަމާ ހޮސްޕިޓަލުގައި ލިޔެވިފައި ނެތަސް ޢަމަލު ކުރަމުންދާ ބައެއް އާދަތައް ކިޔައިދިނެވެ. ޑޮކުޓަރގެ ގެ ކައިރީ ދިރިއުޅޭ ނަރުސް މުއީޒާއާ ކުލިނިކަލް އެސިސްޓެންޓް ޒިވިޔާ ރޭގަނޑު ޑިއުޓީ އެއްކޮށް ހަމަ ޖައްސާ ކަމާ އެއީ އެ ދެ ކުދިންނަށް ފަސޭހައަކަށް ހަދާފަ އޮންނަ ގޮތެއްކަމާ މީގެ ފަހުން ޑޮކުޓަރ އަރުޝަދު ރޭގަނޑުގެ ޑިއުޓީއަށް ލާއިރު އެދެކުދިންގެ ވެސް ޑިއުޓީ ވާނީ އެއް ޑިއުޓީ އަކަށް ކަމަށް ބުންޏެވެ. އޭރުން އަރުޝަދު ޑިއުޓީއަށް އަންނަ އިރު ނުވަތަ ދަންވަރު ޑިއުޓީ ނިންމާފަ ދާއިރު އެ ދެކުދިންނާ އެކު ދިއުން އެދޭ ކަމަށާ ކުރިން މި ގަޑިތަކުގައި އެކުދިން ބަލާ އަބަދުވެސް ދާނީ ހޮސްޕިޓަލުގެ ކޮންމެ ވެސް ފިރިހެން މުއައްޒަފެއްކަމަށް އޮޅުން ފިލުވައިދިނެވެ.  

                        ނުނިމޭ