އާންމު ހާލަތަށް ގައުމު ގެންދިއުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ.

ކޮވިޑުން ދިފާޢުވުމުގެ ވެކްސިން ޖެހޭ އާބާދީއަށް ވާވަރަށް ވެކްސިން ލިބިފައިވާ ކަމަށާއި، ރާއްޖެއަކީ ވެކްސިން ލިބުނު މަދު ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިފަދަ ފުރުސަތެއް ފަހިވެފައިވާއިރު، ހުކުރު ދުވަހުގެރޭ ކުރެއްވި ޓުވީޓެއްގައި ނައިބު ރައީސް ވިދާޅުވީ، ކޮވިޑު ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފަހިވެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމީ ދިވެހިންގެ ނަސީބު ކަމަށެވެ.

އެހެންކަމުން ފުރުސަތުގެ ބޭނުން ހިފައި، އާންމު ހާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

”މި ފުރުސަތުގެ ބޭނުން ހިއްޕަވައި، އާންމު ހާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ“ ނައިބު ރައީސްގެ ޓުވީޓުގައިވެއެވެ.

މި އަހަރުގެ މިނިވަންދުވަހުގައި ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މިހާރު ކުރިމަތިވެފައިވާ ހާލަތަކީ މުޅި ޤައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ހާލަތެއްކަން ފާހަގަކުރައްވައިފައެވެ. ހަމައެހެންމެ ކޮވިޑުގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވާކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.