ފާއިތުވި 15 ދުވަހުގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ފުވައްމުލަކު 02 ޒުވާނެއްގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން ރަށުންބޭރަށް ފޮނުވާ ފަރުވާ ހޯދަން ޖެހިއްޖެއެވެ. މީގެތެރެއިން 01 ހާދިޘާއަކީ އެޕެންޑިކްސް އޮޕަރޭޝަން ކުރަންޖެހޭކަން ދެނެގަންނަން ނޭގުމުގެ ސަބަބުން ފުވައްމުލަކު، މާދަޑު އަވަށަށް ނިސްބަތްވާ ޒުވާނަކު މިމަހުގެ 22 ވަނަ ދުވަހު އިމަޖެންސީގައި މާލެގެނެސް އޮޕަރޭޝަން ކުރަން ޖެހުނު ހާދިޘާއެވެ. 

”ފުވައްމުލަކު ޓައިމްސް” އަށް މައުލޫމާތު ދެއްވަމުން މިޒުވާނާގެ ބޮޑުބޭބެ ބުނީ ” އަޅުގަނޑުގެ ބޭބެގެ ދަރިފުޅު ފުވައްމުލަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ ބަނޑަށް ދަތުވެ ހޮޑުލާތީ ކަމަށާއި ޑޮކްޓަރު އޭނާ ބެއްލެވުމަށް ވިދާޅުވީ ގޭސް މައްސަލައެއް ކަމަށާއި އެކަމަކު އެއް ދުވަހުން އަނެއް ދުވަހަށް ހާލަތު ދަށްވުމުގެ ސަބަބުން އިމަޖެންސީކޮށް މާލެގެނެސް ބެލިބެލުމުން އެގުނީ އެޕެންޑިކްސް ދުޅަވުމުގެ ސަބަބުން ހާލަތު ދަށްވެގެން ދިޔައީ ކަަމަށެވެ. އެހެންކަމުން ވަގުތުން އޮަޕަރޭޝަންކުރުމަށްފަހު އޭނާގެ ހާލަތު ރަގަޅުވުމުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.”

އެޕެންޑިކްސް އޮޕަރޭޝަން ކުރުމަށްޓަކައި އިމަޖެންސީގައި މާލެގެނެސް އޮޕަރޭޝަން ކުރިއިރު ފުވައްމުލަކު ހޮސްޕިޓަލުން ކާމިޔާބުކަމާއެކު މިބާވަތުގެ އެތައް އޮޕަރޭޝާނެއް މީގެކުރިން ކޮށްފައިވެއެވެ، 

ފުވައްމުލަކު ހޮސްޕިޓަލްގެ ޑޮކްޓަރުންގެ އިހުމާލުވުމުގެ ސަބަބުން ފުވައްމުލަކު، މިސްކިތްމަގު، ކާނިމާގެ، އިބުރާހީމް ޞަބާހު މުހައްމަދު ވަނީ މިހަފުތާގައި ތެރޭގައި އައްޑޫއަށް އައިސް ކަށީގެ ޑޮކްޓަރަށް ދައްކާފައި ފަރުވާ ހޯދާފައެވެ. މިކަމާގުޅޭ ގޮތުން އިބުރާހީމް ޞަބާހުގެ ފޭސްބުކް ޕޭޖުގައި ކަންބޮޑުވުން ފާޅުކޮށްފައިވާތީވެ ”ފުވައްމުލައް ޓައިމްސް”ގެ ފަރާތުން އޭނާގެ ބަހެއް ހޯދުމަށް ގުޅާލުމުން ބުނީ ” މީގެ 12 ވަަރަކަށް ދުވަސް ކުރިން އޭނާ ސައިކަލް ދުއްވާަފައި ދަނިކޮށް ފުވައްމުލަކު، މިސްކިތްމަގު އަވަށު ވައިލެޓްވިލާ ކުރިމަތީގައި ހުރި ވަޅުގަނޑަކަށް  ސައިކަލާއެކު އޭނާ ވެއްޓުމާއި ގުޅިގެން މޭކަށިގަނޑަށް ތަދުވާތީވެ ފުވައްމުލަކު ހޮސްޕިޓަލްގެ ޑޮކްޓަރަށް ދެއްކުމުން މާބޮޑުކަމެއް ނުވާކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް މޭކަށިގަނޑަުގައި ރިއްސާ އިތުރަށް އުދަގޫވާތީވެ އައްޑުއަށްއައިސް ޑޮކްޓަރަށް ދައްކާލުމުން އެގުނީ މޭކަށިގަނޑުގެ ތެރެއިން 2 ކަށިގަނޑެއްގައި ރެނދުލާފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު  މިދަނީ ޑޮކްޓަރުގެ ލަފަޔާއެކު ފަރުވާ ހޯދަމުން ކަަމަށެވެ.”

ފުވައްމުލަކު ހޮސްޕިޓަލްގެ ހާލަތު ދަށްވުމުގެ ސަބަބުން މިފަދަ އެތައް ހާދިޘާއެއް ތަކުރާރުވާއިރު އިމަޖެންސީގައި ބަލިމީހުން މާލެއާއި އައްޑޫއަށް ގެންދާ ދިއުމަށް ވެސް ދައުލަތުގެ ބަޖެޓުންނާއި އަމިއްލަ މީސްމީހުންގެ ޖީބުން ބޮޑެތި އަދަދުން ފައިސާ ހޭދަ ކުރަންޖެހެއެވެ. 

ހޮސްޕިޓަލްގެ ޙާލަތު ހުރި ގޮތުން ހޮސްޕިޓަލްގެ ޚިދުމަތް ތަކުގެ ފެންވަރު ރަގަޅު ކުރަން މަޖުބޫރުވެފައިވާ ކަމަށް ފުވައްމުލަކުގެ ރައްޔިތުން އަންނަނީ އަޑުއުފުލަމުންނެވެ. އެހެންނަމަވެސް މިއަޑުއަހައި މިކަން ހައްލުކުރާނެ ދައުލަތުގެ މުއައްސަސާއެއް ނެތްކަން ހިތާމަޔާއެކު ފާހަގަކޮށްލަންޖެހެއެވެ.