އާބާދީގައި 14000 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންގެ އެދުރު ގެއަކީ ޏ. އަތޮޅުގެ ތައުލީމީ މަރުކަޒެވެ. 1982 އޭޕްރީލް 20 ދުވަހު ފުވައްމުލަކުގެ ފަޒާއަށް އަލިވިލުނު ތައުލީމީ ދަންމަރުން ނަން މަޝްހޫރު ޝަޚްސިއްޔަތުން އުގެނި ދަސްވެނިވެ ފުވައްމުލަކަށާއި ދިވެހިރާއްޖޭގެ އެކިކަންކޮޅު ތަކުގައި ޚިދުމަތް ކުރަން ދެމިތިބުމަކީ ފުވައްމުލަކު ކޮންމެ ފަރުދަކު ފަޚްރުވެރިވާން ޖެހޭކަމެކެވެ. މީގެތެރޭގައި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ޑޮކްޓަރުންނާއި، ޕައިލެޓުންނާއި، އިންޖިނިއަރުންނާއި، ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި ކައުންސިލަރުންގެ އިތުރަށް ސިޔާސީ މަގާމުތަކާ، ސިވިލްސަރވިސްއާއި ޕްރައިވެޓް ސެކްޓަރގައި މިމަރުކަޒުން ތަޢުލީމު ހާސިލްކޮށްފައިވާ އެތައް ބަޔަކު ޚިދުމަތް ކުރަމުން އެބަގެންދެއެވެ، ނުވަތަ އެކިއެކި ދުވަސްވަރު ޚިދުމަތް ކޮށްފިއެވެ. 

May be an image of 5 people

މިއަދު ފުވައްމުލަކު ހުރި ސަރުކާރުގެ މުއައްސަސާތަކާ އަމިއްލަ ހުރިހާ މުއައްސަސާތަކެއްގެ އިސްވެރިންނާއި މުވައްޒަފުންގެ ގޮތުގައި ތިބި މީހުންގެ 90 އިންސައްތަ އަށްވުރެ މަތީ އިންސައްތާގައި ތިބީ  ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ތަޢުލީމު ހާސިލްކޮށްފައިވާ ކުދިންނެވެ. މީގެ އިތުރަށް ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމުގެ ސިނާއަތުގަޔާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަން ދާއިރާއާއި، ނޫސްވެރިކަމުގެ ދާއިރާއާއި، ކުޅިވަރު ދާއިރާއާއި މިނޫނަސް އެހެން ދާއިރާ ތަކުގައި ތައުލީމީ މަރުކަޒުން ތައުލީމު ހާސިލްކޮށްފައިވާ އެތައް ދަރިން ތަކެއް ޚިދުމަތް ކުރަމުން ގެންދާކަމީ ތައުލީމީ މަރުކަޒަށް ހިނިތުންގެނެސްދޭ ކަމެކެވެ.

May be an image of 2 people

ފުވައްމުލަކުގެ ތަޢުލީމީ މުންނާރުގެ ގޮތުގައި ފުވައްމުލަކުގެ ގިނަ ބަޔަކު ދެކެމުންދާ ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ މަތީ އަރުތަ ތަކެއް ހާސިލްކޮށް ރާއްޖެއިން ނަން ވިދާލާފައިވާ ސްކޫލެކެވެ. ކިޔެވުމުގެ ރޮގުންނާއި ކުޅިވަރު މައިދާނުގައި ރަންވަނަ ތަކެއް ހާސިލްކޮށްފައިވާ ސްކޫލެކެވެ. މާލެ ފިޔަވައި އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ޘާނަވީއަށް ކިޔަވައިދޭން ފެށުނު ސްކޫލަކީ ވެސް  ޏ. އަތޮޅު ތަޢުލީމީމަރުކަޒެވެ. 

ފުވައްމުލަކުގެ ތައުލީމުގެ ކުރިބޯށި ކަމުގައިވާ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު ވެސް ގްރޭޑް 7 ން 12 އަށް 400 އަށްވުރެ ގިނަ ކުދިން ތައުލީމު ހާސިލް ކުރަމުންދާއިރު މިއަދު މިމަރުކަޒު ފެންނަނީ ވަަރަށް ބޮޑަށް ވީރާނާވެފައިވާ މަންޒަރެވެ. ސްކޫލްގެ ބައެއް ޢީމާރާތްތަކަކީ ކުދިންނަށް ކިޔަވައި ދިނުމަށް ބޭނުން ކުރުމަށް އެންމެ އެކަށޭނަ ތަންތަނެއް ނޫނެވެ. ސްކޫލްގެ އިދާރީ އޮފީހުގެ ހާލަތު ވެސް އެހާމެ ނިކަމެއްޗެވެ. އޮފީސް ހިންގަމުން ގެންދަނީ މަރުކަޒާއި އިންގެން ހުރި ކުރީގައި ހެޑްމާސްޓަރު ދިރިއުޅުމަށް ޢިމާރާތް ކޮށްފައިވާ ގޭގައެވެ. ސްކޫލްގެ މިހާރުގެ ހާލަތަށް ބަލާއިރު ވީރާނެވެފައިވާ ބާ އިމާރާތް ތަކުގެ ބަދަލުގައި ޒަމާނަށް ފެތޭ ރީތި ޗާލު އިމާރާތްތަަކަކަށް ވަނީ ބޭނުންވެފައެވެ. 

May be an image of 3 people

ފިނޭންސް މިނިސްޓްރީގެ ބަޖެޓް ފޮތުން ދައްކާ ގޮތުގައި ފާއިތުވި 2020 އަދި މިހިނގާ 2021 ވަނަ އަހަރުގެ ބަޖެޓްގައި ވެސް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 12 ކުލާސް ރޫމްގެ އިމާރާތެއް އެޅުމަށް ބަޖެޓް ކުރެވުނެވެ. ބަޖެޓް ފޮތުން ފެނުނު ކަމުގައި ވިޔަސް މި އިމާރާތް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ފެށިފައި ނުވާތީވެ، ފުވައްމުލައް ޓައިމްސްގެ ފަރާތުން ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާޢީލް ސައުދުﷲ އަށް ސުވާލުކުރުން ޕްރިންސިޕަލް ވިދާޅުވީ ” 12 ކުލާސްރޫމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށްޓަކައި  2021 ޖޫން 28 ވަނަ ދުވަހު މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން އަޙްމަދު ރިޔާޒަށް މެސެޖް ކުރުމުން ސްޓޭޓް މިނިސްޓަރ ވިދާޅުވި ކަމަށް މިއަހަރުގެ 4 ވަނަ ކްއާޓަރގައި 12 ކުލާސް ރޫމްގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށާއި މިހިނގާ ޖުލައި މަސް ނިމުމުގެ ކުރިން ޢިމާރާތުގެ ކުރެހުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.” ސައުދު އިތުރަށް ވިދާޅުވީ ”2019 އަހަރު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަގާމާއި އޭނާ ހަވާލުވިއިރު މަރުކަޒު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށާއި އެކަން ހައްލު ކުރުމަށް 2020 އަހަރު މަސައްކަތްތަކެއް ޕްލޭން ކުރެވުމުން ދަނިކޮށް ކޮވިޑް-19ގެ ޕެންޑެމިކް އާއި ގުޅިގެން އެޕްލޭންތައް ތަންފީޒު ކުރުން މިވަނީ މެދުކެނޑިފައި. އަދި ސްކޫލްގެ އިމާރާތްތައް ބާ ކަމަށް ފެންނަނީ ވަރަށް ކުރީގެ ޢިމާރާތްތަކެއް މިހާރުވެސް ފެންނަން ހުރީމާ. އާ ޢިމާރާތް އަޅާނީ މިދެންނެވި ޢީމާރާތް ތަޅާލުމަށްފަހުގައި ކަމަށެވެ.”

މިނޫހުން ހޯދި މައުލޫމާތު ތަކުން އެގޭގޮތުގައި ޏ. އަތޮޅު ތަޢުލީމީމަރުކަޒުގެ ތަރައްޤީއަށް އެންމެ ފަހުން ބޮޅެއް އިތުރުވެގެންދިޔައީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އެމަނިކިފާނުގެ ވެރިކަމުގެ ފަހު ދައުރުގައި ސައިންސް ލެބާއި އޭވީރޫމާއި ލެކްޗަރޫމް ހިމެނޭ ގޮތަށް އޭލެވެލް ޢިމާރާތަކާއި، ސްކޫލްގެ މަލްޓިޕާޕޯސް ހޯލް އިމާރާތް ކޮށްފައިވެއެވެ. އެހެންކަމުން ޕްރިންސިޕަލް ފާހަގަކުރެއްވި ގޮތަށް ސްކޫލްގެ ވީރާނާކަން ފިލުވައިލައި ޒަމާނަށް ފެތޭ ކިޔަވައި ކުދިންނަށް އުފާވެރިކަމާއި ހިތްހަމަޖެހޭ މާހައުލަކަށް ޏ. އަތޮޅު ތައުލީމީ މަރުކަޒު ބަދަލު ކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް އަވަސް މުއްދަތެއްގައި ކުރަން މިވަނީ މަޖުބޫރުވެފައެވެ. 

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަގާމަށް އިސްމާޢީލް ސައުދުﷲ ހަވާލުވުމަށްފަހު ސްކޫލްގެ ނަތީޖާއަށް ހެޔޮބަދަލެއް އައިސްފައިވާ ކަމަށާއި ސްކޫލްގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތް ކުރައްވަމުން ގެންދަވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މިގޮތުން ބެލެނިވެރިންގެ ހިއްސާއެކު ކުލާސް ރޫމް ތަކުގައި ޓައިލްސް ޖެހުމާއި، ބައެއް ކުލާސް ތަކުގައި ޓީވީ ހަރުކުރުން ފަދަ ކަންތައް ކުރަމުން ގެންދިޔުމުގެ އިތުރަށް ސްކޫލުން ދެއްވާ ޚިދުމަތްތައް ޖިގިޓަލްކޮށް ދެވޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. ކޮވިޑް- 19ގެ ޕެންޑެމިކްގައި ވެސް ރާއްޖޭގެ ބޮޑެތި ސްކޫލް ތަކަށް ގޮންޖަހައި އަވަސް މުއްދަތެއްގެ ތެރޭގައި  އޮންލައިންކޮށް “ގޫގުލް ކްލާސްރޫމާއި އެޑިއު ޕޭޖް އެޕްލިކޭޝަން ބޭނުންކޮށްގެން ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލް ދަރިވަރުންނަށް ޝެއަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ކުދިންގެ ކިޔެވުމަށް ބުރުނައަރާނެ ގޮތަކަށް ކިޔަވައި ދިނުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ.

ސަރުކާރު ހިންގާ އެމްޑީޕީއަށް 16 އަހަރު ފުރުމާއި ގުޅިގެން ކްލަބު ހައުސް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ޕެނެލް ޑިސްކަޝަންގައި މިސަރުކާރުގެ ތަޢުލީމީ ސިޔާސަތު ހާމަކުރަމުން ތަޢުލީމާބެހޭ މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ ”ރާއްޖޭގެ ދެކުނުން ޏ. އަތޮޅު ތަޢުލީމީ މަރުކަޒާއި އުތުރުން ކުޅުދުއްފުށީ ސިޓީ ޢަފީފުއްދީން ސްކޫލް އިތުރަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިކަމަށް ބޭނުންވާ ބަޖެޓް ހަމަޖެހިފައިވާ ކަމަށާއި އެސްކޫލްތައް ތަރައްޤީވެގެންދާއިރު ސްޕޯޓްސް ފެސިލިޓިސް ހުންނާނެ. ސްޓެމް ލެބަކާއި، ސްކިލް ލެބެއް ހުންނާނެ. އާ ހުނަރުތަކާއި ކުޅިވަރުތައް ދަސްކޮށް ދިނުމުގެ މަސައްކަތުގެ ދަށުން ސްކޫލްގައި ގާއިމްކުރާ ސްޕޯޓްސް ލެބުން ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހުންނާނެ ކަމަށާއި މިސްކޫލް ތަރައްގީކޮށް ނިމޭއިރު  ވަށައިޖެހޭ ތައުލީމަށް ފައްކާވެފައިވާ ސްކޫލްތަކަށް ވެގެންދާނެ ކަމަށެވެ.”

ފުވައްމުލަކުގެ ރައްޔިތުން ދެކެން ބޭނުންވާ ހުވަފެނަކީ ތައުލީމީ މަރުކަޒު މިހާރަށްވުރެ ހަރުދަނާ ތަޢުލީމެއް ލިބޭނެ ގޮތަކަށް ތަރައްޤީވެގެން ދިޔުމެވެ. އެހުވަފެން ހަގީގަތަކަށް ވާނީ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވި ގޮތަށް ތަޢުލީމީ މަރުކަޒު ތަރައްޤީވެ، ކުލާސް ރޫމްތަކަށާއި އިދާރީ އޮފީހަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުވެ، އެމަރުކަޒުގައި ވީރާނާވެފައިވާ ބާ ޢިމާރާތްތަކުގެ ބަދަލުގައި ޒަމާނަށް ފެތޭ އާ ޢިމާރާތްތަކެއް އިމާރާތް ކުރެވިގެންނެވެ. ރައްޔިތުން ތިބީ އެހުވަފެނުގައި ކުލަޖެހިގެންދާނެ ދުވަހެއްގެ އިންތިޒާރުގައެވެ. 

May be an image of 8 peopleފޮޓޯ: ޏ.އަތޮޅު ތަޢުލީމީ މަރުކަޒު