ރާއްޖޭގައި ހުންނަވާ ޗެކް ރިޕަބްލިކްގެ އޮނަރަރީ ކޮންސުލް އަކަށް “ޕްރިންޓް ލެބް” ގެ ވެރިޔާ މަދީހު ޖަމާލް  އައްޔަންކުރައްވައިފި އެވެ.

މަދީހު އެ މަގާމަށް އައްޔަންކުރެއްވީ ޗެކް ރިޕަބްލިކްގެ ސަރުކާރުގެ ފަރާތުންނެވެ.

މަދީހުއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރެއްވުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި ވަނީ މަދީހަށް މަރުހަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ” ޗެކް ރިޕަބްލިކް އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ފާހަގަކޮށްލެވޭ މާކެޓެއް ކަމަށެވެ.”

“ޓޫރިޒަމް އާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ އިން ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، ގާތުން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރަން،” ޝާހިދު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާއިން ވެސް ވިޔަފާރީ ކުރައްވަމުން އަންނަ، މަޑުމައިތިރި މިޒާޖެއްގެ ވެރި މަދީހު އަކީ “ޕްރިންޓް ލެބް” ގެ ވެރިޔާ ވެސް މެ އެވެ.

“ޕްރިންޓް ލެބަކީ” ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަދި ކަސްޓަމަރުން އެންމެ ހިތްހަމަޖެހޭގޮތަށް ކެންވަސް ފަދަ ޕްރިންޓް ތަކުގެ ޚިދުމަށް ދެމުން އަންނަ ޕްރިންޓް ލެބެކެވެ.