‏‏ފުވައްމުލަކު ސިޓީގެ ހުރިހާ ރައްޔިތުންނަށް ވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެކަށީގެންވާ ސިއްޙީ ޚިދުމަތްތަކެއް ރަށުގައި ތިބެގެން ލިބެން ނެތުމެވެ. ކޮންމެ ފަހަރަކު ޑޮކްޓަރަށް ދައްކަން މާލެ އަށް ނުވަތަ އައްޑުއަށް ދާން ނުޖެހި އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބިގެން ދިޔުމަކީ ފުވައްމުލަކުގެ ކޮންމެ ރައްޔިތެއްގެ ވެސް ދެކެމުން އަންނަ ހުވަފެނެކެވެ.

މިހާރު ފުވައްމުލަކު ސިޓީގެ ހުރިހާ ރައްޔިތުން ވެސް ބަރޯސާ ވާން ޖެހިފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކަށެވެ. ހޮސްޕިޓަލުން އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކިތަންމެ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ނަމަވެސް، އެ ހޮސްޕިޓަލްގެ އިންފްރާސްޓަރަކްޗަރ އަށާއި އައު ވަސީލަތްތަކެއް ގާއިމް ކުރެވިގެން ނޫނީ ރައްޔިތުންގެ އުއްމީދުކުރާ ފެންވަރުގެ އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދެވެން ނެތްކަމަށް ތަނުގެ ވެރިންނާއި ރަށުގެ ގިނަ ރައްޔިތުން ވެސް އެއްބަސްވެއެވެ.

ފުވައްމުލަކު ސިޓީގެ ސިއްޙީ ނިޒާމަށް ހެޔޮ ބަދަލަކަށް އެދިގެން ތިއްބާ އެބަދަލް ގެނެސް ދެއްވާނެ ކަމަށް 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެމްޑީޕީ އިއްތިހާދުގެ އޭރުގެ ކެނޑިޑޭޓް ނުވަތަ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހު ވައުދުވިއެވެ. އެމަނިކުފާނު ވައުދުވީ ”ފުވައްމުލަކު ހޮސްޕިޓަލަކީ 30 އެނދުގެ ސަބްސްޕެޝަލިޓީ ހޮސްޕިޓަލަކަށް ބަދަލުކޮށް ލެބޯޓްރީ ޚިދުމަތް ފުރިހަމަވެފައިވާ ހޮސްޕިޓަލަކަށް ހައްދަވައި ދެއްވާނެ ކަަމަށެވެ”. އެދުވަހު ފުވައްމުލަކު ރައްޔިތުން އެވާހަކަތައް އަޑުއަހައި ބާރަށް އަތްޖެހީ ނުހަނު އުފަލުން ތިބެއެވެ. ނަތީޖާއެއްގެ ގޮތުން ރިޔާސީ އިންތިޚާބުން ފުވައްމުލަކު ރައްޔިތުންގެ މެޖޯރިޓީ ވޯޓު އިބުރާހީމް މުޙައްމަދު ޞާލިހަށް ލިބުނުއިރު ވައުދު ފުއްދުމަށް ސަރުކާރުން އެދުނު ގޮތަށް 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވެސް ފުވައްމުލަކު 03 ގޮނޑި ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ ކެނޑިޑޭޓުން އިންތިޚާބު ކޮށްދިނެވެ. ހަމައެއާކު މިއަހަރުގެ އޭޕްރީލް މަހުގައި ބޭއްވުނު ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ މެޖޯރިޓީ ސަރުކާރަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމަށް 03 އަހަރު ފުރިގެންދާނީ މިއަހަރުގެ  ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ދެބައިވިއިރުވެސް ފުވައްމުލަކު އައު ހޮސްޕިޓަލް ނުވަތަ މިހާރު ހުރި ހޮސްޕިޓަލް 30 އެނދުގެ ސަބްސްޕެޝަލިޓީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައި ނުވާއިރު  2020 އަދި 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވެސް މިމަޝްރޫއަށް ބަޖެޓް ކުރެވިފައިވާކަން ފާހަގަ ކޮށްލަމެވެ. 

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިމުގެ ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލް ހުރި ސަރަހައްދާއި އިންވެގެން އޮތް  ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރުގެ ހުރި ސަރަހައްދު ހަމަޖައްސަވައި ދެއްވައިފައެވެ. މިކަމުން އެގިގެންދާ ހަގީގަތަކީ ބިމެއް ހަމަނުޖެހިގެން  ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާން ނުޖެހޭނެ ކަމަށެވެ. 

ފުވައްމުލަކު ސިއްޙީ ހާލަތު ހުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް ރައީސް ޔާމީން ސަރުކާރުގައި އެންސްޕާގެ ސީއޯ ކަމާއި، އެންވަަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގެ އިތުރަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ކަމުގެ މަގާމު އަދާކުރައްވާފައިވާ ޏ. ފުވައްމުލަކު، މާލެގަން ، ހުނުބޮލި، ޢަބުދުﷲ މުޙައްމަދު ދީދީ، އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވަނީ  ”ފުވައްމުލަކަކީ މާލޭއާ އައްޑު ނުންފަހެނާ ރާއްދޭގެ އެންމެ ބޮޑޮ އާބާދީއަށް އޮންނަހަ ރަށަހަ ވެފޭ ގާނޫނީ ގޮތެން ސިޓީއެއްގެ ދަރަޖަ ދެރެފޭ އޮތް ރަށަކަހަ ވީންމާ އަފުން ފުވައްމުލަކި ދިރީ ވޭންނާ މީހުން ގަބޫލް ކެރާ ގޮތެއި ސަރޮކާރެން ޚިދުމަތްތެއްކާ ވަސީލަތް ގާއިމު ކެރާކަލް ސިޓީއެކި ހިންނާޖެހޭ ތައުލީމީ ސިއްޙީ އަދި އެހެނިހެން އިޖްތިމާއީ އަދި އިގްތިސާދީ ވަސީލަތް ގާއިމު ކެރަންނަ އިސްކަން ދެންނޭނަ. އަފުން އެގޮތަހަ ގަބޫލް ކެރިއަސް ދިވެހި ރާއްދޭގެ ސިއްޙީ ނިޒާމު ބައްޓަން ކެރަމުން އެނީ ސަރަހައްދު ތެކަލަ ބެހާގެން ރީޖަނަލް ހޮސްޕިޓަލްތެއްކާ އަތެޅެ ހޮސްޕިޓަލް ތެއްކާ ސިއްޙީ މަރޮކަޒު ހިމެނޭ ގޮތަހަ ކަމަހަ ވޭކަލް ފުވައްމުލަކި ސިޓީއެ ހިންނައީ އަތެޅެ ހޮސްޕިޓަލެއް. ސިޓީ ހޮސްޕިޓަލް ތެކަކީ ދިވެހި ރާއްދޭގެ ސިއްޙީ ނިޒާމު ދެންނާ އެއްތެއް ނުން. އެހެން ވީންމާ ފުވައްމުލަކި ސިއްޓީއެން ލިބެންނަ ހިންނާހިނީ އަތޮޅެ ހޮސްޕިޓަލަކުން ލިބެންނަ ހިންނާ ޚިދުމަތް. އަފުން މިކަމަހަ ރުހުން ފަހެނާސް ނިރުހުން ފަހެނާސް މިކަން އޯތީ މިހެން. މިކަން ރަގަޅަ ވެންނޭ ސަރޮކާރިގެ ސިއްޙީ ދާއިރައި ސިޔާސަތޮ ބަދަލް ކޯގެން”

ފުވައްމުލަކު އައު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނުފެށި ލަސްވެ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި މިމަހުގެ 08 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުހައްމަދު ޞާލިހު ވަނީ ފުވައްމުލަކު ސިޓީގައި އަލަށް އިންތިޚާބުވެ މެއި މަހުގެ 17 ވަނަ ދުވަހު މަގާމާއި ހަވާލުވި ކައުންސިލާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވައިފައެވެ. އެބައްދަލުވުމުގައި ޞިއްޙީދާއިރާގެ ތަރައްޤީއަށް ފުވައްމުލަކުގައި ސަރުކާރުން އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ ތަފްސީލުތައް ކައުންސިލުން ވަނީ އޮޅުންފިލުވާފައެވެ. ހޮސްޕިޓަލްގެ މަސައްކަތް ކާރި ކުރިމަގެއްގައި ފެށިގެންދާނެ ކަމަށާއި ހޮސްޕިޓަލް ތަރައްޤީވެގެން އަންނައިރު ފުވައްމުލަކަށް މިހާރު ބޭނުންޖެހިފައިވާ ޑައިގްނޯސްޓިކް ޚިދުމަތްތައް މި ހޮސްޕިޓަލުގައި ޤާއިމްކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ފުވައްމުލަކު ރައްޔިތުން ރުއްސުމަށްޓަކައި ނުވަތަ ރައްުޔިތުންނަށް ނަނާ ހުވަފެން ދެއްކުމަށްޓަކައި ހޮސްޕިޓަލްގެ މަސައްކަތް ކާރި ކުރިމަގެއްގައި ފެށިގެންދާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާއިރު، މިއަހަރުގެ ދެވަނަ ކްއާޓަރ ފެށިފައިވާއިރު  ހޮސްޕިޓަލް މަޝްރޫއަށް ޢަމަލީ ސިފައެއް އައިސްފައިނުވާތީވެ، ފުވައްމުލަކު ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރައްވާނެ ކަމާއި މެދު ސުވާލު އުފެދެން ފަށައިފިއެވެ. 

ފުވައްމުލަކު ސިޓީގައި 30 އެނދުގެ ހޮސްޕިޓަލް އަޅަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެފި ނަމަ، ގޯސްވާނީ އެވާހަކަ ދެއްކި ބަޔެކެވެ. އެއީ ފިތުނަ އުފެއްދުމެއް ކަމަށް ވެދާނެއެވެ. އެހެން ކަމުން ހޮސްޕިޓަލް އެޅުމަށް ސަރުކާރުން ބޭނުންވާކަން ނުވަތަ ނުވާކަން ނިންމާނީ ވެސް ހަމަ ފުވައްމުލަކު ރައްޔިތުންނެވެ.