އުރީދޫން ބާއްވާ ވާޗުއަލު ދުވުން “އުރީދޫ އަތޮޅު ދުވުން” މި އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ އޮންލައިން “އުރީދޫ އަތޮޅު ދުވުން ބޭއްވީ މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ދުވުން ބޭއްވީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން ފަސްހާހައްވެރެ ގިނަ ބައިވެރިންނާއެކުއެވެ.

އުރީދޫން ބުނި ގޮތުގައި މި އަހަރު އެކުންފުނީގެ 16ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސް ހަރަކާތްތަކުގެ ތެރޭގައި އިތުރު ފުރިހަމަކަމާއެކު މި ވާޗުއަލް ރަން ބާއްވަން ހަމަޖެހިފައިވަނީ މިރަން އަށް ލިބިފައިވާ ބޮޑު ތަރުހީބާއެކު ދުރުގައި ތިއްބެވި ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އިވެންޓެއް ކަމުގައިވުމާއިއެކު އެވެ.

މިއަހަރުގެ ރަންގައި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީއަށް ރެޖިސްޓާވުމުގެ ފުރުސަތުވެސް ވަނީ މިހާރު ހުޅުވާލާފަ އެވެ.

އުރީދޫން ބުނިގޮތުގައި މި ދުވުމަކީ، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. 5 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، 1 އޯގަސްޓް އާއި 7 އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެއެވެ.

ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން، މި މަހުގެ 27 ގެ ހަވީރު ހައެއްގެ ކުރިން http://ore.do/regstr މެދުވެރިކޮށް ރަޖިސްޓަރީވާން ޖެހެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ އަތޮޅު ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން ކަމަށެވެ.

“އަތޮޅު ދުވުން އަޅުގަނޑުމެން ފުރަތަމަ ބާއްވާފައިވަނީ އުރީދޫގެ އަހަރީދުވަހާ ގުޅިގެން މިދިޔަ އަހަރު. ވާޗުއަލް ރަންއެއްގޮތުގައި މި ރަން އަޅުގަނޑުމެން ފަރުމާކޮށްފައިމިވަނީ ޕެންޑެމިކްއާއެކު އެންމެން އެއްތަންވެގެން އުޅެވެން ނެތުމުގެ ސަބަބުން. އެހެންކަމުން މި އަހަރު އުރީދޫގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މި ފުރުސަތު އަޅުގަނޑުމެން މި ހުޅުވާލަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އުއްމީދުގައި.” ހުސެން ނިޔާޒް ވިދާޅުވިއެވެ.

މި ރަންގެ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ.

ރެޖިސްޓަކުރައްވާފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ. ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްދޭނެއެވެ.