ފުވައްމުލަކު އެއަރޕޯޓްގައި ބޭނުން ކުރަމުންދާ ލަގެޖު މެޝިން ހަލާކުވެފައި ހުންނަތާ 01 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އާ މެޝިނެއް ނުވަތަ ހަލާކުވެފައިވާ މެޝިން މަރާމާތު ކޮށްގެން ނަމަވެސް އެއަރޕޯޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް އެއަރޕޯޓް ހިންގާ ފަރާތް ނުކުޅެދިފައިވާ ކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ. ރައްޔިތުންނާއި ގުޅުން ހުރި ހައްސާސް މައްސަލައަކަށްވާތީވެ ފުވައްމުލައް ޓައިމްސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުވައްމުލަކު އެއަރޕޯޓްގެ އިސްވެރިޔަކު ވިދާޅުވީ ”ކުރިޔަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި އާ މެޝިނެއް ލިބި އިންސްޓޯލް ކުރާނެ ކަމުގެ ޔަގީންކަން އެއަރޕޯޓް ހިންގާ ފަރާތް ކަމަށްވާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ދީފައިވާ ކަމަށެވެ”.

ލަގެޖު މެޝިން ހަލާކުވުމުގެ ސަބަބުން ދަތުރުވެރިންނަށް ވަރަށް ބޮޑު ތަކުލީފުތަކާ ކުރިމަތިލާންޖެހެއެވެ. އެއަރޕޯޓުން ފުރާ މީހުންނާއި އެއަރޕޯޓަށް އަންނަ މީހުން ގެންނަ ކޮންމެ ދާގީނާއެެއް ވެސް ހުރިހާ އެންމެންގެ ކުރިމަތީގައި ބަލައި ފާސްކުރުމަކީ މުދަލަށް ލިބެންވާ ރައްކާތެރިކަން ނުލިބޭ ކަމެއް ކަމުގައި ދަތުރުވެރިން ދެކެއެވެ. އަދި އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް އެތައް ގުނައަކަށް ބުރަވެ ދަތުރުވެރިންގެ ހިތްހަމަ ނުޖެހުމާއި ދެކޮޅުވެރި ކަމުގެ ޝުޢޫރުތަކާ މުވައްޒަފުން ކުރިމަތި ލާންޖެހެނީ މަދެއް ކޮށެއް ނޫނެވެ.

މިމައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން ކޮވިޑާއި ގުޅިގެން ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސް ކޮންފަރެންސުންނާއި ސޯޝަލް މީޑިއާގެ ތަފާތު ފުލެޓް ފޯމު ތަކުގައި ރައްޔިތުން ކޮށްފައިވާ ޕޯސްޓް ތަކުން އެގެއެވެ. އަދި މެޝިންގެ މައްސަލާގައި އެފް. އީ.އޯ،ސީއަށް އަަމާޒުކޮށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ފަރާތުން ވިދާޅުވީ ”އެއަރޕޯޓަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަނަކަށް ނުވާތީވެ ސިޓީ ކައުންސިލަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ.” އެގޮތަށް ވިދާޅުވިޔަސް ސިޓީއެއްގައި ހިމެނޭ ކޮންމެ ޚިދުމަތަކާ ގުޅޭ ގޮތުން ވެސް ބަސް ކިޔުމުގެ އިޚުތިޔާރު ގާނޫނުން ވަނީ ސިޓީ ކައުންސިލަށް މަތިކޮށްފައެވެ. 

ފުވައްމުލަކަކީ އަބާދީގެ ގޮތުން 14000 މީހުން ދިރިއުޅޭ ސިޓީއަކަށްވެފައި ސަރުކާރުން އެދުނު ގޮތަށް ރައްޔިތުންގެ މަޖުލީހަށް ފުވައްމުލަކު 03 ދާއިރާއިން ވެސް ސަރުކާރު ނިސްބަތްވާ ޕާޓީގެ ކެނޑިޑޭޓުން ހޮވައި އިންތިޚާބުކޮށްދީ ފުވައްމުލަކު ސިޓީގެ މޭޔަރު ކަމުގެ މަގާމާއި ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ސަރުކާރަށް ދީފައިވާއިރު ސިޓީއަށް ދިމާވާ މައްސަލަ ތަކުގެ ތެރެއިން އަވަސް ހައްލެއް ހޯދަން ބޭނުންވާ މައްސަލަ ތަކުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވާތީވެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރެއެވެ.