ސަރުކާރުގެ ގެދޮރުވެރި ސިޔާސަތުގެ ދަށުން އަތޮޅުތެރޭގައި އެޅުމަށް ނިންމާފައިވާ 5000 ހައުސިންގ ޔުނިޓްގެ ތެރެއިން ފުވައްމުލަކު ސިޓީގައި ޢިމާރާތް ކުރުމަށް ސަރުކާރުން ނިންމާފައިވާ 800 ހައުސިންގ ޔުނިޓްގެ ތެރެއިން ފުވައްމުލަކުން ގޯތި ލިބި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެމީހަކަށް ލިބިފައިވާ ގޯތީގައި ގެ އެޅުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ބުނެ 2019 އަހަރު ފުވައްމުލަކު ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނަށް އިޖާބަދީ އެތައް ފަރާތްތަކުން ވަނީ ފޯމު ހުށަހަޅާފައިވެއެވެ.

ފޯމު ހުށަހަޅަން ޖެހެނީ ރަޖިސްޓްރީ ކޮށްގެން ކަމަށްވާތީވެ، ބައެއް ފަރާތްތަކުން އެމީހުންގެ ގޯތި ރަޖިސްޓްރީ ނުކުރެވިފައި ހުރުމުގެ ސަބަބުން ގޯތި އެޅޭނެ ކަމަށް ހީކޮށް ގޯތީގައި ހުރި ރުއްގަސްތަކަށް ބަދަލު ދިނުމަށްފަހު ގޯތި ރަޖިސްޓްރީ ކޮށްގެން ވެސް ފޯމު ހުށަހެޅިއެވެ. އަދި މިސިޔާސަތުގެ ދަށުން ގޯތީގައި ގެ ޢިމާރާތް ކުރެވޭނީ ސަރުކާރުން ކަނޑައަޅާފައިވާ 03 ކުރެހުމުގެ ތެރެއިން އެމީހަކު އިޚްތިޔާރު ކުރާ ކުރެހުމެއްގެ މައްޗަށް ދޫކުރެވުނު ފޯމުގައި ބަޔާން ކޮށްފައިވެއެވެ.

ހައުސިންގ ޔުނިޓް އެޅުން ލަސްވާތީވެ، މިކަމާގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީގެ ފަރާތުން މިދިޔަ އަހަރު ބޭއްވި ނިވުސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ ” އެއީ އަތޮޅު ތެރޭގައި ކުރެވުނު ސާވޭއެއް ކަމަށާއި އެސާވޭއިން އަތޮޅުތެރޭގައި ބޯހިޔާވަހި ކަމަށް ބޭނުންވާ އެތައް ބަޔަކު ތިބިކަން ފާހަގަ ކުރެވުނު ކަމަށް ވިދާޅުވެ” ވަނީ އިތުރުފުޅު ހައްދަވާފައެވެ.

އަސްލަމް މިގޮތަށް ވިދާޅުވި ކަމުގައި ވިޔަސް 2019 ޖުލައި މަހުގެ 01 ވަނަ ދުވަހު އޮންލައިން ނިވުސްއަށް ދެއްވި އިންޓަވިއުގައި “ފުވައްމުލަކުން ގޯތި ލިބި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އަލަށް މިހުޅުވާލި ހައުސިންގ ޔުނިޓް މަޝްރޫއުގެ ތެރެއިން ގެ އެޅުމުގެ ފުރުސަތުލިބޭނެ، ސަރުކާރުގެ ވިސްނުމަކީ ހަމައެކަނި ހައުސިންގ ޔުނިޓްތަކެއް އެޅުމެއްނޫން، ގޯތި ލިބި ގެ އެޅޭނެ ވަސީލަތްތައް ނެތް ފަރާތްތަކަށް ގެ އެޅޭނެ އުސޫލްތަކެއްވެސް މި 800 ހައުސިންގ ޔުނިޓްގެ ތެރެއިން ފަހިވެގެންދާނެ، އެފަދަ ފަރާތްތަކަށް ފަސޭހައިން ބޯހިޔާވަހިކަން ހޯދައިދިނުމަކީ މިސަރުކާރުގެ ވިސްނުމެއް” ޚާލިސް ވިދާޅުވިއެވެ.

އަދި މިކަމަށް ހުޅުވާލައި އިއުލާން ކުރެވުނު ދުވަސްވަރު އިއުލާން ކޮށްފައިވަނީ ސާވޭއެއް ހަދަން ނޫން ކަމަށާއި ގޯތި ލިބި ބޯހިޔާވަހި ކަމެއް ނެތް ކޮންމެ މީހަކަށް އެމީހަކަށް ލިބިފައިވާ ގޯތީގައި ގެ ޢިމާރާތް ކުރެވޭ ގޮތަށް ކަން ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބަޔާން ކޮށްފައިވާ ކަމަށް ގެ އެޅޭނެ ކަމުގެ އުއްމީދުގައި ސިޓީ ކައުންސިލަށް ފޯމު ހުށަހެޅި ފަރާތްތަކުން ބުނަމުން ގެންދެއެވެ. 

ފާއިތުވި ހަފުތާގައި ސަރުކާރުން ވަނީ އަތޮޅު ތެރޭގައި ބޯހިޔާވަހި ކަމަށް ބޭނުންވާ ފަރާތްތަކަށް އެޗްޑީއެފްސީ މެދުވެރިކޮށް 170 މިލއަން ރުފިޔާގެ ލޯން ސްކީމެއް ފަށްޓަވާފައިވާއިރު އަތޮޅުތެރޭގެ ރަށްރަށުގައި ގޯތި ލިބި ގެއެއް އިމާރާތް ކުރެވޭނެ ގާބިލްކަން ނެތް ފަރާތްތަކަށް އެމީހަަކަށް ލިބިފައިވާ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ވެފައިވާ ވައުދު ބިލާހަކަށްވެއްޖެ ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.