ހުޅުމާލެ ވަގުތީ މިސްކިތެއްގައި އަވަގުރާނަ ގޮވައި، މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ 171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތައް ވަދެ އަޑުގަދަކޮށް މީހުންނަށް އުނދަގޫ ކުރި މީހަކަށް އެ ކަންތައް އެ ގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ މާރާމާރިއެއް ހިންގާފައިވާކަމުގެ މައްސަލަ ފުލުހުންނަށް އިއްޔެ އިރުއޮއްސި 18:38 ހާއިރު ހުށައަޅާފައިވާކަމަށެވެ. އެ މާރާމާރީގައި އެކަކަށް ކުދި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނެފައިވަނީ އެ މައްސލަ ދަނީ ތަޙްޤީގުކުރަމުންކަމަށެވެ.

ވަގުތީ މިސްކިތުގެ ތެރޭގައި ފިރިހެނަކު އަވަގުރާނަ ގޮވައި، މާރާމާރީ ހިންގާ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައި ވާއިރު، އެ މީހާ ހަޅޭއްލަވަނިކޮށް މިސްކިތުގައި ހުރި އެހެން މީހަކު ވަނީ އޭނާގެ ބޮލުގައި ޖަހައިފައެވެ. އެއާއެކު ޖެހި މީހާއާ ދިމާއަށް “އަވަގުރާނަ” ގޮވަމުން ގޮސް، އެ މީހާގެ ގައިގައި ކޮޅުފައިން ޖަހާ ތަން ވީޑިއޯ އިން ފެނެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ދެ މީހުން ވެސް ވަނީ މާރާމާރީ ހިންގައިފައެވެ.

ފަހަކަށް އައިސް ބައެއް ފަރާތްތަކުން އަންނަނީ މިސްކިތުގެ ހުރުމަތްކެނޑޭފަދަ ޢަމަލުތައް ހިންގަމުންނެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި މިސްކިތުގެ ސާފުތާހިރުކަން ގެއްލޭގޮތަށް އެތަނުގައި ކައިބޮއި ނިދުންފަދަ ޢަމަލުތައް ބައެއްމީހުން އަންނަނީ ހިންގަމުންނެވެ. މިފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދެއެވެ.

ނޯޓް:(ކުނިފެޅަ) އަކީ ފުވައްމުލަކު ބަހުރުވައިން އަވަގުރާނަ އެވެ.

މިސްކިތުތެރޭގައި ކުނިފެޅަހޮއްލި ވީޑިއޯ