ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޫކުރުމަށް ހަމަޖައްސާފައިވާ ފްރޮންޓްލައިން އެލަވަންސް ފުވައްމުލަކު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އަދިވެސް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުން ފުވައްމުލައް ޓައިމްސާއި ހިއްސާކޮށްފިއެވެ. 

ފުވައްމުލައް ޓައިމްސްއަށް މައުލޫމާތު ދެއްވި ބައެއް މުވައްޒަފުން އެމުވައްޒަފުންގެ ނަން ހާމަނުކުރަން އެދި ބުނީ ” ކޮވިޑުގެ ފުރަބަންދުގައި ފުވައްމުލައް ސިޓީ އޮންނަތާ މިހާރު ދޮޅު މަހަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭގައި ނުރައްކާތެރި މިންވަރަށް ކޮވިޑް ކޭސްތައް ހުރުމުގެ ސަބަބުން ރެޔާއި ދުވާލު އަނބިންނާއި ފިރިންނާއި ކުދިންނާއި ޢާއިލާއަށް ވަގުތު ނުދެވި ރައްޔިތުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑުގެ ޙާލަތަށް ބަލާއިރު ކޮވިޑް މެނޭޖު ކުރުމަށް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ދަތިކަމާއެކުގައި ވެސް ރައްޔިތުންގެ ރައްކާތެރި ކަމަށް ފަސްނުޖެހި މަސައްކަތް ކުރި ނަމަވެސް އެކަމުގެ އަގު ވަޒަން ކުރުމަށް ސިއްހީ ދާއިރާ ނުކުޅެދިފައިވާ ކަމަށެވެ. އެމުވައްޒަފުން އިތުރަށް ބުނީ  މިސިޓީގެ އެހެނިހެން މުއައްސަސާ ތަކުގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް  ފްރޮންޓްލައިން އެލަވަންސް ލިބިފައިވާ ކަމަށާއި އެހެން ކަމުން މިކަން ހަމަޖެހޭތޯ ހޮސްޕިޓަލްގެ މެނޭޖުމެންޓާއި ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ގުޅިގެން ކުރެވުނު މަސައްކަތުން އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ”.

ސިއްހީ ދާއިރާގެ ހާލަތަށް ބަލާއިރު އެމްބިއުލާންސް ނުފޮނުވިގެން ކުޑަކުޑަ މިޝްކާ ނިޔާވުމުގެ ސަބަބުން އެމްބިއުލާންސް ބެލެހެއްޓުމަކީ ހެލްތު މިނިސްޓްރީއަށް ކުރެވޭނެ ކަމަކަށް ނުވާތީ އެމްބިއުލާންސް ބެލެހެއްޓުމަށް ވަކި މުއައްސަސާއެއް ގާއިމް ކުރުމަށް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވިއިރު، އެމިނިސްޓްރީ ގެ ބެލުމުގެ ދަށުގައިވާ މުވައްޒަފުންނަށް ފްރޮންޓަލައިން އެލަވަންސް ދިނުމަކީ ވެސް ހެލްތު މިނިސްޓްރީއަށް ކުރެވޭނެ ކަމަކަށް ނުވާތީ ފްރޮންޓަލައިން އެލަވަންސް ދިނުމަށްވެސް ވަކި މުއައްސަސާއެއް ގާއިމް ކުރަން ޖެހުމަކީ ވެސް އެކަށިގެންވާ ކަމެކެވެ.

ފްރޮންޓަލައިން އެލަވަންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާއިރު، އެލަވަންސް  ނުލިބިގެންނާއި އެލަވަންސް ދިނުމުގައި ތަފާތު ކުރުން ގެންގުޅެފައިވާ ކަމުގެ ޝަކުވާ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ.