ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތަކީ އަގުނުކުރެވޭވަރުގެ މަތިވެރި ޚިދުމަތެއް ކަމުގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ މި ނުރައްކާތެރި ވަބާގެ ތެރޭގައި ރައްޔިތުންނަށް ފަރުވާދެއްވުމުގައި އުޅުއްވާ ޑޮކްޓަރުންނާއި ނަރުހުންނާއި އެންމެހާ ޚިދުމަތްތެރިންގެ މަސައްކަތްތަކަކީ އަގުނުކުރެވޭވަރުގެ މަތިވެރި ޚިދުމަތެއްކަމުގައެވެ. އަދި މާތްﷲ އެބާމީހުނަށް ހެޔޮ ޖަޒާ ދެއްވުމަށް ޑރ. ޝަހީމް އެދިފައިވެއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ މި ނާޒުކު ދަނޑިވަޅުގައި، ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 20 އިންސައްތަ މީހުން “ޑިޕްރެޝަން” ނުވަތަ ނަފްސާނީ ބަލިމަޑުކަމާ ކުރިމަތި ލަމުން އަންނަ ކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.

އެގޮތުން ކޮންމެ ފަސް ސިއްހީ މީހެއްގެ ތެރެއިން އެކަކަކީ ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލަމުން އަންނަ މީިހެއް ކަމުގައި ދިރާސާއިން ވަނީ ދައްކާފައެވެ. ލަންޑަންގެ ސުކޫލަކުން އުފެއްދި ދިރާސާއެއް ކަމަށްވާ “ޕްލޮސް ވަން” ކިޔާ ޖާނަލްއެއްގައި ވަނީ، ކޮވިޑާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު ގެއްލުން ތަކެއް ލިބެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން 21 ގައުމެއްގައި ޖުމުލަ 97،000 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިން އުޅޭ ކަމަށް ވެސް އެ ދިރާސާގައި ބުނެފައި ވެއެވެ. އަދި އޭގެ ތެރެއިން  43.6 އިންސައްތަ މީހުން ނަފްސާނީ ގޮތުން އެކި އެކި ކަންކަމާ ކުރިމަތިލަމުން އަންނަ ކަމުގައި ވެސް ބުނެފައި ވެއެވެ.

ކަން މިހެން އޮތް އިރު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ސިއްހީ ހިދުމަތްތެރިން އަންނަނީ ކެތްތެރިކަމާއެކު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަމިއްލަ އާއިލާއާ ދުރުގައި އެތައް ދުވަސްތަކަކާ ވަގުތުތަކެއް ހޭދަ ކުރަމުން އެބޭފުޅުން އަންނަނީ މި ގައުމަށްޓަކައި ނުހަނު ގިނަ މަސައްކަތް ތަކެއް ކޮށްދެމުންނެވެ. ވީއިރު އެބޭފުޅުން އެކުރަމުން އަންނަ މަސައްކަތް ތަކަށް ޝުކުރު ހައްގުކަން ގައިމެވެ.