ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ހުކުރު ދުވަހުގެ ރޭ އިޓަލީގެ ރޯމުގައި ފަށާފައިވާއިރު މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް އޭ ގައި ހިމެނޭ ދެ ޓީމް ކަމުގައިވާ އިޓަލީއާއި ތުރުކީއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އިޓަލީންނެވެ.

މި މެޗުގައި އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން މެޗުގެ 63 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާކުރިއިރު، އެ ޓީމުން ވަނީ ތުރުކީގެ ގޯލާއި އަމާޒުކޮށް ޖުމްލަ އަށް ހަމަލާއެއް ފޮނުވާލާފައެވެ. މި މެޗުގައި ތުރުކީއަށް އިޓަލީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވާކަން ފާހަގަ ކުރެވެއެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް އިޓަލީން ވަނީ ރަނގަޅު ހަމަލާތަކެއް މި ހާފުގައި ވެސް ތުރުކީގެ ގޯލަށް ފޮނުވާލާފައެވެ. މިގޮތުން 21 ވަނަ މިނެޓުގައި އިޓަލީގެ ޑިފެންޑަރ ޗިއެލީނީ ތުރުކީގެ ގޯލަށް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަ ކޮށްލެވެއެވެ. މި ހަމަލާ ތުރުކީގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި އިޓަލީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ ކުޅުމަށް ވުރެވެސް ރަނގަޅު ކުޅުމެކެވެ. އިޓަލީއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބިފައިވަނީ 53 ވަނަ މިނެޓުގައި ތުރުކީގެ ޑިފެންޑަރ ޑިމެރަލްގެ އަތުން ބައިކޮޅަށް ވަތް ތާރީޚީ ލަނޑުންނެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ގޯލު ބައިކޮޅަށް ވަން ފުރަތަމަ ފަހަރެވެ. މެޗުގެ ދެވަނަ ލަނޑު އިޓަލީއަށް ކާމިޔާބު ކޮށްދީފައިވަނީ 66 ވަނަ މިނެޓުގައި އިމޮބައިލެވެ. މެޗުގެ ތިންވަނަ ލަނޑު ތުރުކީގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައުވަނީ އިންސިއިނޭއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ އިމޮބައިލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މި މެޗު ބެލުމަށް އިޓަލީގެ ރޯމްގައި ހުންނަ އޮލިމްޕިކޯ ސްޓޭޑިއަމަށް ސޯޅަހާސް ސަޕޯޓަރުން ވަނީ ވައްދާފައެވެ. މުބާރާތުގެ ކުރިން ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި އިޓަލީން މިއީ އެ ޓީމު ބަލިނުވެ ހަމަކުރި 28 ވަނަ މެޗެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު 18:00 ގައި ބައްދަލުކުރާނީ ވޭލްސްއާއި ސްވިޒަލޭންޑެވެ. މިއީ ގްރޫޕް އޭ ގެ މެޗެކެވެ. ގްރޫޕް ބީގެ ދެ ޓީމް ކަމުގައިވާ ޑެންމާކާއި ފިންލެންޑް ބައްދަލުކުރާ މެޗު 21:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ދަންވަރު 0000 ގައި ބައްދަލުކުރާނީ ބެލްޖިއަމާއި ރަޝިއާއެވެ. މިވެސް ގްރޫޕް ބީގެ މެޗެކެވެ.